ކުޅުދުއްފުށީ ބަނދަރު ސަރަހައްދުން ތިން ފޫޓަށް ވުރެ ދިގު ހަރުފައެއް ފެނިއްޖެ

ތިން ފޫޓަށް ވުރެ ދިގު ހަރުފައެއް ހދ. ކުޅުދުއްފުށިން އިއްޔެ ފެނިއްޖެ އެވެ.
ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު މިއަދު ވިދާޅުވީ ދިގުމިނުގައި ތިން ފޫޓު ހަތަރު އިންޗި ހުރި އެ ހަރުފަ ފެނިފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައި އެ ރަށު ބަނދަރު ސަރަހައްދުން ކަމަށެވެ. ހަރުފަ ފެނުނު މީހުން އޭތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަރުފަ އަށް އޮތީ ކޮންމެވެސް ބަޔަކު އަނިޔާކޮށްފައި ކަމަށާއި އަދި އިއްޔެ ހަވީރުގެ ވަގުތެއްގައި އޭތި މަރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލިސް ސްޓޭޝަނުން ބުނި ގޮތުގައި ފެން ހަރުފައިގެ ވައްތަރެއް ކަމަށް ބެލެވޭ އެ ހަރުފަ ކުޅުދުއްފުއްޓަށް އައިސްފައިވަނީ މިދިޔަ ހަފުތާގައި އިންޑިއާ އިން ހިލަވެލި ހިފައިގެން އެ ރަށަށް ދިޔަ ބާޖަކުން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
އޮފިޝަލު ވިދާޅުވީ މަރުވެފައި އޮތް އެ ހަރުފަ މިހާރު މެރިން ރިސާޗް ސެންޓަރަށް ފޮނުވާލާފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި ވެސް ކުޅުދުއްފުށިން ދެ ހަރުފައެއް ފެނިފައިވެ އެވެ. އެހެން ނަމަވެސް އިއްޔެ ފެނުނު ހަރުފަ އެހެން ހަރުފަތަކަށްވުރެ ބޮޑު ކަމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ