ގައުމީ އިއްތިހާދު ޕާޓީއާ އެމްޑީޕީއާ ދެމެދު ވެފައިވާ އެއްބަސްވުންތައް އުވާލުމަށް އެމްޑީޕީން ގަރާރެއް ފާސްކޮށްފި

މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީއާއެކު އެމްޑީޕީން ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލުމަށާއި ގައުމީ އިއްތިހާދު ޕާޓީގެ ބޭފުޅުންނަށް ސަރުކާރުން ދެއްވާފައިވާ ސިޔާސީ މަގާމުތަކުން އެ ބޭފުޅުން ވަކި ކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދަށް ލަފާ އެރުވުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ބުދަ ދުވަހު ގަރާރެއް ފާސްކޮށްފި އެވެ.
ގައުމީ މަޖިލީހުގެ މެމްބަރު އަދި ސްޓޭޓް މިނިސްޓަ ފޯ ފިނޭންސް އަސްލަމް ޝާކިރު ހުށަހެޅުއްވި މި ގަރާރު ފާސްވެފައި ވަނީ ހާޒިރުވެ ވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ކަމަށް އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވެ އެވެ.
އެމްޑީޕީގެ ވަގުތީ ރައީސް އަދި ސްޕެޝަލް އެންވޯއި ޓު ދަ ޕްރެޒިޑެންޓް އިބްރާހިމް ހުސެއިން ޒަކީ "ހަވީރަ" ށް ވާހަކަ ދައްކަވަމުން ބުދަ ދުވަހުގެ ރޭ ވިދާޅުވީ އެމްޑީޕީން މިގޮތަށް ނިންމީ ހުސްވެފައިވާ އިކޮނޮމިކް މިނިސްޓަރުކަމުގެ މަގާމަށް ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީގެ ބޭފުޅަކު ހަމަޖެއްސެވުމަށް އެދިވަޑައިގެން ނާއިބު ރައީސް އެމްޑީޕީ އަށް ފޮނުއްވި ސިޓީއެއް ގައުމީ މަޖިލިހަށް ހުށަހެޅުއްވުމުން ކަމަށެވެ.
"އެމްޑީޕީގެ ގައުމީ މަޖިލިހުގެ ވިންދު ހުރިގޮތް މިހާރު އެނގިގެން އެ ދިޔައީ. އަޅުގަނޑު މާދަމާ [ބުރާސްފަތި ދުވަހު] ރަސްމީކޮށް މި ލަފާ ރައީސަށް އަރުވާނަން،" ޒަކީ ވިދާޅުވި އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އެ ޕާޓީން މިދިޔަ ރިޔާސީ އިންތިހާބުގައި އެކިއެކި ޕާޓީތަކާ އިއްތިހާދުވީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ފޯރުކޮށްދޭން ކަމަށްވާއިރު ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު އަދި ނާއިބު ރައީސް ޑރ. ވަހީދުގެ ފަރާތްޕުޅުން އެކަމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިނުގަންނަވާ ކަމަށް ގައުމީ މަޖިލީހަށް ގަބޫލު ކުރެވުމުން ކަމަށް ފާސްކުރި ގަރާރުގައިވާ ކަމަށެވެ.
"ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު މި ޕާޓީ އަށް އެއްބާރުލުން ނުދެއްވައި، ސަރުކާރު ހިންގުމަށް ދަތިވާ ގޮތަށް ފާޅުގައި އަމަލުފުޅުތައް ބަހައްޓަވައި، މީޑިއާގައި ދޮގު ވާހަކަތައް ފަތުރުއްވަވައި، މި ޕާޓީގެ އަގު ވައްޓާލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ގެންދިއުމަކީ ގައުމީ އިއްތިހާދު ޕާޓީ އާއި މި ޕާޓީއާ ދެމެދު ވެފައިވާ އެއްބަސްވުން ގައުމީ އިއްތިހާދު ޕާޓީން އުވާލުން ކަމަށް އެމްޑީޕީގެ ގައުމީ މަޖިލީހަށް ގަބޫލުކުރެވޭ،" އެމްޑީޕީން ރައީސް ނަޝީދަށް ލަފާ އެރުވުމަށް ފާސްކުރި ގަރާރުގައި ވެ އެވެ.
މި ގަރާރު އެމްޑީޕީން މި ފާސްކުރީ ފަހަކަށް އައިސް ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު އަދި ނާއިބު ރައީސް ޑރ. ވަހީދު ސަރުކާރުގެ އެކި ކަންކަމަށާއި އެމްޑީޕީ އަށް ފާޑު ވިދާޅުވެފައި ވަނިކޮށެވެ. އަދި މި މަހުގެ 9 ގައި ރައީސް ނަޝީދު ވަނީ ގައުމީ އިއްތިހާދު ޕާޓީ ތަމްސީލު ކުރައްވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ރަޝީދު ވެސް މަގާމުން ވަކި ކުރައްވައިފަ އެވެ. މީގެ އިތުރުން އެމްޑީޕީން ވަނީ މީގެ ކުރިން ގައުމީ އިއްތިހާދު ޕާޓީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ނޫސްބަޔާނެއް ވެސް ނެރެފަ އެވެ. އަދި ނާއިބު ރައީސްގެ ދައުވަތަކަށް އިދިކޮޅު ޑީއާރުޕީގެ ބައެއް އިސްވެރިން އެ މަނިކުފާނުގެ ރަސްމީ ގެކޮޅު ހިލާލީގެ އަށް ވަޑައިގެން ބޭއްވި ބައްދަލުވުމާ ގުޅިގެން އެމްޑީޕީން ވަނީ ރުޅިގަދަވެ ހިލާލީގެ ކައިރީގައި މުޒާހަރާކޮށް ނާއިބު ރައީސްގެ އިސްތިއުފާ އަށް ވެސް ގޮވައިފަ އެވެ.
އެމްޑީޕީން ބުދަ ދުވަހު ފާސްކުރި މި ގަރާރާ ގުޅޭ ގޮތުން ގައުމީ އިއްތިހާދު ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ތައުފީގު ބުރާސްފަތި ދުވަހު ވިދާޅުވީ އެ ޕާޓީއާއެކު އެމްޑީޕީން ވެފައިވާ ހުރިހާ އެއްބަސްވުންތަކެއް އުވާލުމަށާއި ގައުމީ އިއްތިހާދު ޕާޓީގެ ބޭފުޅުންނަށް ސަރުކާރުން ދެއްވާފައިވާ ސިޔާސީ މަގާމުތަކުން އެ ބޭފުޅުން ވަކި ކުރެއްވުމަށް ރައީސް ނަޝީދަށް ލަފާ އެރުވުމަށް އެމްޑީޕީން ގަރާރެއް ފާސްކުރި ނަމަވެސް ރަސްމީ އެއްވެސް ކަމެއް އަދި ހިނގާފައި ނެތް ކަމަށެވެ.
"ރަސްމީ ގޮތުން ރައީސް ނަޝީދު ދެއްވާ ޖަވާބަކުން އަޅުގަނޑުމެން ކައުންސިލުން ގޮތެއް ނިންމާނީ. އަދި އެ ޖަވާބެއް އަޅުގަނޑުމެންނަކަށް ނާދޭ،" ތައުފީގު ވިދާޅުވި އެވެ.
ގައުމީ އިއްތިހާދަށް ނިސްބަތްވާ ސިޔާސީ ބޭފުޅުންގެ ގޮތުގައި މިހާރު ސަރުކާރުގައި ތިއްބެވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ އާއި އެ މަނިކުފާނުގެ ނާއިބު ޑރ. އަބްދުﷲ ނަޒީރާއި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު އަލި މަނިކާއި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އިނާޒާއި އިމިގްރޭޝަން ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހީމް އަދި ހިއުމަން ރިސޯސަސް މިނިސްޓަރުގެ ނާއިބު އައިމިނަތު އަލީ އެވެ.
މީގެ ތެރެއިން ގިނަ ބޭފުޅުންނާ ބުރާސްފަތި ދުވަހު ގުޅޭ ގޮތް ނުވުމުން އެމްޑީޕީގެ ނިންމުމާ މެދު އެ ބޭފުޅުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެހެން ނަމަވެސް ގައުމީ އިއްތިހާދު ޕާޓީގެ މެމްބަރުންގެ ކަންތައްތަކާ ބެހޭ ކޮމެޓީގެ ޗެއާޕާސަން އަދި އިމިގްރޭޝަން ކޮންޓްރޯލަރު އިލްޔާސް ހުސެއިން އިބްރާހީމް "ހަވީރަ" ށް ވާހަކަ ދައްކަވަމުން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކުރީ ގައުމުގެ މުސްތަގުބަލަށް ބަލާއިރު ވަރަށް ދެރަވަރުގެ ނިންމުމެއް ކަމަށާއި ރައީސް ނަޝީދު އެ ގަރާރަށް އަމަލު ކުރެއްވުމަކީ ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެމްޑީޕީ އާއި ގައުމީ އިއްތިހާދު ޕާޓީއާ ދެމެދު ވި އެއްބަސްވުން ފަސް އަހަރަށް އޮންނާނެ ކަމަށް ބުނެފައިވާއިރު އޭތި އުވާލަން ނިންމޭނެ އުސޫލަކާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.
"މިއީ ވަތަން އެދޭ ގުރޫޕުގެ އެންމެން އެއްބަސްވި ކަހަލަ އެއްބަސްވުމެއް ނޫން. މިއީ އެމްޑީޕީއާ ގައުމީ އިއްތިހާދު ޕާޓީއާ ދެމެދު ވި އެއްބަސްވުމެއް. މި އެއްބަސްވުމުގައި ވާނެ ދެ ޕާޓީ ގުޅިގެން ރިޔާސީ އިންތިހާބަށް މަސައްކަތް ކުރުމާއި ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ދެން އަމަލު ކުރާނެ އުސޫލުތައް ވަރަށް ރަނގަޅަށް ބަޔާންކޮށްފައި. އެއީ ފަސް އަހަރުގެ އެއްބަސްވުމެއް. އެކަމަކު ދެ އަހަރު ވެސް ނުވަނީސް އެއްބަސްވުން އުވާލެވެން ޖެހޭ އުސޫލެއް އަޅުގަނޑަކަށް ނުވިސްނޭ،" ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ވެސް އުޅުއްވި އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތެއް ނެތި އަދި އިމިގްރޭޝަން ޑިޕާޓްމަންޓު ނުހިންގޭ ކަމުގެ އެއްވެސް ޝަކުވާއެއް ނެތި ހަމައެކަނި އެމްޑީޕީގެ ގަރާރުގެ މައްޗަށް ބުރަވެ ވަޑައިގެން ރައީސް ނަޝީދު އޭނާ މަގާމުން ވަކި ކުރައްވައިފި ނަމަ އެއީ ގަބޫލުކުރައްވަން ދަތި ކަމަކަށްވާނެ ކަމަށެވެ.
"ރައީސް މައުމޫން ވެސް އަޅުގަނޑު ފަސް ފަހަރު ޖަލަށް ލައިގެން ސަރުކާރުގައި 18 އަހަރު ވަންދެން ގެންގުޅުނު. ރައީސް ނަޝީދުގެ ސަރުކާރަށް މި އުޅެނީ އަދި ދެ އަހަރު ނުވެގެން. އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުގެ ފަރާތުން ކޮރަޕްޝަނާއި އޮފީސް ނުހިންގޭ ވަރުގެ ކަމެއް ރައީސް ނަޝީދަށް ފެނިވަޑައިނުގަންނަވާހާ ހިނދަކު އަޅުގަނޑު ގެންގުޅުއްވާނެ ކަމަށް. އަޅުގަނޑަކީ ރައީސް ނަޝީދުގެ ކަނާތުގައި ހިފައިގެން މި ކަމުގެ ތެރެއަށް ނުކުތް މީހެއް،" ނާއިބު ރައީސް ޑރ. ވަހީދުގެ އަނބިކަނބަލުންގެ ކޮއްކޮ އިލްޔާސް ވިދާޅުވި އެވެ. "ގައުމީ އިއްތިހާދު ޕާޓީއަކީ އެމްޑީޕީ ވެރިކަމަށް ގެންނަން އުފެއްދި ޕާޓީއެއް. އެމްޑީޕީގައި ތިބި އެކްޓިވިސްޓުން ގޮވައިގެން ސަރުކާރު ނުހިންގޭނެ ކަމަށް ގަބޫލު ކުރެވިގެން އަޅުގަނޑުމެން މި ޕާޓީ އުފެއްދީ. އެހެންވެ ކުދިކުދި ޕާޓީތަކާއެކު އެމްޑީޕީން ކޯލިޝަން ވެސް ހެދީ."
ގައުމީ އިއްތިހާދަށް ނިސްބަތްވެ ވަޑައިގަންނަވާ އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިނާޒް ބުރާސްފަތި ދުވަހު ވިދާޅުވީ ސަރުކާރެއް ހިންގުމުގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުޅޭނެ ކަމަށާއި އެހެން ނަމަވެސް އޭނާ ހުންނެވީ ސަރުކާރަށް އެއްބާރުލުން ދެއްވަން ތައްޔާރަށް ކަމަށެވެ.
"އަޅުގަނޑުމެން ގައުމީ އިއްތިހާދު ޕާޓީ އުފެއްދި ސަބަބަކީ ރަނގަޅު ޓްރާންސްޕޭރެންޓް ސިސްޓަމެއް ގާއިމްކޮށް ކަންކަން އިސްލާހު ކުރުމަށް. އެއީ ނޮވެމްބަރު 2008 ގައި ވެރިކަމާ ހަވާލުވެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވާނެ ކަންތައްތަކެއް ނޫން. އެ ކަމުގައި ޕޭޝަންސް [ކެތްތެރި] ވާން ޖެހޭ. އަޅުގަނޑަށް މި ކަމުގައި މުހިންމީ ރައްޔިތުން. އަޅުގަނޑުމެން ބޭނުންވި ރަނގަޅު ޓްރާސްޕޭރެންޓް ސިސްޓަމް ގާއިމް ނުކުރެވެންޏާ ޕާޓީ ބަދަލު ކުރާކަށް ވެސް އަޅުގަނޑު ފަހެއް ނުޖެހޭނަން،" އިނާޒް ވިދާޅުވި އެވެ. "ޑީއާރުޕީގެ ވިސްނުމާ ފިކުރަށް ތާއީދުކޮށް ހެދުމަކީ އަދި ހައްލެއް ނޫން. މިދަނީ ޓްރާންސިޝަން ޕީރިއަޑެއް. މި މުއްދަތުގެ ތެރޭގައި ހުދުމުހުތާރު ފިކުރު ނައްތާލައި ގައުމު ރަނގަޅު ކުރަން ޖެހެނީ. އޭގެ ބަދަލުގައި ޑީއާރުޕީ އިތުރަށް ހަރުދަނާވާނެ ގޮތަކަށް މަގު ފަހިކުރުމަކީ ރަނގަޅު ކަމެއް ނޫން."
އިނާޒް އެ އިޝާރާތް ކުރައްވަނީ ދާދި ފަހުން ގައުމީ އިއްތިހާދު ޕާޓީން ބޭއްވި އާންމު ބައްދަލުވުމަށް ޑީއާރުޕީ/ޕީއޭ ކޯލިޝަންގެ މެމްބަރުން ހާޒިރުވުމާއި ޑީއާރުޕީގެ ބައެއް އިސްވެރިންނާ ގައުމީ އިއްތިހާދު ޕާޓީގެ ލީޑަރު ޑރ. ވަހީދު ބައްދަލު ކުރެއްވުމަށެވެ.
ގައުމީ އިއްތިހާދު ޕާޓީއާ އެމްޑީޕީން ވެފައިވާ އެއްބަސްވުން އުވާލުމަށް އެމްޑީޕީން ފާސްކުރިއިރު ސަރުކާރާ އެކު ކޯލިޝަން ހަދާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ގައުމީ ޕާޓީގެ ބޭފުޅުން ވަނީ ކޯލިޝަނުން ވަކި ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ