މަސްތުވާތަކެތި ނައްތާލުމުގެ ޕްރޮގްރާމް އަލުން ފަށަނީ

ގާނޫނީ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ބުނެ، މަސްތުވާތަކެތި ނައްތާލުން މެދުކަނޑާލާފައި އޮންނަތާ އަހަރެއްހާ ދުވަސް ފަހުން އެ ތަކެތި ނައްތާލަން އަލުން ނިންމައިފި އެވެ.
ސަބް އިންސްޕެކްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ އެކިއެކި މައްސަލަތަކުގައި އަތުލައިގަންނަ މަސްތުވާތަކެތި ނައްތާލުމުން، ގާނޫނީ މައްސަލަތަކެއް ނުކުންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފާހަގަކޮށް، އެކަން ފުލުހުންނަށް އެންގުމުން މަސްތުވާތަކެތި އެންދުން ހުއްޓާލާފައިވާ ކަމަށެވެ.
ޝިޔާމް ވިދާޅުވީ މަސްތުވާތަކެތި ނައްތާލުމަށް އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ނިންމީ އެކަމާ ގުޅޭ ގޮތުން ޕީޖީ އޮފީހާ މަޝްވަރާތަކެއް ކުރުމަށް ފަހު ކަމަށެވެ. ނައްތާލަން ނިންމާފައިވާ މަސްތުވާތަކެއްޗަކީ އޭގެ ސަބަބުން ގާނޫނީ މައްސަލަތަކެއް ނުނިކުންނާނެ އެއްޗެހި ކަމަށް ޝިޔާމް ވިދާޅުވި އެވެ. އެހެން ނަމަވެސް އަންދާލަނީ ކިހާ އަދަދެއްގެ މަސްތުވާތަކެއްޗެއް ކަމާއި އެތަކެތި އަންދާލާނެ ދުވަހެއް އޭނާ ވިދާޅެއް ނުވެ އެވެ.
އެންމެ ފަހުން މަސްތުވާތަކެތި ނައްތާލާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް އެ ފަހަރު ވެސް މަސްތުވާތަކެތި އަންދާލީ ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އެވެ. ފުލުސް އޮފީހުން އޭރު ބުނެފައި މަސްތުވާތަކެތި ނައްތާލުން އޭރު މެދުކަނޑާލާފައިވަނީ ކޯޓު އަމުރަކަށް އެދުމުން ޖިނާއީ ކޯޓުން އެ އަމުރު ނުނެރެދިނުމުންނެވެ. ނަމަވެސް މަސްތުވާތަކެތި ނައްތާލުމުގައި ކޯޓު އަމުރު ހޯދަން ނުޖެހޭ ގޮތަށް މިހާރު ގަވައިދު ބަދަލުކޮށްފައިވާ ކަމަށް ފުލުސް އޮފީހުން ބުންޏެވެ. މިހާރު މަސްތުވާތަކެތި ނައްތާލަނީ ފުލުހުންގެ ގާނޫނުގެ ދަށުން އަލަށް އެކުލަވާލާފައިވާ ކޮމެޓީއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ