މާލެ އަތޮޅާއި ށ. އަތޮޅު ކައުންސިލްގެ މައްސަލަ: ސުޕްރީމް ކޯޓުން ބަސް ބުނުމަށް ގައުމީ ޕާޓީން އެދިއްޖެ

ކ. އަތޮޅު ކައުންސިލްގެ އިދާރާ ތުލުސްދު އަށް އަދި ށ. އަތޮޅު ކައުންސިލްގެ އިދާރާ ފުނަދޫގައި ގާއިމް ކޮށްފައިވާއިރު އެކަމާ މެދު އުފެދިފައިވާ ގާނޫނީ މައްސަލާގައި ސުޕްރީމް ކޯޓުން ބަސް ބުނުމަށް ދިވެހި ގައުމީ ޕާޓީން އެދިއްޖެ އެވެ.
"ހަވީރަ" ށް އެނގިފައިވާ ގޮތުގައި ގައުމީ ޕާޓީން އެންމެ މަތީ ކޯޓުގައި ދަންނަވާފައި ވަނީ އެ ދެ ކައުންސިލްގެ އިދާރާ ގާއިމް ކުރުމުގެ މައްސަލަ މިހާ ނާޒުކް ވެފައިވާއިރު، ސުޕްރީމް ކޯޓުން މިހާތަނަށް ޖުޑީޝަލް ނޯޓިސް ނަގާފައި ނުވުމަކީ ފާއިތުވި ތަނުގައި ސުޕްރީމް ކޯޓުން ގާއިމްކުރި އުސޫލުތަކާ ފުށުއަރާ ކަމެއް ކަމެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ. އެހެންވެ މި މައްސަލައިގެ ޒާތަށާއި ގޮސްފައިވާ ހިސާބަށް ބަލާއިރު ސުޕްރީމް ކޯޓުގެ ބަހެއް ލިބިގެން ނޫނީ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ނުދެކޭ ކަމަށް ވެސް ގައުމީ ޕާޓީން ވަނީ ސުޕްރީމް ކޯޓުގައި ދަންނަވައިފަ އެވެ.
ގައުމީ ޕާޓީން ސުޕްރީމް ކޯޓަށް ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި އެނގިފައިވާ ގޮތުގައި މިހާތަނަށް ސުޕްރީމް ކޯޓުން ޖުޑީޝަލް ނޯޓިސްގެ ގޮތުގައި ނަގާފައިވާ ކަންތައްތައް ވެސް ފާހަގަ ކޮށްފައިވެ އެވެ. އެ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ބ) ބާތިލު ކަމަށް ކަނޑައެޅުމާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ނިޔާ ކަނޑައެޅުމުގައި ވަކިވަކިން ނިޔާ ކަނޑައެޅުމާއި ހައިކޯޓަށް ފަނޑިޔާރުން އައްޔަން ކުރުމުގައި ދިމާވި މައްސަލަ އާއި އައްޑޫ ސިޓީ ކައުންސިލްގެ އިންތިހާބުގެ މައްސަލާގައި ސުޕްރީމް ކޯޓުން ޖުޑީޝަލް ނޯޓިސް ނެރެފައިވާ ކަމަށް ގައުމީ ޕާޓީން ބުނެ އެވެ.
އެ ޕާޓީން ބުނީ ކ. އަތޮޅު ކައުންސިލާއި ށ. އަތޮޅު ކައުންސިލްގެ މައްސަލާގައި މިހާތަނަށް ގާނޫނީ ބޮޑެތި ސުވާލުތަކެއް ފެންމަތިވެފައިވާ ކަމަށެވެ. ހާއްސަކޮށް އެ ދެ އަތޮޅުގެ ހަތަރު ކޯޓަކުން ފުށުއަރާ އަމުރުތަކެއް ކޮށް އެއިން ތަބާވާން ޖެހެނީ ކޮން އަމުރަކަށް ކަން ނޭނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ގައުމީ ޕާޓީން ބުނެ އެވެ.
ކައުންސިލްތަކުގެ މައްސަލާގައި ސުޕްރީމް ކޯޓުން އިސްވެ ބަހެއް ބުނުމަށް ގައުމީ ޕާޓީން އެދުނުއިރު ހިއުމަން ރައިޓްސް ކޮމިޝަނުން ވެސް ވަނީ މި މައްސަލަތަކުގައި ޝަރުއީ ދާއިރާގެ ދައުރު އިސްކުރުމަށް ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ