ކުރިއަށްވުރެ މޫސުން ރަނގަޅު: މެޓް

ކުރިއަށްވުރެ މޫސުން ރަނގަޅު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފިއެވެ.
ސީއެންއެމްއަށް މައުލުމާތު ދެމުން މެޓް އޮފީހުން ބުނީ ނިމިދިޔަ ހަފްތާއާ ބަލާއިރު މިހާރު މޫސުން ރަނގަޅު ކަމަށެވެ. ނަމަވެސް މޫސުން އަދިވެސް އެއްކޮށް ރަނގަޅު ނުވާ ކަމަށް ވެސް މެޓް އޮފީހުން ބުނެއެވެ.
"މިހާރު ކޮންމެސް ވަރަކަށް ރަނގަޅު ކުރިއަށްވުރެ، 22 އިން ފެށިގެން 24 އާ ދެމެދަށް ވުރެން ވެސް މިހާރު ރަނގަޅު، އެހެން ނަމަވެސް މުޅިން މޫސުން ރަނގަޅުވީއެކޭ ނޫން. ކުރިއަށް އޮތް 24 ގަޑިއިރު ވެސް އެކި ހިސާބުތަކަށް ކޮންމެސް ވަރަކަށް ވިއްސާރަ އެބަހުރި، ދެން ކުރިއަށް އޮތް ދެ ތިން ދުވަހަށް ވެސް ވިއްސާރަ އެބަހުރި" މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ ދެކުނާއި މެދުތެރޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާނެ ކަމަށާއި އަދި އުތުރަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.
ވައިޖެހޭނީ އިރާއި އިރުދެކުނުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
އޭގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ. އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑު ވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ