ދައުލަތުގެ ވަކީލަކު ކްރިމިނަލް ކޯޓުން މަސް ދުވަހަށް ސަސްޕެންޑްކޮށްފި

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ވަކީލަކު ކްރިމިނަލް ކޯޓުން އެއް މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ބުނި ގޮތުގައި އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓާ އިހްސާނާ މުހައްމަދު ވަހީދު އިއްޔެ އިން ފެށިގެން އެއް މަސް ދުވަހަށް ސަސްޕެންޑްކުރީ އެއް ދުވަހު ހެނދުނު އޮތް ޝަރީއަތުގެ މަޖިލީހެއްގައި އެ ދުވަހުގެ ފަހުގެ ވަގުތެއްގައި މައްސަލަ ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވެ، މެންދުރު ފަހު ކޯޓަށް ހާޒިރުވެ ވަޑައިގަތުމަށް، މައްސަލަ ބަލާ ސެކްޝަނުން އެންގުމުން "އެހެން ދުވަހަކުން މައްސަލަ ނިންމާށޭ" ވިދާޅުވެ ކޯޓުން ނިކުމެވަޑައިގެންފައި ވާތީ އެވެ.
ކޯޓުން ބުނީ ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު 30: 10 ގައި އޮތް މައްސަލަ އެ ދުވަހުގެ މެންދުރު ފަހު 00: 1 ގައި ނިންމަވާނެ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ގާޒީ އިއުލާނުކުރެއްވި ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދާ ސެކްޝަނުން އިހްސާނާ އަށް އެގޮތަށް އެންގުމުން "އެހެން ދުވަހަކުން މައްސަލަ ނިންމާށޭ" ވިދާޅުވެ އިހްސާނާ ކޯޓުން ނިކުމެވަޑައިގެންނެވި ކަމަށް ކޯޓުން ބުންޏެވެ. މައްސަލަ ނިންމަން އޮތް ވަގުތު ޖެހުނު އިރު ވެސް އިހްސާނާ ކޯޓަށް ވަޑައިނުގަތުމުން އޭނާގެ ފޯނަށް ތަކުރާރުކޮށް ގުޅުމުން ވެސް ޖަވާބު ނުދެއްވާ ކަމަށާއި ހަވީރު 00: 4 ވީ އިރު ވެސް، ދައުވާ ލިބޭ ފަރާތާއި ޕެނިޓެންޝަރީގެ އޮފިސަރުން ކޯޓުގައި މަޑުކޮށްގެން ތިބެން ޖެހުނު ކަމަށް ވެސް ކޯޓުން ބުންޏެވެ.
ނަމަވެސް އިހްސާނާ ވިދާޅުވީ "އެހެން ދުވަހަކުން މައްސަލަ ނިންމާށޭ" ވިދާޅުވެފައި ނުވާނެ ކަމަށެވެ. އަދި ޝަރީއަތް ފަށަން އޮތީ 00: 10 ގައި ކަމަށާއި ޝަރީއަތުގެ މަޖިލިސް ފެށުނީ 40: 10 ކަމަށެވެ. ޝަރީއަތް ފެށުމާ އެކު، ދައުވާ ލިބޭ ފަރާތުން ކުށަށް އިއުތިރާފުވި ކަމަށާއި އެހެންވެ ކުޑަ އިރުކޮޅަކުން ހުކުމްކުރައްވާނެ ކަމަށް ވިދާޅުވެ އިސް ގާޒީ އަބްދުﷲ މުހައްމަދު ޝަރީއަތުގެ މަޖިލިސް މެދުކަނޑާލެއްވީ ކަމަށް ވަކީލާ ވިދާޅުވި އެވެ. ނަމަވެސް 30: 11 ވީއިރު ވެސް ހަބަރެއް ނުވުމުން ސެކްޝަނާ ގުޅުމުން ޝަރީއަތްކުރާ ކޮޓަރިއެއް ހުސްކޮށް ނެތުމުން ލަސްވަނީ ކަމަށް ބުނި ކަމަށް އިހްސާނާ ވިދާޅުވި އެވެ. ނަމަވެސް އިހްސާނާ ވިދާޅުވީ 00: 10 އަށް ކޯޓަށް ވަޑައިގެންނެވި ވަކީލުން އޭރުވެސް ވަކީލުންގެ ކޮޓަރީގައި ތިއްބެވި ކަމަށާއި ޝަރީއަތްކުރާ ބައެއް ކޮޓަރިތައް ހުރީ ހުސްކޮށް ކަމަށެވެ. އަދި 00: 12 ގައި ބްރޭކް ގަޑި ޖެހުމުން، ސެކްޝަނާ ސުވާލުކުރުން ގާޒީ ހުކުމް ލިޔުއްވަނީ ކަމަށް އެންގި ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އަދި 00: 1 އެހާއިރު ކޯޓަށް ވަޑައިގަތުމަށް އެންގުމުން އެ ގަޑީގައި ހާޒިވެވެން ނެތް ކަމަށާއި އޮފީހަށް ގުޅައިގެން އެހެން ވަކީލަކު ހަމަޖައްސަން ވިދާޅުވެފައި ވާނެ ކަމަށާއި ބޭރަށް ވަޑައިގެން ފަހުން 30: 1 އެހާއިރު ކޯޓުން ގުޅި ކަމަށް ވެސް ވަކީލާ ވިދާޅުވި އެވެ. އިހްސާނާ ވިދާޅުވި ގޮތުގައި އޭނާ ޑޮކްޓަރަށް ދެއްކުމަށް ވަޑައިގެން އުޅުއްވަނިކޮށް އޮފީހުން ގުޅައި، އެހެން ވަކީލަކު ކޯޓުން ގަބޫލު ނުކުރި ވާހަކަ އެންގި އެވެ.
ފަހުން އޮފީހަށް ވަޑައިގެން ޕީޖީ އަހްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމުން، އަވަހަށް މައްސަލަ ނިންމަން ބޭނުންވާތީ ކޯޓަށް ވަޑައިގަތުމަށް ވިދާޅުވުމުން 40: 3 ގައި ކޯޓަށް ވަޑައިގެން ނަމަވެސް މައްސަލަ ކެންސަލް ވެފައިވާ ކަމަށް ކޯޓުން އެންގި ކަމަށްވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ