ސުނާމީގައި ހަލާކުވި ކ. ކަނޑޫމާ ރިސޯޓްގެ ސީނިއާ ޕްރޮޖެކްޓް ކޮންޓްރޯލް މެނޭޖަރަކަށް ހުރި ދެކުނު ކޮރެއާ މީހަކަށް ސުންޖިން އިން 1.3 މިލިޔަން ރުފިޔާ ދޭންޖެހޭ ކަމަށް މަދަނީ ކޯޓުން ހުކުމްކޮށްފި އެވެ.
ދެކުނު ކޮރެއާގެ ސޮންޗަން ޖޫ، މެލޭޝިޔާގެ ސުންޖިން އިންޖިނިއަރިންގެ މައްޗަށް ދައުވާކުރީ އެއްބަސްވުމާ ހިލާފަށް އޭނާ ވަޒީފާއިން ވަކިކުރުމުންނާއި އޭނާއަށް ލިބިދޭންޖެހޭ ފައިސާ އާއި މާލީ އިނާޔަތްތައް ދިނުމަށް ސުންޖިން އިން އިންކާރުކުރުމުންނެވެ.
މަދަނީ ކޯޓުގައި މަސައްކަތްކުރައްވާ ބ. ކިހާދޫ ކޯޓުގެ މެޖިސްޓްރޭޓް އަލީ ނަސީރު ބެއްލެވި މައްސަލައިގައި ކުރެއްވި ހުކުމުގައި ވަނީ ސޮންޗަންޖޫ، ސުންޖިން އިންޖިނިއަރިންގެ މައްޗަށް ކުރި މަދަނީ ހައްގުގެ ބަދަލު ހޯދުމުގެ ދައުވާ ޝަރިއަތުން ބަލައި ދިރާސާކުރިއިރު އޭނާ އަކީ ސުންޖިން މެލޭޝިޔާ ކުންފުނިން ކަނޑޫމާގައި ހިންގި ޕްރޮޖެކްޓްގައި ސީނިއާ ޕްރޮޖެކްޓް ކޮންޓްރޯލް މެނޭޖަރުކަން 1 ފެބްރުއަރީ 2008 އާ ހަމައަށް ކޮށްފައިވާ މީހާ ކަމަށް ރަނގަޅަށް ސާބިތުވާ ކަމަށެވެ.
މީގެ އިތުރުން ވިދާޅުވެފައި ވަނީ ސޮންޗަންޖޫ އަށް މި އަހަރުގެ ޖެނުއަރީ މަހުގެ މުސާރަ އަށްވާ 6،250 އެމެރިކާ ޑޮލަރާއި އެއްވެސް ސަބަބަކާ ހުރެ ވަޒީފާއިން ވަކިކުރާނަމަ ދޭންޖެހޭ ކަމަށް އެއްބަސްވުމުގައި އޮންނަ ތިން މަސް ދުވަހުގެ މުސާރައަށްވާ 18،750 އެމެރިކާ ޑޮލަރާއި އެނބުރި ސައުތުކޮރެއާ އަށް ދިއުމަށް އެއްކޮޅު ޓިކެޓަށްވާ 1،310 އެމެރިކާ ޑޮލަރާއި އިނާޔަތުގެ ގޮތުގައި ދޭންޖެހޭ 75،000 އެމެރިކާ ޑޮލަރާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން މާލޭގައި ހުންނަން ޖެހުމުން ހަރަދުގެ ގޮތުގައި ހޭދަވި 672.37 އެމެރިކާ ޑޮލަރު، ޖުމްލަ 01،982.37 1 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 1.3 މިލިޔަން ދިވެހި ރުފިޔާ) ސުންޖިން އިން ސޮންޗަންޖޫ އަށް ދަންކަންޖެހޭ ކަމަށް ސާބިތުވާ ކަމަށެވެ.
މި ފައިސާގެ ތެރެއިން ޖެނުއަރީ މަހުގެ މުސާރަ އާއި މާލޭގައި ހުރުމަށް ދިޔަ ހަރަދާއި ޓިކެޓް ހަރަދަށްވާ 2،832.37 އެމެރިކާ ޑޮލަރު 15 ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދެއްކުމަށާއި ބާކީ ފައިސާ ކަމަށްވާ 93،750 އެމެރިކާ ޑޮލަރު ދެ މަސް ދުވަހުގެ ތެރޭގައި މަދަނީ ކޯޓަށް ދައްކާ ހަލާސްކުރުމަށް ވެސް ސުންޖިންގެ މައްޗަށް އަމުރުކުރައްވައިފައި ވެ އެވެ.
މި މައްސަލަ މި ގޮތަށް ނިންމެވިއިރު ސުނާމީއަށް ފަހު ސުންޖިން އިންޖިނިއަރިން އިން ކަނޑޫމާ ޕްރޮޖެކްޓު ހިންގިއިރު ދޭންޖެހޭ ފައިސާ ނުދައްކައިގެން އެކި ކުންފުނިތަކުންނާއި ވަކިވަކި ފަރުދުން ވެސް ވަނީ ސުންޖިންގެ މައްޗަށް ދައުވާތައް ހުށަހަޅައިފަ އެވެ. އަދި މީގެ ތެރެއިން ބައެއް މައްސަލަތަކުގައި ސުންޖިންގެ ޑިރެކްޓަރުން ރާއްޖެއިން ފުރައިގެން ދިއުން ހުއްޓުވުމުގެ ވަގުތީ އަމުރު ވެސް ކޯޓުން ވަނީ ނެރެފަ އެވެ.
ކަނޑޫމާ ރިސޯޓްގެ ޕްރޮޖެކްޓް މެނޭޖަރަށް ސުންޖިން އިން 1.3 މިލިޔަން ރުފިޔާ ދޭންޖެހޭ ކަމަށް މަދަނީ ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ