އެސްޓީއޯ ނިޕޮން ޕެއިންޓް ގައުމީ ޓެނިސް މުބާރާތުގެ މެންސް އޯޕަންގެ ޗެމްޕިއަންކަން އަބްދުﷲ ފާއި ފަޒީލް ހޯދައިފި

ސާޅީސް ހަތް ވަނަ އެސްޓީއޯ ނިޕޮން ޕެއިންޓް ގައުމީ ޓެނިސް މުބާރާތުގެ މެންސް އޯޕަންގެ ޗެމްޕިއަންކަން އަބްދުﷲ ފާއި ފަޒީލް ހޯދައިފި އެވެ.
ޖުމްލަ 104 ކުޅުންތެރިން ބައިވެރިވި މި މުބާރާތުގެ މެންސް އޯޕަންގެ ޗެމްޕިއަންކަން އަބްދުﷲ ފާއި ފަޒީލް ހޯދި މިއަދު ކުޅުނު ފައިނަލުގައި އަލީ ފާރިޝް މުހައްމަދު ސީދާ 2 ސެޓުން ބަލިކޮށްގެން ނެވެ. މި މެޗުގެ ސެޓުތައް އަބްދުﷲ ފާއި ފަޒީލް ގެންދިޔައީ 6-1 އަދި 6-4 އިން ނެވެ.
މި މުބާރާތުގެ ވިމެންސް އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދީ އައިމިނަތު މަލީލާ ސޯލިހު އެވެ. އޭނާ މިބައިގެ ޗެމްޕިއަންކަން ހޮދީ އިއްޔެ ކުޅުނު ފައިނަލު މެޗުގައި ޒޭނާ އަބްދުއްރަޝީދުގެ މައްޗަށް ކުރިހޯދައިގެން ނެވެ.
މި މުބާރާތުގައި އޯޕަން ބައިގެ އިތުރުން ފިރިހެން 45 އަހަރުން މަތި އަދި 55 އަހަރުން މަތީގެ ސިންގަލްސް އަދި ޑަބަލްސްގެ ކުޅުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި 8 އަހަރުން ދަށާއި، 12 އަހަރުން ދަށާއި، 14 އަހަރުން ދަށާއި، 16 އަހަރުން ދަށާއި، 18 އަހަރުން ދަށުގެ އުމުރުފުރާގެ އަންހެން އަދި ފިރިހެން ސިންގަލްސް އަދި ޑަބަލްސްގެ ކުޅުންވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގައުމީ ޓެނިސް މުބާރާތް މިއަދު ނިންމާލިއިރު، މި މުބާރާތް ފެށުމަށް އޮތް ރަސްމިއްޔާތުގައި ގައުމީ ޓެނިސް ޓީމުގެ 12 ކުޅުންތެރިންގެ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ. މި 12 ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ 6 ފިރިހެން އަދި 6 އަންހެން ޓެނިސް ކުޅުންތެރިން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ