ރކ. ކޮމެޓީތައް އުވާލުމުން ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ ކައުންސެލަރުންގެ އަތްމައްޗަށް

ރަށްރަށުގެ ރކ. ކޮމެޓީތައް ސަރުކާރުން އުވާލުމާ އެކު، އެ ކޮމެޓީތަކުގެ ބެލުމުގެ ދަށުގައި ހުރި ރައްޔިތުންގެ ގިނަ އަދަދެއްގެ ފައިސާ ކައުންސެލަރުންގެ ބާރުގެ ދަށަށް ހިނގައްޖެ އެވެ.
ރކ. ކޮމިޓީތައް އުވާލިކަން ސަރުކާރުން އިއުލާންކޮށްފައި ވަނީ މި މަހުގެ އެއް ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ބައެއް ރަށްރަށުގެ އޮފީސްތަކުން ބުނަނީ ކޮމެޓީތައް އުވާލި ކަމަށް މީޑިއާ މެދުވެރިކޮށް ސަރުކާރުން އިއުލާންކުރި ނަމަވެސް އެކަން ގަބޫލެއް ނުކުރާނެ ކަމަށެވެ. އަދި ރައްޔިތުންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތަކުގައި ހުރި އެތައް މިލިއަން ރުފިޔާގެ ފައިސާ ރަށު އޮފީހުން ކަނޑައަޅާ ކަންތައްތަކަށް ހަރަދުކުރަން ފަށައިފި ނަމަ ވެރިންގެ ބޮލުގައި ބޮޑު ތުހުމަތުތަކެއް އެޅުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ތ. ވޭމަންޑޫ ކަތީބު އާދަމް ޝަރީފު މިއަދު ވިދާޅުވީ ސަރުކާރުން އެ ކޮމިޓީތައް އުވާލިކަމަށް އިއުލާންކުރި ނަމަވެސް އެކަން ގަބޫލުކުރެވޭނީ ކަމާ ބެހޭ ފަރާތުން ލިޔެކިއުމުން އެކަން އެންގުމުން ކަމަށެވެ. އަދި ކޮމިޓީތައް އުވާލިއިރު ރައްޔިތުންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްގައި ހުރި ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ ފައިސާ އާ މެދު އަމަލުކުރާ ގޮތެއް ނިންމާފައި ނެތުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް. އަޅުގަނޑުމެން އެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންނަށް ހިދުމަތްތަކެއް ދެމުން އެބަގެންދަން. އެކަންތައްތައް ކުރިޔަށް ގެންދަން ފައިސާ ވެސް ހަރަދުކުރަން ޖެހޭ،" އޭނާ ވިދާޅުވި އެވެ. "މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ކޮމިޓީތައް އުވާލިކަމަށް އިއުލާންކުރުމުން، ކުރިން ކޮމިޓީގެ ފަރާތުން ސޮއިކުރަމުން ދިޔަ މީހުން ބުނަނީ އެ މީހުންނަށް ސޮއިކުރެވިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށް."
ޝަރީފު ވިދާޅުވީ އެ ރަށު ރައްޔިތުންގެ ފައިސާ ނެގުމަށް ޗެކްގައި ކުރިން ސޮއިކުރަމުން ގެންދިޔައީ ކޮމިޓީގެ މެމްބަރަކާއި ކަތީބާއި ރަށު ކައުންސިލަރު ކަމަށެވެ.
"ކޮމިޓީތައް އުވާލުމުން އެ ފައިސާ އެހެން ކަމަކަށް ބޭނުންކުރަން ވެއްޖެ ނަމަ ހަދާނެ ގޮތެއް އަޅުގަނޑުމެންނަށް އަދި ނޭނގެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ އެ ރަށުގެ ރައްޔިތުންގެ ނަމުގައި ހުޅުވާފައިވާ ދެ އެކައުންޓެއްގައި 1.2 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.
އދ. މާމިގިލީ ކަތީބުގެ އެހީތެރިޔާ ޖުނައިދު އިބްރާހިމް ވިދާޅުވީ ކޮމިޓީގެ ބެލުމުގެ ދަށުގައި ހުރި ފައިސާއާ މެދު އަމަލުކުރާނެ އުސޫލަކާ މެދު މަޝްވަރާކުރުމަށް ކޮމިޓީގެ ބައްދަލުވުމެއް މިރޭ ބާއްވާނެ ކަމަށެވެ. އަދި އެ ކޮމިޓީ އުވާލި ކަމަށް ސަރުކާރުން އަންގާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ސަރުކާރުން ވަކި ގޮތެއް ނިންމި ކަމެއް ލިޔުމަކުން އަންގާފައެއްނުވޭ. މިރޭ ވެސް ކޮމިޓީގެ ޖަލްސާއެއް ކުރިޔަށްދާނެ. ހަބަރުގައި ކޮންމެ އެއްޗެއް ގޮވިޔަސް އަޅުގަނޑުމެން ގަބޫލުކުރާނީ ލިޔެކިއުމުން އަންނަ އެއްޗެއް،" ޖުނައިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮމިޓީތައް އުވާލި ނަމަވެސް ރައްޔިތުންގެ ނަމުގައި ހުރި ފައިސާއާ މެދު އަމަލުކުރާނެ އުސޫލެއް ނެތުމުން ކަންބޮޑުވާ ކަމަށެވެ. އަދި އެ ފައިސާ ރައްޔިތުންގެ ބަހެއް ނެތި އެއްވެސް ކަމަކަށް ބޭނުންކުރެވިދާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ޖުނައިދު ވިދާޅުވި އެވެ.
"ކޮމިޓީ އުވާލި ނަމަވެސް އަޅުގަނޑުމެން މިހާރު ރައްޔިތުންގެ ފައިސާ އިން ހަރަދުގެން ދެ މަސައްކަތެއް ކުރިޔަށް އެބަގެންދަން. އެކަންތައްކުރަން ބޭނުންވާ ފައިސާ އެ އެކައުންޓުން ނަގަމުންދަނީ،" އޭނާ ވިދާޅުވި އެވެ.
ދެކުނުގެ ރަށެއްގެ ކަތީބަކު ވިދާޅުވީ ރކ. ކޮމިޓީތައް އުވާލި ނަމަވެސް ރައްޔިތުންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުރި ފައިސާއެއް ރައްޔިތުންގެ ބަހެއް ނެތި އެއްވެސް ބަޔަކަށް ބޭނުމެއް ނުކުރެވޭނެ ކަމަށެވެ.
"ރައްޔިތުންގެ ވޯޓަކުން ނަމަވެސް ބަހެއް ލިބިގެން އެ ފައިސާއާ މެދު ގޮތެއް ނިންމޭނީ. ސަރުކާރަކަށް ނޭނގޭނެ އެ ފައިސާ ހަރަދުކުރަންވީ ކަންތައްތަކެއް. އަދި ކައުންސިލަރަށް ލަފާދޭ ކޮމިޓީއެއް ހެދި ނަމަވެސް އެ ކޮމިޓީއެއް ހަދަން ވާނީ ރައްޔިތުންގެ ވޯޓަކަށް އަހައިގެން،" އޭނާ ވިދާޅުވި އެވެ.
އެ ކަތީބު ވިދާޅުވީ ރކ. ކޮމިޓީތައް އުވާލީ ސަރުކާރުން ބޭނުންވާހާ ގޮތަށް ކަންތައްތައް ކުރުމަށް ކޮމިޓީން ރުހުން ނުދޭތީ ކަމަށެވެ.
"ރކ. ކޮމިޓީތައް އުވާލައި ކައުންސިލަރު ބޭނުންވާ ބަޔަކު ލައްވައި ސޮއިކުރުވައިގެން ހަރަދުކުރެވޭ ގޮތަށް މިހާރު މިއޮތީ. އެ ފައިސާއަކީ ރަށުގެ ރައްޔިތުންގެ ބަހެއް ނެތި ކައުންސިލަރު ބޭނުން ބަޔަކު ލައްވައި ސޮއިކުރެވެގެން ހަރަދުކުރެވޭނެ ފައިސާއެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުށީ ކަތީބު އިސްމާއިލް އިބްރާހިމް ވިދާޅުވީ ކޮމިޓީތައް އުވާލައި ރައްޔިތުންގެ ފައިސާ ރަށު އޮފީހުން ކަނޑައަޅާ ކަންތައްތަކަށް ހަރަދުކުރަން ފަށައިފި ނަމަ ރައްޔިތުންގެ ފަރާތުން ތުހުމަތުގެ އިނގިލިތައް ދިއްކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ކޮމިޓީތައް އޮތްއިރު އަޅުގަނޑުމެންގެ ވަރަށް ބޮޑު ހިމާޔަތަކަށްވޭ. ނަމަވެސް އެ ކޮމިޓީތައް އުވާލުމުން ރައްޔިތުންގެ ފައިސާ ރަށު އޮފީހުން ބޭނުންވާ ކަންކަމަށް ހަރަދުކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެން މިތިބީ ސުވާލެއްގެ ތެރޭގައި،" އޭނާ ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ ރަށު އޮފީހުން ކަނޑައަޅާ ކަންތައްތަކަށް ރައްޔިތުންގެ ފައިސާ އިން ހަރަދުކުރުމަކީ ހަމަޖެހޭ ކަމަކަށް ނުވާނެ ކަމަށެވެ.
"މިކަމަކީ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ހިތްހަމަނުޖެހުންތަކެއް ކުރިމަތިވެދާނެ ކަމެއް. އެހެން ކަމުން އެ ފައިސާއާ މެދު އަމަލުކުރާނެ ގޮތެއް އަޅުގަނޑުމެން އަމިއްލައަކަށް ނުނިންމޭނެ،" އޭނާ ވިދާޅުވި އެވެ.
ސްޓޭޓް މިނިސްޓަރު ފޯ ހޯމް އެފެއާޒް އަހުމަދު ޝަފީގު މިއަދު ވިދާޅުވީ ރައްޔިތުންގެ ނަމުގައި ހުރި ފައިސާ އަކީ ރކ. ކޮމިޓީގެ ފައިސާއެއް ނޫން ކަމަށެވެ.
"އެ ފައިސާ އަކީ އަބަދުވެސް ރަށު އޮފީހުގެ ބެލުމުގެ ދަށުގައި ހުންނަ ފައިސާއެއް. އެހެންވީ ކުރިން ވެސް އަމަލުކުރަމުން ގެންދިޔަ ގޮތަށް އެ ފައިސާ ބޭނުންކުރާ ގޮތަށް އޮތީ،" އޭނާ ވިދާޅުވި އެވެ.
ޝަފީގު ވިދާޅުވީ ރަށް ކުރިއަރުވާ ކޮމިޓީން ކަމެއް ނިންމިއަސް އެކަމަކަށް ފައިސާ ދޫކުރާނީ އަބަދު ވެސް ރަށު އޮފީހުގެ ބެލުމުގެ ދަށުން ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ރކ. ކޮމެޓީތައް އުވާލީ މައިގަނޑު ދެ ސަބަބަކާ ގުޅިގެން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ މިހާރުގެ ގާނޫނު އަސާސީން ރކ. ކޮމެޓީތަކުގެ ގަވާއިދަށް ގާނޫނީ ހަސިއްޔަތު ލިބިފައި ނުވާތީ އެ ކޮމެޓީތަކުގެ ގާނޫނީ އެއްވެސް ހަސިއްޔަތެއް ނެތް ކަމަށް ޝަރުއީ ކޯޓުން ނިންމާފައިވާތީ އެވެ. ދެވަނަ ސަބަބެއް ކަމަށް ހޯމް މިނިސްޓްރީން ބުނީ ކޯޓުގެ ނިންމުމަށް ރިއާޔަތްކޮށް މިދިޔަ ނޮވެމްބަރު ،24 2009 ގައި ބޭއްވި ވަޒީރުންގެ މަޖިލީހުން ވެސް ރކ. ކޮމެޓީތަކުގެ ގާނޫނީ ހައިސިއްޔަތެއް ނިންމާފައި ނެތުމެވެ. އަދި އެ ދުވަހު ވަނީ އެއްބާރުލުން ނުދޭ ކަމަށް ބުނެ ހއ. ތަކަންދޫ ރކ. ކޮމިޓީ އުވާލައިފަ އެވެ.
ރކ. ކޮމިޓީތަކަކީ ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން އެކުލަވާލައި، 8 އޭޕްރީލް 1999 ގައި އަމަލުކުރަން ފެށި "ރަށްކުރިއަރުވާ ކޮމިޓީގެ ގަވާއިދު"ގެ ދަށުން އުފެދިފައިވާ ކޮމިޓީތަކެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ