މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރުދޭ ކަމަށް ވިދާޅުވެ އުމަރު ކަންބޮޑުވުން ފާޅުކުރައްވައިފި

ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރު ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އުމަރުގެ ރަސްމީ ފޭސްބުކް އެކައުންޓުގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން މަސްތުވާތަކެއްޗަށް ހިތްވަރު ދެއްވަމުން ގެންދަވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
"ބާރުގަދަ މަސްތުވާ އެއްޗިއްސާއި ބާރު ދެރަ މަސްތުވާ އެއްޗިއްސާއި ހިކި މަސްތުވާ އެއްޗިއްސާއި ދިޔާ މަސްތުވާ އެއްޗެހި ބޮއެގެން މި ގައުމުގެ އެތައް އާއިލާއެއް ރޫޅި، ގައުމުގެ އުފެއްދުންތެރިކަން ދަށްވެ، ގައުމުގެ އެތައް މަސައްކަތެއް ބިދޭސީން ނަގައި، ގައުމުގެ މިނިވަންކަމާއި އަމިއްލަވަންތަކަން ގެއްލި މަގުމަތީގެ އަމާންކަން ގެއްލިފައިވާ ކަމީ ފެންނަން އޮތް ހަގީގަތެއް،" އުމަރު ފޭސްބުކް ސްޓެޓަސްގައި ލިޔުއްވާފައިވެއެވެ.
އުމަރު ވިދާޅުވީ އިސްލާމް ދީނާ ކައިރިއަށް މި ގައުމު ޖެހިގެން މެނުވީ މި ގައުމުގައި ހުރި ބޮޑެތި މައްސަަލަތަކަށް ހައްލެއް ނެތް ކަމަށެވެ.
އުމަރު ނަސީރު އެހެން ވިދާޅުވި އިރު، މި ހަފުތާގައި އދ.މާމިގިއްޔަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ އަންހެނުން ހައްޔަރު ކުރުމަށް ފުލުހުން ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީން އަލަށް ބޭއްވި ޔޫތު ކޮންގްރެސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ޖޫސްޕެޓީ ޕެކެޓެއް އަތުލުމަށްޓަކައި އދ.މަހިބަދޫ އަދި އެއަތޮޅު މާމިގިލީ ފުލުހުން ގުޅިގެން ރައްޔިތުންގެ ޓެކްސް ފައިސާއިން ހައެއްކަ ލައްކަ ރުފިޔާ ހަރަދުކޮށްގެން ބޮޑު އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށާއި އެއަށްވުރެ ބޮޑެތި މައްސަލަތައް ޒުވާނުންނަށް ދިމާވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ