ހުޅުމާލޭން ހައްޔަރުކުރި ގާޒީ އަރުވާލަން ހުކުމްކޮށްފި

މީގެ ދެ އަހަރު ކުރިން ހުޅުމާލޭ ގޮނޑުދޮށުގައި ބަދުއަހުލާގީ އަމަލު ހިންގަނިކޮށް އަތުލައިގަތް މަދަނީ ކޯޓުގައި މަސައްކަތް ކުރަމުންދިޔަ ގާޒީ މުހައްމަދު ހިލްމީ 15 އެތިފަހަރުން ތައުޒީރުކޮށް، ހަ މަސް ދުވަހަށް އަރުވާލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. ސ. ފޭދޫ، ހިތްއަލިވާގޭ މުހައްމަދު ހިލްމީގެ މައްޗަށް މި ހުކުމް ކްރިމިނަލް ކޯޓުން މިއަދު ކޮށްފައި ވާއިރު އޭނާއާ އެކު ބަދުއަހުލާގީ އަމަލު ހިންގި އެރަށު ހުސްނުހީނާގޭ، އައިމިނަތު އަލީ ވެސް 15 އެތިފަހަރުން ތައުޒީރު ކުރުމާއެކު ހަ މަސް ދުވަހަށް އަރުވާލުމަށް ވަނީ ހުކުމް ކޮށްފަ އެވެ.ކްރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކުރި ނަމަވެސް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ ދަށުން އެ ހުކުމް ތަންފީޒު ކުރުން ވަނީ ތިން އަހަރަށް ފަސްކޮށްފަ އެވެ.ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގެ 292 ވަނަ މާއްދާގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ކުރިން ކުށެއް ކޮށްފައިވާ ނުވާ މީހަކަށް ހަ މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އަރުވާލަން، ޖަލަށްލުމަށް ނުވަތަ ގޭގައި ބަންދު ކުރުމަށް ހުކުމް ކުރާ ނަމަ އެމީހެއްގެ ހުކުމް ތަންފީޒު ކުރުން ތިން އަހަރަށް ފަސް ކުރެވިދާނެ ކަމަށެވެ.ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ ނޮވެމްބަރު 12، 2009 ވަނަ ދުވަހުގެ ރޭ 11:30 އެހާއިރު ހިލްމީ އާއި އައިމިނަތު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ކުނިގޮނޑުގެ އިރުމަތީ ފަރާތު ހޭޅިފަށުގައި ބައްދައިގެން ތިއްބާ ކަމަށެވެ. އަދި އެ ދެ މީހުން ދައުވާ އަށް އިންކާރުކުރި ނަމަވެސް ހައްޔަރުކުރި ވަގުތު ނަގާފައިވާ ފޮޓޯތަކާއި މަންޒަރު ދުށް ފުލުހުންގެ ހެކި ބަހުން ޝަރީއަތަށް ކުށް ސާބިތުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ. ހިލްމީ ހުޅުމާލެއިން ހައްޔަރު ކުރިއިރު އޭނާ މަސައްކަތް ކުރައްވަމުން ދިޔައީ މަދަނީ ކޯޓުގަ އެވެ. އެއިރު އައިމިނަތު އަލީ މަސައްކަތް ކުރަމުންދިޔައީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގަ އެވެ. އާ ގާނޫނު އަސާސީގައިވާ ފަދައިން ފަނޑިޔާރުން ދާއިމީ ކުރިއިރު، ދާއިމީނުކޮށް ބާކީވި މަދު ފަނޑިޔާރުންގެ ތެރޭގައި ހިލްމީ ވަނީ ހިމެނިފަ އެވެ. އެނގިފައިވާ ގޮތުގައި ހިލްމީ މިހާރު މަސައްކަތް ކުރައްވަނީ އަމިއްލަ ލޯފާމެއްގަ އެވެ. ހައްޔަރު ކުރުމުން ގާޒީ ހިލްމީ ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އޭނާ ބަދުއަހުލާގީ އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ. މަދަނީ ކޯޓުގެ ގާޒީކަމާ ސެޕްޓެމްބަރު 21، 2008ގައި ހަވާލުވެވަޑައިގެންނެވި ހިލްމީ ހައްޔަރު ކުރިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ އައިމިނަތު އަލީއާ ކައިވެނި ބައްލައިވައިގެންފަ އެވެ. އަދި މިހާރު އެދެމަފިރިންގެ ކުއްޖަކު ވެސް ހުރެ އެވެ. ހައްޔަރު ކުރިއިރު އައިމިނަތު އަލީއަކީ ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ މީހެއް ނޫނެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެ ހުއްދަ ހޯދައި، ބައެއް މައްސަލަތަކުގައި ވަކާލާތު ވެސް ކޮށްފަ އެވެ.
ހިލްމީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރިޔާސީ ކޮމިޝަނާ ދެކޮޅަށް
ކުރެއްވި ދައުވާ އާއި ހެރަތެރަ މައްސަލަ އާއި ކުރީގެ ސިފައިންގެ ކެޕްޓަން
އިސްމާއިލް ނަސީރު އެމްއެންޑީއެފާ ދެކޮޅަށް ކުރި ދައުވާ ފަދަ ބޮޑެތި
މައްސަލަތައް ބައްލަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ