ކޮށްދޭން ޖެހޭ ކަންތައްތަކުގެ ވާހަކަ ސަރުކާރަށް ދެންނެވުމުން އަންގަނީ އެމްޑީޕީ އަށް ސޮއިކުރުމަށް: މެމްބަރު ރިޒާ

ރައްޔިތުންގެ މަޖިލީހުގައި އޭނާ ތަމްސީލުކުރައްވާ ކ. ގުރައިދޫ ދާއިރާގައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކުގެ ވާހަކަ ސަރުކާރަށް ދެންނެވުމުން އަންގަނީ ފުރަތަމަ ވެސް ސަރުކާރު ހިންގާ އެމްޑީޕީ އަށް ސޮއިކުރެއްވުމަށް ކަމަށް ވިދާޅުވެ އިބްރާހިމް ރިޒާ މިއަދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސިޔާސީ ޕާޓީގެ ބިލުގެ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން މިނިވަން މެމްބަރެއްގެ ގޮތުގައި ހުންނެވި، އެހެން ނަމަވެސް އާންމުކޮށް ޑީއާރުޕީގެ ފިކުރަށް ތާއީދު ކުރައްވާ ރިޒާ ވިދާޅުވީ ސިޔާސީ ޕާޓީތައް އުފައްދާފައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ ދަށުން ކަމަށް ވިޔަސް ގާނޫނު އަސާސީގެ 17 ވަނަ މާއްދާއާ ހިލާފަށް އެކި މީހުންނާ މެދު ސަރުކާރުން ތަފާތު ގެންގުޅޭ ކަމަށެވެ.
"އަޅުގަނޑުގެ ދާއިރާ އަށް ސަރުކާރުގެ އިސް ވެރިން ނުވަތަ ސަރުކާރު ހިންގާ ޕާޓީގެ އިސް ވެރިން ވަޑައިގެން މި ވިދާޅުވަނީ މެމްބަރުގެ އެއްވެސް އެއްބާރުލުމެއް ނުލިބެއޭ. މެމްބަރު އެއްވެސް ކަމަކަށް ނޭދެއޭ. އަޅުގަނޑަކަށް ނޭނގޭ އެއްގޮތަކަށް ވެސް އެ ވިދާޅުވާ އެއްޗެއް. ސަރުކާރު ހިންގާ ޕާޓީ ނުވަތަ ސަރުކާރުގެ އިސް ވެރިންނާ އަޅުގަނޑު ބައްދަލުކޮށް އަޅުގަނޑުގެ ދާއިރާގެ ކަންތައްތަކުގެ ވާހަކަ ދެންނެވީމަ މި ވިދާޅުވަނީ ޕާޓީ އަށް ސޮއިކުރާށޭ،" ގާނޫނީ ވަކީލެއްގެ ގޮތުން ވެސް މަސައްކަތް ކުރައްވާ ރިޒާ ވިދާޅުވި އެވެ. "މި ގާނޫނު އަސާސީގައި ބުނަނީ ކޮންމެ މީހަކަށް ވެސް ލިބިދޭން ޖެހޭ ހައްގުތަކާއި މިނިވަންކަން ލިބިދޭން ޖެހޭ ކަމަށް. އެއީ ކޮންމެހެން ޕާޓީއަކަށް ނިސްބަތް ވެގެނެއް ނޫން. ނުވަތަ ޕާޓީއަކަށް ސޮއި ކޮށްގެނެއް ވެސް ކޮށްދޭން ޖެހޭ ކަމެއް ނޫން. އެހެން ނަމަވެސް އެ ބޭފުޅުން ވިދާޅުވަނީ ޕާޓީ އަށް ސޮއިކޮށްގެން މެނުވީ އެ ކަމެއް ނެތޭ ކުރެވޭކަށް."
ރިޒާ ވިދާޅުވީ އޭނާގެ ދާއިރާގެ ރައްޔިތުން އޭނާގެ މައްޗަށް ނަފްރަތު އުފެދޭ ގޮތަށް ސަރުކާރު ނުވަތަ ސަރުކާރު ހިންގާ ޕާޓީން ވާހަކަ ދައްކަމުންދާ ކަމަށެވެ.
"މި ވިދާޅުވަނީ ކަލޭމެން އެކަނި އައިސްގެން ތި ކަމެއް ނުކުރެވޭނެއޭ. މެމްބަރު ގޮވައިގެން އަންނާށޭ. އަޅުގަނޑު ދަންނަވާނީ މެމްބަރު ގެންނާކަށް ނުޖެހެއޭ. ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތައް ކޮށްދިނުމަށް މެމްބަރު ގެންނާކަށް ނުޖެހޭ. ސަރުކާރުން ކަންކަން ކޮށްދޭން ޖެހެނީ އަސާސީ ހައްގުތައް ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާތީ އެ ގޮތުގެ މަތިން،" ރިޒާ ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގައި އެމްޑީޕީ އަށް ނިސްބަތް ނުވާ މީހުން ވަޒީފާ ބަދަލު ކުރާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. ހާއްސަކޮށް ޑީއާރުޕީ އަށް ތާއީދުކުރާ މީހަކު ސަރުކާރުގެ އިސް މަގާމެއްގައި ހުރި ނަމަ ވަޒީފާ އެހެން ރަށަކަށް ބަދަލުކުރުން އާންމުކަން އޭނާ ފާހަގަކުރެއްވި އެވެ.
"އެހެންވީމާ އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން ސިޔާސީ ޕާޓީތައް ހަރަކާތްތެރިވާން ޖެހެނީ މި އުސޫލުން ކަމަށް. ސިޔާސީ ޕާޓީ އުފެދިގެން ސަރުކާރު ހިންގަން ޖެހެނީ މި އުސޫލުން ކަމަށް އަޅުގަނޑު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރަން،" ރިޒާ ވިދާޅުވި އެވެ. "އެހެންވީމަ އަޅުގަނޑު އެދެނީ މިހާރު ހުށަހެޅިފައިވާ ބިލްގައި މި ދެންނެވި އުނި ކަންތައްތައް ހުރި ނަމަ އުނި ކަންކަން ފިލުވާލައި އަދި މި ދަންނަވާ ގާނޫނު އަސާސީގެ 17 ވަނަ މާއްދާގެ (ހ) އިން އެ ލިބޭ ހުރިހާ ހައްގުތަކެއް ރައްޔިތުންނަށް ލިބިދެވޭ ފަދަ ގޮތަކަށް މި ބިލް ބައްޓަންކޮށް އެއާ އެއްގޮތަށް މިއަދުގެ ސަރުކާރުން އަމަލު ކުރުމަށް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ