އެންމެ ކަން ކުރެވޭ މިނިސްޓަރުންގެ ތެރޭގައި ނަހުލާ ހިމެނޭ: ގާސިމް
އެންމެ ކަންތައްތައް ކުރެވޭ މިނިސްޓަރުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ހިމެނޭކަމަށް އެކަމަނާގެ ފިރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީއަށް މެމްބަރުންތަކެއް ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ގާސިމް ވަނީ އަނބިކަނބަލުންނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފައެވެ. "އަޅުގަނޑުގެ އަނބިމީހާގެ ވާހަކަ މޮޅު ކޮށް ދެއްކުމަކީ މުހިންމުކަމެއް ނޫން ކަންނޭނގެ. އެހެން ނަމަވެސް އަޅުގަނޑު ދަންނަވާލަން މިއުޅެނީ އެންމެ ކަންތައްތައް ކުރެވޭ މިނިސްޓްރީތަކުގެ ތެރޭގައި އެ މަސައްކަތް ކުރައްވައޭ. އެކަން އަޅުގަނޑުމެން އެންމެން ބަލައިގަންނަކަން ކަށަވަރު،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އޭނާ ޖަލުގައި ހޭދަ ކުރެއްވި ދުވަސްވަރުވެސް ނަހުލާ ސިޔާސީ މައިދާނަށް ނިކުންނަވައި މަސައްކަތް ކުރެއްވި ކަމަށާއި އަދި ރައްޔިތުން ނަހުލާ ބަލައިގަނެ ލޯބި ހޯދައިފައިވާ ކަމަށެވެ. ނަހުލާއަށް މިނިސްޓަރުކަން ސަރުކާރުން ދިނީވެސް އެހެންވެ ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި މިހާރުވެސް މިނިސްޓަރުންގެ ތެރޭގައި ނަހުލާ އެހެން މިނިސްޓަރުންނަށް ދޫނުކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. "އެހެން ނޫންނަމަ އައިޝާއަށް އެފުރުސަތު ހޯދައިދޭން ނުވަތަ އެ ފުރުސަތު ދޭން އަދި ހޯއްދަވަން އުޅުއްވިކަމުގައި ވިޔަސް ދެންނެވީވުސް އައިޝާއަށް މަޑުކުރައްވާށޭ، އެއްގޮތަަކަށްވިޔަސް ތިކަމާ އުޅުއްވާކަށް ނުވެޔޭ. ނަމަވެސް އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ އަންހެނުން ގެ ވިސްނުން ވަރަށް ރަނގަޅުވާނެކަން. ވަރަށް ސާބިތު ކަމާއެކު ހިފަހައްޓަވާނެކަން. ތެދުވެރިވާނެކަން. ހަމަގައިމުވެސް ހިޔާނާތްތެރިއެއް ނުވާނެ. ސަރުކާރަކަށް މީހެއްގެ އެއްޗަކަށް ދަމައިގަންވާކަށް ނޫޅުއްވާނެ. އެދެން އަަޅުގަނޑަށް ކަށަވަރުކަމެއް،" ގާސިމް ވިދާޅުވިއެވެ. ގާސިމް އިތުރަށް ވިދާޅުވީ ނަހުލާ ޖޭޕީގައި މަސައްކަތް ކުރައްވަނީ ކޮންމެހެން އަނބިކަނބަލުންނަށް ވީތީ ނޫންކަމަށާއި އެ ފުރުސަތު ޖޭޕީގެ ކޮންމެ މީހަކަށްވެސް އޮތުމުން ނަހުލާވެސް އެ ފުރުސަތުގެ ބޭނުން ހިއްޕެވީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ