ޑރ. ޝަހީދު އީރާނަށް ވަޑައިގަތުމަށް ނިންމުމަކީ ދިވެހިންނަށް ލިބުނު ނިކަމެތިކަމެއް: ޒެޑް ޑީއާރުޕީ

އީރާންގެ އިންސާނީ ހައްގުތަކުގެ މައްސަލަތައް ބެލުމަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ކަނޑައެޅި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު އެ ގައުމަށް ވަޑައިގަތުމަށް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ ރައްޔިތުންނަށް ލިބުނު ނިކަމެތި ކަމެއް ކަމަށް ޒެޑް ފެކްޝަނުން މިއަދު ބުނެފި އެވެ.
އެ ފެކްޝަނުން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި ވައިކަރަދޫ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވީ އީރާނަކީ އިސްލާމީ ގައުމަކަށް ވެފައި 1976 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް ވެސް އެހީތެރިކަން ފޯރުވައިދެމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ގައުމާ ބެހޭ ގޮތުން ދެކެވޭ އިންސާނީ ހައްގުތަކުގެ މައްސަލައިގެ ތެރެއަށް ރާއްޖެ އިން ވަދެގަތުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން އެ ފެކްޝަނުން ކުށްވެރިކުރާ ކަމަށް ވެސް ވިދާޅުވި އެވެ.
"ޔޫއެން ރެޕަޓުއާއެއްގެ ގޮތުން ޝަހީދަށް އެ ގައުމަށް އަރައިވަޑައިނުގެންނެވޭނެ ކަމަށް އީރާނުން ބުނުމަކީ ވެސް ދިވެހި ރައްޔިތުން ލަދު ގަންނަން ޖެހޭ ކަމެއް،" އާރިފް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ޑރ. ޝަހީދު ރެޕަޓުއާއަކަށް އދ. އިން ހަމަޖައްސާފައިވަނީ، އޭނާ ގަބޫލުކުރައްވާ ގޮތުގައި، "ޔަހޫދީންނާ އެކު ޑރ. ޝަހީދު ހިންގެވި ހަރަކާތްތަކުގެ ހަދިޔާއެއްގެ" ގޮތުގައި ކަމަށެވެ.
މަހުލޫފް ވިދާޅުވީ ރާއްޖޭގައި ވެސް އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިނގަމުން އަންނަ ކަމަށާއި ޔޫއެން ރެޕަޓުއާއެއްގެ ގޮތުގައި ވަޑައިގަތުމުގެ ބަދަލުގައި އެ މައްސަލަތައް ހައްލުކުރެއްވުމަށް ޑރ. ޝަހީދު މަސައްކަތް ކުރެއްވުން ވެސް ރަނގަޅު ކަމަށެވެ. އެގޮތުން އިޒްރޭލު ފްލައިޓުތައް ރާއްޖޭގައި ޖެއްސުމަށް ހުށަހެޅުއްވާފައި ވަނީ ޑރ. ޝަހީދު އިސްކޮށް ހުންނަވައިގެން ކަމަށް މަހުލޫފް ވަނީ ތުހުމަތުކުރައްވައިފަ އެވެ.
"އެއްވެސް ހާލެއްގައި ޑރ. ޝަހީދަކީ ސިޔާސީ ގޮތުން މާ ބައިވަރު ކަންތައްތަކެއް ހާސިލްކުރައްވާފައި ހުންނެވި މީހެއް ނޫން. ފެއިލިއާއެއްގެ ގޮތަށް ގަބޫލުކުރެވޭ މީހެއް. މިވަރުގެ މީހަކަށް ޔަހޫދީންނާ އެކު އޮންނަ ގުޅުމެއްގެ ތެރެއިން ނޫނީ މިފަދަ ކަމެއް ލިބޭނެ ކަމަކަށް އަޅުގަނޑުމެންނަށް ގަބޫލެއްނުކުރެވޭ،" މަހުލޫފް ވިދާޅުވި އެވެ.
އީރާނަށް ޑރ. ޝަހީދު ވަޑައިގަތުމުގެ ހުއްދަ ނުދޭން އެ ގައުމުން ނިންމުމަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ އަގު ވެއްޓި، އިސްލާމީ ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ނިކަމެތިވެގެންދާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ. އެ ޕާޓީން ބުނީ އެކަމުގެ ސަބަބުން ރާއްޖޭގެ "ފޮރިން ޕޮލިސީގައި ހަޑި ލައްގަނޑެއް ޖެހިއްޖެ" ކަމަށާއި "އެއީ ދިވެހިން ލަދުވެތިވާން ޖެހޭ" ކަމެއް ކަމަށެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން ބުނެފައި ވަނީ އީރާނުން އދ. ގެ ރެޕަޓުއާއެއް އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ނުދިނުމަކީ ރާއްޖެއާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. ރާއްޖެ އިން ވަކާލާތުކުރާ މައިގަނޑު ކަމަކީ އިންސާނީ ހައްގުތައް ހޯދައިދިނުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ