އަންނަ އަހަރުގެ ބަޖެޓުގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނެތް މައްސަލަ މެމްބަރުންގެ ސަމާލު ކަމަށް ގެނެސްފި

ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން އުނިކޮށްފައިވާ ބައި ލިބޭނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނެތުމުން ސިވިލް ސާވިސް ކޮމިޝަނުން އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި އެ މަޖިލީހުގެ މެމްބަރުންގެ ސަމާލު ކަމަށް ގެނެސް ސިޓީއެއް ފޮނުވައިފި އެވެ.
ކޮމިޝަންގެ މެމްބަރު މުހައްމަދު ފަހުމީ ހަސަން މިއަދު ވިދާޅުވީ މިދިޔަ ހަފުތާގެ ބުދަ ދުވަހު މަޖިލީހުގެ ރައީސަށް ފޮނުވި އެ ސިޓީގެ ކޮޕީ ހުރިހާ މެމްބަރުންނަށް ވެސް ފޮނުވާފައިވާނެ ކަމަށެވެ. އަދި އެ ސިޓީގައި މައިގަނޑު ގޮތެއްގައި މެމްބަރުންނަށް ދަންނަވާފައި ވަނީ މި އަހަރުގެ އޮކްޓޫބަރު 1 އިން ފެށިގެން ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކުޑަކުރީ ތިން މަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ކުރިން ދެމުން އައި މުސާރަ އަލުން ދެވޭނީ ދައުލަތުގެ ޖުމްލަ އާމްދަނީ ހަތް ބިލިއަން ރުފިޔާ އަށް އެރުމުން ކަމަށް ސަރުކާރާ އެކު އެއްބަސްވެފައިވާއިރު މިދިޔަ އަންގާރަ ދުވަހު ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުގެ އާމްދަނީ ހަތް ބިލިއަނަށް ވުރެ މަތި ކަމަށް ސިޓީގައި ފާހަގަ ކޮށްފައިވާނެ ކަމަށް ފަހުމީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މުސާރަ ކުޑަކުރީ ތިން މަސް ދުވަހުގެ މުއްދަތަށް. އެ މުއްދަތު މި ޑިސެމްބަރު 31 ގެ ނިޔަލަށް ހަމަވާނެ. އެއާއެކު ދައުލަތުގެ އާމްދަނީ ހަތް ބިލިއަނަށް ވުރެ މަތިވާނެ ކަމަށް އަންނަ އަހަރުގެ ބަޖެޓުގައި ބުނެފައި އޮތުމުން އަންނަ މަހުން ފެށިގެން ކުރީގެ މުސާރަ މުވައްޒަފުންނަށް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ދެކެނީ. ސަރުކާރުން މަޖިލީހަށް ހުށަހެޅި މި ބަޖެޓް އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ހިނގަން ފަށާނެ. އެހެން ނަމަވެސް އަޅުގަނޑުމެންނަށް މި އެނގުނީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ހިސާބު ކުރައްވާފައި ވަނީ މިހާރު ކުޑަކޮށްފައިވާ މުސާރަ އާއި އިނާޔަތުގެ މައްޗަށް ކަމަށް،" ފަހުމީ ވިދާޅުވި އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ މައްސަލައިގައި ސިވިލް ސާވިސް ކޮމިޝަނުން މަޖިލީހުގެ މެމްބަރުންނަށް ފޮނުވި ސިޓީގެ ކޮޕީއެއް ހަވީރަށް ވެސް ވަނީ ލިބިފަ އެވެ. އެ ސިޓީގައި ކޮމިޝަނުން ބުނެފައި ވަނީ ދައުލަތުގެ ޖުމްލަ އާމްދަނީ ބަލާނީ ހިލޭ އެހީ ނުހިމަނައި ކަމަށް ފިނޭންސް މިނިސްޓްރީން އެ ކޮމިޝަނަށް ހުށަހެޅުމުން އެކަން ކުރިން ގަބޫލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެގޮތަށް ފިނޭންސް މިނިސްޓްރީންނާއި ސިވިލް ސާވިސް ކޮމިޝަނުން ވެސް އާންމުކޮށް އިއުލާން ކޮށްފައިވާނެކަން ސިޓީގައި ފާހަގަ ކޮށްފައި ވެ އެވެ.
"ވީމާ 2010 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ފުރިހަމަ އަދަދުން ހިމަނުއްވަން ޖެހިވަޑައިގަންނަވާނެ ކަމުގައި މި ކޮމިޝަނުން ދެކޭތީ މި މައްސަލަ ތިޔަ އިއްޒަތްތެރި މަޖިލީހުގެ ސަމާލު ކަމަށް ގެނެސް މި ވާހަކަ ދެންނެވީމެވެ،" ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. މުހައްމަދު ލަތީފު ސޮއި ކުރައްވާފައިވާ ސިޓީގައި ވެ އެވެ. "އަދި ހަމަ އެހެންމެ، ވަޒީފާއާ ބެހޭ ގާނޫނު ލާޒިމްކުރާ ގޮތުން އިތުރު ގަޑީގައި މުވައްޒަފަކު ލައްވައި މަސައްކަތް ކުރުވައިފި ނަމަ އިތުރު ގަޑީގެ ފައިސާ ދިނުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ހަރަދަކަށް ވާތީ އެކަމަށް ބޭނުންފުޅުވާނެ ހަރަދު ވެސް ބަޖެޓުގައި ހިމަނުއްވާފައި ވުމަކީ މުވައްޒަފުން ލައްވައި އިތުރު ގަޑީގައި މަސައްކަތް ކުރައްވާނެ ނަމަ، ކޮންމެހެން ކުރައްވަން ޖެހޭނެ ކަމެއް ކަމުގައި ކޮމިޝަނުން ދެކޭތީވެ މި ވާހަކަ ދެންނެވީމެވެ."
މި ސިޓީގައި އިތުރަށް ފާހަގަ ކޮށްފައިވާ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކުޑަކުރުން ދެމެހެއްޓޭނީ ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އެއް އުސޫލަކުން ކުޑަކޮށްގެން ޝާމިލު ގޮތެއްގައި ކަމަށް ސަރުކާރާ އެކު ކޮމިޝަނުން އެއްބަސްވެފައިވާނެ ކަމަށެވެ. އަދި އެކި މުއައްސަސާތަކާއި ހިދުމަތްތަކުގެ ގާނޫނީ އޮނިގަނޑު ތަކުގައި ތަފާތުތަކެއް ހުރި ކަމުގައި ވިޔަސް މުވައްޒަފުންނަށް މުސާރަ ދޭނެ ފައިސާއެއް ދައުލަތުގެ މާލިއްޔާގައި ނެތް ކަމަށް ރައީސް މުހައްމަދު ނަޝީދާއި ފިނޭންސް މިނިސްޓަރު އަލީ ހާޝިމް ވިދާޅުވާއިރު އެކަން އޮންނަން ޖެހޭނީ ހަމައެކަނި ސިވިލް ސާވިސް މުވައްޒަފުންގެ މައްޗަށް ކަމަށް ކޮމިޝަނުން ގަބޫލު ނުކުރާ ކަމަށް ވެސް ސިޓީގައި ވެ އެވެ. ދައުލަތުގެ މާލިއްޔަތުގައި މުވައްޒަފުންނަށް މުސާރަ ދޭ ވަރަށް ފައިސާ ނެތުމުން އެކަން ދައުލަތުން ޝާމިލް ގޮތެއްގައި ތަންފީޒު ކޮށްދެއްވަން ވާނެ ކަމަށް ރައީސް ނަޝީދާއި ފިނޭންސް މިނިސްޓަރަށް ވެސް ކޮމިޝަނުން ދަންނަވާފައިވާނެ ކަމަށް ސިޓީގައި ވެ އެވެ.
"ނަމަވެސް ކަން މިހެން އޮތް ކަމުގައި ވިޔަސް، އަދިވެސް މި ހިސާބަށް ވެސް ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އެއް އުސޫލަކުން ކުޑަކުރެވިފައިވާ ކަމުގެ އިތުބާރު މައުލޫމާތެއް މި ކޮމިޝަނަކަށް ލިބިފައެއް ނުވެ އެވެ،" ކޮމިޝަންގެ ސިޓީގައި ވެ އެވެ. "ކަން މިހެން އޮތުމާއެކު މި ވަގުތު ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ކުޑަކުރެވިފައި އޮތް ކުޑަ ކުރުމަކީ އެއްގޮތަކަށް ވެސް ދެމެހެއްޓިދާނެ ކުޑަކުރުމެއް ކަމުގައި ކޮމިޝަނަށް ދެންނެވެން ނެތް ވާހަކަ ވެސް ތިޔަ އިއްޒަތްތެރި މަޖިލީހުގައި ދަންނަވަން ޖެހެ އެވެ. މީގެ މާނަ އަކީ އެއްވެސް ހާލެއްގައި ގައުމަށް ކުރިމަތިވާ ހާއްސަ ހާލަތުތަކުގައި ގާނޫނު ތަންދޭ ގޮތުގެ މަތިން އެދެވޭ އިޖާބަ ދެވޭތޯ ކޮމިޝަނުން މަސައްކަތް ނުކުރާނެ ވާހަކައެއް ނޫނެވެ."
މި ކަމާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު ޝަފީގު މިއަދު ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން ކުޑަކުރިން ނިސްބަތަށް ބަލައި ބަޖެޓް ތައްޔާރު ކުރިކަން ގަބޫލުކުރައްވަން ދަތި ކަމަށެވެ. އެހެން ނަމަވެސް އެކަން އިތުރަށް ބައްލަވާފައި ނޫނީ އެއްޗެއް ވިދާޅުވާން ދަތި ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން ސިވިލް ސާވިސް އިން ތިޔަ ޝަކުވާ ކުރާނީ އެ ބޭފުޅުން ވެސް ބައްލަވާފައި ކަމަށް ވާނީ. ދެން އަޅުގަނޑު ޖެހޭނީ ބަޖެޓުން ތިކަން ވީ ގޮތެއް ބަލަން،" ޕާމަނަންޓް ސެކްރެޓަރީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ