ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީއަށް ހާޒިރުކުރަން ފަށައިފި
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކުރަން ފަށައިފިއެވެ.ސުޕްރީމް ކޯޓުން އެ ކޯޓުގެ އިހްތިސާސްގެ ބޭރުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެ ވަޑައިގެންނެވި އެ ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތައް ބަލަން ޖޭއެސްސީން ދާދި ފަހުން ވަނީ ނިންމައިފަ އެވެ. ނަމަވެސް އެއީ ކޮން ފަނޑިޔާރުންތަކެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެއެވެ.ޖޭއެސްސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކުރަމުން ދަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށެވެ.މިއަދާއި މާދަމާ ވެސް ބައެއް ފަނޑިޔާރުން ހާޒިރުކޮށް ބަޔާން ނަގަން ހަމަޖައްސާފައިވާ ކަމަށާއި އެ ބޭފުޅުން ހާޒިރު ކުރަމުންދަނީ ދޭންޖެހޭ ނޯޓިސްތައް ދީގެން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.މައުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެގެ ހަވީރުގެ ވަގުތެއްގައި ބައެއް ފަނޑިޔާރުން ހާޒިރު ކޮށްފައިވާއިރު ރޭވެސް ބައެއް ފަނޑިޔާރުން ވަނީ އެ ކޮމިޝަނަށް ހާޒިރުކޮށްފައެވެ. ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން އެ ކޮމިޝަނަށް ހާޒިރު ކުރަމުން ދަނީ އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ބަޔާން ނެގުމަށްކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން ޖޭއެސްސީ އަށް ހާޒިރު ކުރާއިރު، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފްގެ އިތުރުން ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އާ މެދު އެހެން މައްސަލައެއްގައި ސުލޫކީ ފިޔަވަޅެއް އެޅުމުގެ ގޮތުން އެ ތިން ބޭފުޅުންނަށް ނަސޭހަތް ދިނުމަށް ޖޭއެސްސީން އޮތީ ނިންމާފައެވެ.ޖޭއެސްސީއަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހާޒިރު ކުރަން ފަށާފައި މިވަނީ ރާއްޖޭގެ ޝަރުއީ ދާއިރާ ދިރާސާ ކުރުމަށް ވަޑައިގެންނެވި ސައުތް އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ އެކުލަވާލެއްވި ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަގުތުން ވަކި ކުރުމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ.އެ ރިޕޯޓުގައި ސުޕްރީމް ކޯޓަކީ ރާއްޖޭގެ ޝަރުއީ ދާއިރާގެ ހަލާކުގެ ގޮތުގައި ވަނީ ސިފަ ކޮށްފައެވެ. އަދި އެ ރިޕޯޓު ނެރުމުގެ ކުރިންވެސް ޖަސްޓިސް ޔޮހާން ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ނުސީދާ އިންޒާރު ދެއްވާފައެވެ. އެގޮތުން ވަކި ގޮތަކަށް އަމަލު ނުކުރާ ނަމަ މަޤާމުން ވަކި ކުރަން ޖެހިދާނެ ފަދަ އިންޒާރެއް އޭނާ ވަނީ ސުޕްރީމު ކޯޓުގެ ފަނޑިޔާރުންނަށް ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ