މިހާރު މިއޮތް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ، އެމްޑީޕީގެ އެކަނި ސަރުކާރެއްނޫން ކަމަށާއި، މިއީ ކޯލީޝަން ސަރުކާރެއް ކަމަށް ސަރުކާރު ކޯލީޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެންބަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ 2020 ވަނަ އަހަރުގެ ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ، މިއީ ކޯލީޝަން ސަރުކާރެއްކަމުން ސަރުކާރަށް ދިމާވާ ކަންކަމުގައި ބަދުނާމް ވާންޖެހޭ ތަނެއްގައި ބަދުނާމު ވާނީވެސް ހަމައެކަނި އެމްޑީޕީ ނޫން ކަމަށެވެ. އަދި ސަރުކާރަށް ކްރެޑިޓެއް ލިބެންޖެހޭ ތަނެއްގައި ކްރެޑިޓެއް ލިބޭނީވެސް ކޯލީޝަންގައި ބައިވެރިވި އެންމެންނަށް ހަމަހަަމަކޮށް ކަމަަށްވެސް ވިދާޅުވިއެވެ.
"މި ސަރުކާރަކީ އެމްޑީޕީގެ އެކަނި ސަރުކާރެއް ނޫން، މި ސަރުކާރަކީ ކޯލީޝަން ސަރުކާރެއް. އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެފައިވާ ފަދައިން މީ ކޯލީޝަން ސަރުކާރެއް. އެހެންވީމަ އެމްޑީޕީއެއްނޫން މީގަ ބަދުނާމް ވާންޖެހޭ ތަނެއްގައި އެކަނި ބަދުނާމު ވާނީކީ ވެސް. އަދި ކްރެޑިޓެއް ލިބެންޖެހޭ ތަނެއްގައި ކްރެޑިޓެއް ލިބޭނީވެސް ހަމަ އަޅުގަނޑުމެން އެންމެން ވެސް މީގެ ތެރޭގައި ބައިވެރިވި އެންމެންވެސް ހަމަހަަމަކޮށްގެންކަމަށް އަޅުގަނޑު ގަބޫލު ކުރާތީ އެވާހަކަ މިދަންނަވާލީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަކީ، ސަރުކާރުން ވެފައިވާ ވައުދު ތަކާއި އަހުދުތައް ފުއްދުމަށް ވަރަަށް ރަނގަޅަށް ވިސްނާފައިވާ ބަޖެޓެއް ކަމަށެވެ.
ގައުމެއްގެ އިގުތިސާދު ކުރިއަރުވަން ހިމަނަންޖެހޭ މުހިއްމު މަސައްކަތްތަކެއްވެސް ބަޖެޓުގައި ހިމަނާފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ބަޖެޓަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ކަމަށެވެ.
މިއީ އެމްޑީޕީގެ އެކަނި ސަރުކާރެއްނޫން، މީ ކޯލީޝަން ސަރުކާރެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ