ފުލުހުންގެ އޮޕަރޭޝަން: ކަނޑު ބޯޓެއްގައި ހުރި މީހެއް ވެސް ބަލައި ފާސްކޮށްފި

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެދި ރިޔާސީ ކޮމިޝަންގެ އެދުމުގެ މަތިން ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގައި ކަނޑު ބޯޓެއްގައި ހުރި މީހަކު ވެސް ބަލައި ފާސްކޮށްފިއެވެ.
އިއްޔެ ހަވީރުން ފެށިގެން މާލެ އާއި އައްޑޫ ސިޓީގައި ފުލުހުންގެ އެކި ޑިޕާޓްމަންޓްތަކުން ހިންގަމުން އަންނަ އޮޕަރޭޝަން މިއަދު ވެސް ދަނީ ކުރިއަށެވެ.
އޮޕަރޭޝަންގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، މިއަދު މިހާތަނަށް ހަތަރު ގެ އަކާއި އެއް ކެފޭ ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އަދި ކަނޑުމަގުން ހިންގި އޮޕަރޭޝަނެއްގައި މާލެ ސަރަހައްދުގައި އޮތް ބޯޓެއްގައި ހުރި މީހެއް ވެސް ބަލައިފާސް ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ނަމަވެސް މި އޮޕަރޭޝަނަކީ މީހުންނާއި ތަންތަން ބަލައިފާސް ކުރުމުގެ އޮޕަރޭޝަނެއް ކަމުން، އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ހިންގާ އޮޕަރޭޝަން ކަނޑުގެ ސަރަހައްދަށް ފުޅާކުރިއިރު، ރިލްވާންގެ މަރާ ބެހޭގޮތުން ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ބުނެފައިވަނީ، ރިލްވާން ރަހީނުކޮށްގެން ކާރެއްގައި ގެންްގޮސް ޑިންގީއަކަށް އަރުވާފައިވާ ކަމަށާއި، އެއަށަފަހު ކަރު ބުރިކޮށް ކަނޑަށް ފައްތާފައިވާ ކަމަށެވެ.
ރިލްވާންގެ މައްސަލައިގެ ތަހުގީގަށް، މޫނު ނިވާކޮށްގެން ތިބި ފުލުހުން ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާއިރު، މާލޭގައި ހަތިޔާރު އެޅި ސިފައިން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ