ހޯމް މިނިސްޓަރު ގާސިމް އިބްރާހިމްގެ އިސްތިއުފާ: މައިގަނޑު ސަބަބަކީ ޖަލުގެ ކަންތައް ރަނގަޅު ކުރުމަށް އެހީތެރިކަން ނުލިބުން

ޖަލުގެ ކަންތައްތައް ރަނގަޅު ކުރުމަށް ބޭނުންވާ ފައިސާ އާއި އެހީތެރިކަން ސަރުކާރުން ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ގާސިމް އިބްރާހީމް ބުދަ ދުވަހު އިސްތިއުފާ ދެއްވައިފި އެވެ.
މަގާމާ ހަވާލުވެވަޑައިގެންނެވިތާ އެންމެ 22 ދުވަހުގެ ތެރޭގައި މަގާމު ދޫކުރެއްވި ވަޒީރު ބުދަ ދުވަހުގެ ރޭ ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން އެމަނިކުފާނު އިސްތިއުފާ ދެއްވި މައިގަނޑު ސަބަބަކީ ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް ކުރެއްވި މަސައްކަތްތަކަށް ސަރުކާރުގެ ތެރެއިން އެކަށީގެންވާ އެއްބާރުލުން ލިބިވަޑައިނުގަތުން ކަމަށެވެ. އަދި އިސްތިއުފާ ދެއްވީ ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް އޭނާ އަށް ފެނިވަޑައިގަންނަވާ ކަންތަކުގެ ވާހަކަ، ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ބުދަ ދުވަހުގެ މެންދުރުގެ ފަހުގެ ވަގުތެއްގައި ރައީސް އޮފީހުގައި ބައްދަލުކުރައްވައި ދެންނެވުމަށް ފަހު ކަމަށް ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ އިއްތިހާދުގެ ކެމްޕޭނުގައި ވައުދުވެފައިވާ ގޮތަށް ޖަލުގެ ކަންތައްތައް ރަނގަޅުކުރުމަށް ބޭނުންވާ އެއްބާރުލުން ނުލިބި އެ ކަންކަން ރަނގަޅު ނުކުރެވުމުން ގާނޫނު އަސާސީގައިވާ ގޮތުން ޒިންމާ އުފުއްލަވަން ޖެހިވަޑައިގަންނަވާނީ ހޯމް މިނިސްޓަރުކަމަށާއި އިސްތިއުފާ ދެއްވީ އެ ބަދުނާމު ބޮލުގައި އަޅުއްވަން ބޭނުންފުޅުނުވާތީ އެވެ.
އިސްތިއުފާ ދެއްވުމަށް ފަހު ވީޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވަނީ ވަރަށް ގިނަ މައްސަލަތަކެއްގެ ވާހަކަ ދައްކަވައިފަ އެވެ. އޭގެ ތެރޭގައި ޖަލުގައި ތިބި ކުށްވެރިންނަށް މައާފު ދެއްވުމުގެ ވާހަކައެއް ރައީސްގެ ޚާއްސަ މަންދޫބު އިބްރާހީމް ހުސައިން ޒަކީ ނޮވެމްބަރު 14 ވަނަ ދުވަހު ޖަލަށް ވަޑައިގެން ވިދާޅުވެފައިވުން ހިމެނެ އެވެ. ގާސިމް ވިދާޅުވީ އެއީ އެމްޑީޕީ އިއްތިހާދުގެ ކެމްޕެއިންގެ ތެރޭގައި ވެސް ވަރަށް ބޮޑަށް ދައްކާފައިވާ ވާހަކައެއް ކަމަށާއި ނަމަވެސް ކުށްވެރިންނަށް މައާފު ދެއްވޭނީ ގާނޫނެއްގެ ދަށުން ކަމަށް ވާތީ އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި މަޖިލީހަށް ހުށަހެޅުމަށް ރައީސް އޮފީހުގައި ދަންނަވާފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލަ އަދި ހުށަހަޅުއްވާފައި ނުވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހުން (ޖަލުގައި ތިބި ކުށްވެރިން) ވަނީ ކަންކަން ރަނގަޅުކުރުމަށް މުއްދަތެއް ދީފައި. އެއީ މި މަހުގެ 7 ނޫނީ 10 ވަނަ ދުވަހާ ހަމައަށް. އެއިރަށް އެ ކަންކަން ނުކޮށްފި ނަމަ އިންޒާރުތަކެއް ވެސް އެ މީހުން ދީފައިވާ ކަމަށް ވަނީ،" ގާސިމް ވިދާޅުވި އެވެ
މައުމޫންގެ ސަރުކާރުގެ ފައިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ގާސިމް ވިދާޅުވީ ޖަލު މީހުންގެ ކެއުންބުއިމުގެ ކަންތައް ރަނގަޅުކުރުމަށް ފައިސާ ބޭނުންވާ ކަމަށާއި ނަމަވެސް ފައިސާ ލިބެނީ ރައީސް އޮފީހުގަ އާއި ފައިނޭންސް މިނިސްޓްރީގައި ދަންނަވައިގެން ވަރަށް ތާށި ގޮތަކަށް ކަމަށެވެ. އެގޮތުން ފައިސާ ނުލިބިގެން ޖަލު މީހުންނަށް ކާން ދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު ކާންދިނުމުގެ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ފަރާތްތަކުން ދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ސަރުކާރުން ވެފައިވާ ވައުދާ އެއްގޮތަށް ކަންތައްތައް ނުކުރެވުމުން އެ ކަމުގައި "ބަދުނާމުވެ އަގުވެއްޓެނީ" އެމަނިކުފާނު ކަމަށާއި "އެލަދުވެތިކަމާ" ކުރިމަތިލައްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތަކަށް ދިމާވާ ހުރަސްތަކެއް ހުރި ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖަލުގެ ކަންތައްތަކުގެ އިތުރުން ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި އެހެން ސަބަބުތަކެއް ވެސް ހުރި ކަމަށް ވިދާޅުވި އެވެ. އެގޮތުން މާލޭގެ ސަލްޓަން ޕާކް އާންމުކޮށް ހުޅުވުމަށްޓަކައި، އެތަނުގެ ވަށައިގެން ޖަހާފައިވާ ނަރުތައް ކެނޑި އިރު ހޯމް މިނިސްޓަރުގެ ގޮތުން އެކަން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެމަނިކުފާނަކީ އަތޮޅުތަކާ ބެހޭ ވަޒީރު ކަމަށް ވިޔަސް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި އައްޑު އަތޮޅާއި ޏ. ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅާއި ބުދަދުވަހު އުތުރަށް ފެއްޓެވި ދަތުރުފުޅުގެ މައުލޫމާތު ވެސް ދެއްވާފައިނުވާ ކަމަށެވެ.
ގާސިމް ވިދާޅުވި ގޮތުގައި އެ ދަތުރުފުޅުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުން ޖަވާބެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވީ އެއީ ހޯމް މިނިސްޓަރު މާ ގަބޫލު ދަތުރުތަކެއް ނޫން ކަމަށެވެ. އޭގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އޭނާއާ ދެކޮޅަށް އެއްޗެހި ފާސްކުރަމުންދާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"ރާއްޖެތެރެއަށް (ރައީސް) ވަޑައިގަންނަވަންޏާ ރާއްޖެތެރެއާ ހަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރަށް އެކަން ވަރަށް ރަނގަޅަށް ސާފުވާން ޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. މިފަހަރު އުތުރަށް ވަޑައިގަންނަވަން ވެސް އިއްޔެ އަޅުގަނޑަށް ސިޓީއެއް ލިބުނު މެންދުރު ފަހުން ވަޑައިގަންނަވާ ވާހަކަ. އެކަމަކު އަޅުގަނޑު ކައިރިން ދާނަންތޯ ނުދާނަންތޯ ނުވަތަ މިނިސްޓްރީން ކޮން ބައެއްތޯ ހިމަނާނީ އެކަހަލަ އެއްވެސް އެއްޗެއް ނާއްސަވާ. އެހެންވީމަ ތަފާތު އެޖެންޑާއެއް އޮވެގެން ކުރެވޭ ދަތުރުތަކަކަށް ނުވާނެ ބާއޭ ސުވާލު އުފެދޭ،" ގާސިމް ވިދާޅުވި އެވެ.
ހޯމް މިނިސްޓަރަށް ކަންތައްތައް އެންގެވުމުގެ ބަދަލުގައި ރައީސް އޮފީހުން ބައެއް ކަންތައްތަކުގައި އިރުޝާދު ދެނީ ހޯމް މިނިސްޓްރީގައި ތިއްބަވާ އެމްޑީޕީ އަށް ނިސްބަތްވާ ދެ ސްޓޭޓް މިނިސްޓަރުންނަށް ކަމަށް ގާސިމް ވިދާޅުވި އެވެ.
"ތެދު ބަހުން ދަންނަވަންޏާ ވަރަށް ރަނގަޅަށް އިނގޭ އިންޓެންޝަން (ނިޔަތް) ރަނގަޅު ނޫންކަން. އެހެންވީމަ ވަރަށް ބޮޑު ހިއުމިލިއޭޝަނެއް އައިސް އަޅުގަނޑު ޖަވާބުދާރީ ވާން ޖެހޭއިރު އަޅުގަނޑަށް އެއީ ކޮން ކަންތަކެއްކަން ނޭނގި ކަންތައް ހިނގަމުންދާ ނަމަ އެއީ ވަރަށް ދެރަ މައްސަލައެއް. އަޅުގަނޑު ދަންނަވާނީ ވާޖިބު އަދާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެކޭ މިއީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިސްތިއުފާ ދެއްވީ ވަން އެންޑް އޮން ލީ ރީތި ރަށުގައި ހިނގި ހަޅުތާލުގައި ވަޒީފާ އިން ވަކިކުރި 13 މީހުން އެ ރިސޯޓުން ބޭލުމަށް ފުލުހުން ފޮނުވި މައްސަލައިގައި ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ނޫން ކަމަށެވެ. ރީތި ރަށަށް ފުލުހުން ފޮނުވީ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވުމުން ޖަލުގެ ކަންކަން ވަރަށް ބާރަށް ހިނގައިގެންފާނެ ކަމަށް ހީފުޅުކުރެއްވޭ ކަމަށެވެ.
އެމްޑީޕީ އިއްތިހާދުގެ ސަރުކާރުން ގާސިމް އިސްތިއުފާ ދެއްވުމާ ގުޅިގެން އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަނީ ބުދަ ދުވަހުގެ ރޭ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ. އެކަމަކު ގާސިމް ވިދާޅުވީ އެބައްދަލުވުމާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ހާމަކުރައްވަން ގަސްދުނުކުރައްވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ