އުސޫލާ ހިލާފަށް އިންކަމް ޓެކްސް ނަގައިގެން ކުރަން އުޅޭ ކަމަކާމެދު ގާސިމް ސުވާލު އުފައްދަވައިފި

ދުނިޔޭގެ އެހެން ގައުމުތަކުގައި އާމްދަނީން ނަގާ ޓެކްސް ނުވަތަ އިންކަމް ޓެކްސް ނަގާ އުސޫލުތަކާއި ހިލާފަށް ރާއްޖޭގައި ޓެކްސް ނަގައިގެން ކުރަން އުޅޭ ކަންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ސުވާލު އުފައްދަވައިފިއެވެ.
ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ރޭ އެޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ޓެކްސް ނަގަންވާނީ ގާނޫނު އަސާސީގައި ބުނާ ހުރިހާ ރައްޔިތުން ހަމަހަމަ އުސޫލަކުން ކަމަށެވެ. އަދި ގިނައިން އާމްދަނީ ލިބޭ މީހާ އަތުން ގިނައިން ޓެކްސް ނެގުމަކީ ހަމަހަމަ އުސޫލެއް ނޫން ކަމަށާއި އެގޮތަށް އެކަން ހިނގާނަމަ ރާއްޖޭގައި ޑިމޮކްރަސީއެއް ނެތް ކަމަށް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، އާމްދަނީ އަކީ ''ކޯދުލައި'' އަރާއެއްޗެއް ނޫން ކަމަށާއި އަދި އެއީ ގޭގައި ''މުޅިޖެހިފައި'' އިންނަ މީހަކަށް ލިބޭ އެއްޗެއް ވެސް ނޫން ކަމަށެވެ. އަދި އާމްދަނީ ލިބެނީ ރެޔާއި ދުވާލު ބުރަ މަސައްކަތްކޮށްގެން ފާހަގަކުރައްވާ ގާސިމް ވިދާޅުވީ، ހަމަހަމަކަމާއެކު ޓެކްސް ނުނެގޭނަމަ ރާއްޖޭގައި ޑިމޮކްރަސީއެއް ނެތް ކަމަށާއި ރައްޔިތުން ހަމަހަމަ ނުކުރެވޭނަމަ އިޖުތިމާއީ އަދާލަތު ގެއްލޭނެ ކަމަށެވެ.
''ކޮންކަލަހަ މާހައުލެއް ގެންނަންބާވައޭ މިއުޅެނީ އަޅުގަނޑު ހިތަށް އަރަނީ. ދުނިޔޭގެ އެހެން ހުރިހާ ތަނަކުން މަސައްކަތްކުރާ ގޮތާއި އުސޫލުތަކާ ހިލާފަށް ރާއްޖޭގައި ވަކި ގޮތަކަށް ކަންތައްތައް ކުރަން ބޭނުންވެގެން މިއުޅެނީ ކޮން އެއްޗެއް ހަދަންތޯ، ކިހިނެއް ހަދަންބާވައޭ ހިތަށް އަރަނީ....ވޯލްޑް ބޭންކުން ރިކޮމެންޑް ކޮށްފައި އޮތް ރިކޮމެންޑޭޝަން ދޫކޮށްލާފައި ދެން އިތުރަށް ޓެކްސްގެ ނިޒާމެއް ގާއިމްކުރަންދާއިރު ހެދޭނެ ވަކި މޮޅުއެއްޗެއް އޮންނާނެ ކަމަށް ތިބޭފުޅުން ގަބޫލުކުރައްވަނީތޯ،'' ގާސިމް ދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ވިލާގެ ކުންފުނިތަކުން އަހަރަކު ޓެކްސްގެ ގޮތުގައި ދައުލަތަށް 45 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ދައްކަމުންދާ ކަމަށާއި އެއީ ދައުލަތަށް ތަންތަނުން ނަގާ ކުއްޔާއި ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ނުލައި ދައްކާ އަދަދު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ