އަތްފައި ކަނޑައި ސޮލީބަށް އެރުވިޔަސް ހެޔޮ ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓަށް ހަސީން ސިޓީއެއް ފޮނުއްވައިފި

އަތްފައި ކަނޑައި ސޮލީބަށް އެރުވިޔަސް ފަރުވާލެއް ނެތް ކަމަށް ވިދާޅުވެ ސުޕްރީމް ކޯޓުން ދިހަ ކަމެއްގައި ޖަވާބުދާރީވެ ވަޑައިގަތުމަށް އެދިވަޑައިގެން ގާނޫނީ ވަކީލް އަބްދުﷲ ހަސީން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުއްވައިފި އެވެ.
ކޯޓަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައި ވަނިކޮށް ރަށުން ބޭރަށް ވަޑައިގެން މައްސަލައެއްގައި މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގައި ވަކާލާތު ނުކުރެއްވޭ ގޮތަށް ސުޕްރީމް ކޯޓުން ދިހަ ދުވަހަށް ސަސްޕެންޑްކޮށްފައިވާ ގާނޫނީ ވަކީލް ސިޓީގައި ވިދާޅުވެފައި ވަނީ، މައާފަށް ވެސް އެދިވަޑައިގެންފައި ވަނިކޮށް އޭނާ ސަސްޕެންޑްކުރެއްވުމަކީ އޭނާގެ ޕްރޮފެޝަނަލް ހަޔާތުގައި އެންމެ ލަދުވެތި ދުވަސްކަމުގައި ވިޔަސް އެ ފިޔަވަޅު އިހްތިރާމާއި ކިޔަމަންތެރިކަމާ އެކު ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ ފިޔަވަޅަކީ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ފަނޑިޔާރުން "ސަމާލުވެ ފޫގަޅައިގެން ތިއްބެވި މިންވަރު ހާމަކޮށްދޭ" ފިޔަވަޅެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ހަސީން ވިދާޅުވެފައިވެ އެވެ.
ސުޕްރީމް ކޯޓާއި އެ ކޯޓުގެ ފަނޑިޔާރުންގެ ހައިބަތާއި ގަދަރާއި ބާރުވެރި ކަމުގެ ވާހަކަ ވަރަށް ބޮޑަށް ދައްކަވާފައިވާ ސިޓީގައި ހަސީން ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ފަނޑިޔާރުން އެޅުއްވުމަށް "ގާނޫނު އަސާސީ ލާޒިމްކުރާ ވަރަށް ގިނަ ފިޔަވަޅުތައް ހުރީތީވެ" އެ ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް "ދިވެހި ނިކަމެތި ރައްޔިތެއްގެ ހައިސިއްޔަތުން" އެދިވަޑައިގެންފަ އެވެ. އަދި 10 ސުވާލެއް ކުރައްވައި އެ ސުވާލުތަކަށް ޖަވާބުދާރީވެ ވަޑައިގަތުމަށް ދަންނަވާފައިވެ އެވެ.
މީގެ ކުރިން ކްރިމިނަލް ކޯޓުން ވެސް ސަސްޕެންޝަނަކާ ކުރިމަތިވެ ވަޑައިގެންނެވި ވަކީލް ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އެ ދީނަކީ ދިވެހި ގާނޫނުގެ މައިގަނޑު މަސްދަރު ކަމުގައި ވާއިރު ކީރިތި ގުރުއާނުގެ ނައްސުން ސާބިތުވާ ހައްދުތައް ގާއިމުކުރެއްވުމަށް ފަނޑިޔާރުންނަށް ހުރި އުޒުރުތަކަކީ ކޮބައިތޯ ސުވާލުކުރައްވައިފަ އެވެ. އޭނާގެ ދެ ވަނަ ސުވާލެއްގެ ގޮތުން، ބޭންކް އިންޓަރެސްޓަކީ ރިބާ ކަމަށް "ދުނިޔޭގެ އިސްލާމީ އިލްމުވެރިންގެ ޖުމްހޫރު އިއްތިފާގު ވާއިރު" ކޯޓްތަކުގެ ޝަރީއަތް މެދުވެރިކޮށް އިންޓަރެސްޓްގެ މަންފާ ނަގައިދިނުމަށް ހުކުމްކުރައްވަނީ ކީއްވެތޯ އައްސަވާފައިވެ އެވެ.
އިންސާފު ލަސްވުމަކީ އިންސާފު ނުލިބުން ކަމަށާއި އެކަމަކު ތަރިކަ އާއި ބިމުގެ އާދައިގެ މައްސަލަތައް ނުނިމި ދިގުލައިގެން ދާއިރު އެކަމުގެ ސަބަބުން އެތައް ބަޔަކަށް ބޯހިޔާވަހިކަމާއި ގެދޮރު ނުލިބި ތިބި އިރު "ހައި ކޯޓްގެ ފަނޑިޔާރުންގެ މައްސަލާގައި ގާޒީ އަބްދުލް ބާރީ ޔޫސުފް ހުށަހެޅުއްވި މައްސަލަ ތިޔަ ކޯޓަށް އުފުއްލެވި ފަދައިން" އެ ގޮތަށް އެހެން މައްސަލަތައް ނުބައްލަވަނީ ކީއްވެގެންތޯ ވެސް ހަސީން ވަނީ ސުވާލުކުރައްވައިފަ އެވެ. އަދި މަސްތުވާތަކެތީގެ މައްސަލަތަކުގައި ބައެއް މީހުންގެ މައްޗަށް ދައުވާ އުފުލި، ހުކުމް ނުކުރެވި ގިނަ ދުވަސްވެފައި ވުމުގެ ސަބަބުން އެފަދަ މީހުން ކުށްތަކަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ މަސްތުވާތަކެތީގެ މައްސަލަތަކުގައި 25 އަހަރަށް ޖަލަށް ލާތީ "އިސްލާހުވުމުގެ ފުރުސަތު ގެއްލުމުން އެ އުފެދޭ ބޭއިންސާފުގެ މައްސަލަ" ހައްލު ނުކުރައްވަނީ ކީއްވެގެންތޯ ވެސް ހަސީން ސުވާލު އުފައްދަވާފައިވެ އެވެ.
ރާއްޖޭގައި އޮންނަނީ "ދެ ބައި މަސްހުނި ހައިބްރިޑް ނިޒާމެއް" ކަމަށް ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ކުރެއްވި ހުކުމުގައި އޮންނަކަން ހަސީންގެ ސިޓީގައި ފާހަގަކުރައްވާފައިވެ އެވެ. އެހެން ކަމަށްވާ ނަމަ އެ މައްސަލަ ހައްލުކުރުމަށް ފަނޑިޔާރުންގެ ސުޕްރިމަސީ ބޭނުން ނުކުރައްވަނީ ކީއްވެތޯ އައްސަވާފައިވެ އެވެ.
އަސާސީ ހައްގުތައް ގާނޫނު އަސާސީން އެންމެންނަށް ހަމަހަމަ ގޮތެއްގައި ކަށަވަރުކޮށްދީފައި ވާއިރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ކައުންސިލަރުންނަށް ކުރިމަތިލުމުގެ ޝަރުތުތަކުގައި ކުށުގެ ރެކޯޑަށް ބަލާ ގޮތް ރައީސުލް ޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ތަފާތުވާތީ އެކަމާ ވެސް ހަސީން ސުވާލު އުފައްދަވާފައިވެ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ބޭނުންވެއްޖެ ހިނދެއްގައި ސިޔާސީ ޕާޓީ ބަދަލުކުރެވޭއިރު ކައުންސިލަރުންނަށް އެ ފުރުސަތު ނެތުމުން އެކަން ގާނޫނުން އިސްލާހު ނުކުރައްވާ ސަބަބެއް ވެސް އޮޅުއްފިލުއްވައި ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ.
ޝަރުއީ ނިޒާމް ސިޔާސީ ނުފޫޒުން ސަލާމަތްކުރެއްވުމަށް "ތިޔަ އިއްޒަތްތެރި ހައިބަވެތި ފަނޑިޔާރުން މަސައްކަތްކުރައްވާ ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން" ކަމަށް ވިދާޅުވަމުން ހަސީން ވަނީ "ސިޔާސީ ބައެއް ބޮޑުންގެ ހައްގު ލިބިދިނުމަށް" ކޯޓު އަމުރު ނެރުމަށް ރޭގަނޑު ނުރަސްމީ ގަޑީގައި ވެސް ކޯޓު ހުޅުވޭ ކަމަށް ވިދާޅުވެ އެކަމަކު އާންމު ފަރުދުންގެ އިސްތިއުނާފުގެ މަރުހަލާތައް ލަސްވެގެންދާ ކަމަށް ވިދާޅުވެ އެކަމާ ފިޔަވަޅު ނާޅުއްވަނީ ކީއްވެގެންތޯ އައްސަވައިފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ފަދަ ބޭފުޅުންގެ މައްސަލަތައް ކޯޓުގައި ކުރިއަށް ގެންދެވޭލެއް ލަސްވެ ނިކަމެތިންގެ މައްސަލަތައް ނިންމުމަށް، ބަލި އެނދުގައި ތިބޭ މުސްކުޅިން ވެސް ހާޒިރުކޮށް އަދި ޣައިރު ހާޒިރުގައި ވެސް ހުކުމްތައް ކުރާ ކަމަށް ވިދާޅުވެ އެކަން އިސްލާހުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.
"މި ސިޓީ ލިޔުމުގެ ސަބަބުން އަޅުގަނޑުގެ ވަކާލާތު ކުރުމުގެ ހުއްދަ އުމުރަށް ބާތިލްކުރައްވައި، މި ބިމުގައި ފަސާދަކުރާ މީހެއް ކަމުގައި ކަނޑައަޅުއްވައި، އެކަމުގެ އަދަބަކަށް ތަފާތުވާނޭ ގޮތުން އަތްފައި ކަނޑައި، ސަލީބަށް އެރުވިޔަސް ފަރުވާލެއް ނެތް" ކަމަށް ހަސީންގެ އަށް ސަފުހާގެ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ. އަދި އެފަދަ ފިޔަވަޅެއް ނާޅައިހައި ހިނދަކު ފަނޑިޔާރުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހަނދުމަކޮށް އެރުވުމުގައި ދެމި ހުންނަވާނެ ކަމަށް ހަސީން ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ