މާލޭ ސިޓީ ކައުންސިލްގެ މައި އިދާރާ ބަލައި ފާސްކުރަން މިދިޔަ ނޮވެމްބަރު މަހު ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ އެކަށީގެންވާ ހެކި ހުރެގެން ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު އެގޮތަށް ނިންމީ ކޮރަޕްޝަންގެ ތުހުމަތެއްގައި މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ފާސްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ކައުންސިލްގެ ފަރާތުން އިސްތިއުނާފް ކުރުމުން ނެވެ.
އެ އަމުރު އިސްތިއުނާފް ކުރަން ހުށަހެޅިތާ ތިން މަސް ފަހުން ހައި ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ ކޯޓު އަމުރަށް އެދުނުއިރު ފުލުހުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ ސިޓީއަށް ބަލާއިރު، އެތަން ފާސްކުރަން އަމުރު ނެރޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އެ އަމުރަށް އެދުމުގައި އަމަލުކުރަންޖެހޭ ހުރިހާ އިޖުރައާތުތަކެއް ފުލުހުން ފުރިހަމަކޮށްފައިވާ ކަމަށް ވެސް ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި އެ ހުކުމުގައިވެއެވެ.
ކުރިމިނަލް ކޯޓުން ނެރުނު އަމުރުގައި ސިޓީ ކައުންސިލްގެ އިދާރާ ބަލައި ފާސްކުރަން ބޭނުންވާ ސަބަބެއް ކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ބިމާއި ބެހޭ ގާނޫނުގެ ދަށުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެކުލަވާލަމުންދާ ދިވެހިރާއްޖޭގެ ބިމުގެ ދަފްތަރުގެ މަސައްކަތުގެ ތެރެއިން މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީން މާލޭ ސިޓީ ކައުންސިލަށް ފޮނުވާފައިވާ ޕީޑީއެފް ފައިލްތަކުގެ މައުލޫމާތު މާލޭ ސިޓީ ކައުންސިލްގައި މަސައްކަތް ކުރާ ބަޔަކު، އެ މައުލޫމާތުތައް އެހެން ފަރާތްތަކަށް ހިއްސާކޮށް، ނާޖާއިޒް ފައިދާތަކެއް ނަގަމުންދާ މައްސަލައާއި ގުޅިގެން ހެއްކާއި ގަރީނާ ހޯދުމަށާއި، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށެވެ.
އެތަން ފާސްކުރުމަށް ފަހު ފުލުހުން ވަނީ އެތަނުން ބައެއް ތަކެތި ގެންގޮސްފަ އެވެ.
ސިޓީ ކައުންސިލް ފާސްކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ ރަނގަޅަށް: ހައިކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ