ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ހުސްވެފައިވާ ދެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބޭފުޅުންގެ ތެރެއިން ދެ ބޭފުޅެއްގެ ނަން މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޗްއާރުސީއެމްގެ ބާކީ ދެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ފާސްކުރެއްވީ ކުރިން ވެސް އެ ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ދީނީ ބޭފުޅެއް ކަމަށްވާ، ދަފްތަރު 1969 އަހުމަދު އަބްދުލްކަރީމާއި މަޖިލީހުގެ އަމީން އާންމުގެ ނާއިބުގެ ގޮތުގައި މިހާތަނަށް ހުންނެވި ހ. މެރިންވިއު ޑރ. އަލީ ޝަމީމެވެ.
މީގެ ތެރެއިން އަހުމަދު އަބްދުލްކަރީމް އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. ޑރ. އަލީ ޝަމީމްގެ ނަން ފާސްވީ އެ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 65 މެމްބަރުންގެ އިއްތިފާގުންނެވެ.
އެޗްއާރުސީއެމްގެ ބާކީ ދެ މަގާމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ފަސް ނަން ދިރާސާ ކުރެއްވި ވަގުތީ ކޮމެޓީން މާކްސް ދީފައިވާ ތަރުތީބުން ރިޔާސަތުން ވޯޓަށް އެއްސެވުމުން އަހުމަދާއި ޝަމީމްގެ ނަން ފާސްވުމުން ބާކީ ތިން ނަމަކަށް ވޯޓަށް ނާއްސަވަ އެވެ. ކޮމެޓީގެ ރިޕޯޓުގައިވާ ގޮތުން އެ ކޮމެޓީން ކަނޑައެޅި 75 ޕަސެންޓަށް ވުރެ މަތިން އެ ހުރިހާ ބޭފުޅުން ވެސް ވަނީ މާކްސް ހޯއްދަވައިފަ އެވެ.
އެޗްއާރުސީއެމްގެ މެމްބަރުންގެ ގޮތުގައި މަޖިލީހުން ކުރިން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ، މަގާމުތަކަށް އައްޔަން ކުރައްވާފައި ވަނީ މަރިޔަމް އަޒްރާ އަހުމަދާއި ޖީހާން މަހުމޫދު އަދި އަހުމަދު ތޮލާލެވެ. މީގެ ތެރެއިން ކޮމިޝަންގެ ރައީސަކަށް އަޒްރާ އަދި ނާއިބު ރައީސަކަށް ޖީހާން ހަމަޖެއްސެވުމަށް ރައީސް ނަޝީދު މިހާރު ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.
މަޖިލީހުގެ މެމްބަރުން މިއަދު ވިދާޅުވީ އެޗްއާރުސީއެމަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސް ނަޝީދު ކުރިން މަޖިލީހަށް ފޮނުއްވި ނަންތަކަށް ބަލާއިރު ފަހުން ފޮނުއްވި ބޭފުޅުން ކޮމިޝަނުގައި މަސައްކަތްކުރެއްވުމަށް އެކަށީގެންވާ ކަމަށެވެ.
37: 13 - ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރު ކަމަށް ޑރ. އަލީ ޝަމީމް އާއި އަހުމަދު އަބްދުލްކަރީމްގެ ނަން ރައްޔިތުންގެ މަޖިލިހުން ދެންމެ ފާސް ކޮށްފި އެވެ.
ކުރިން ވެސް ކޮމިޝަންގެ މެމްބަރަކަށް ހުންނެވި ދީނީ ބޭފުޅެއް ކަމަށްވާ އަހުމަދާއި ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމުގެ ނާއިބުގެ މަގާމުގައި ހުންނެވި ޝަމީމްގެ ނަން މަޖިލިހުން މި ފާސްކުރީ އެޗްއާރުސީއެމް އަށް އައްޔަން ކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެވަނަ ފަހަރަށް ފޮނުއްވި ނަންތަކުގެ ތެރެއިންނެވެ.
ރައީސް ނަޝީދު ފުރަތަމަ ފޮނުއްވި އަށް މީހުންގެ ތެރެއިން ތިން ނަމެއް މަޖިލިހުން ފާސްކޮށް ކޮމިޝަނަށް ވަނީ އައްޔަން ކުރައްވާފަ އެވެ.
ދެވަނަ ފަހަރަށް ފޮނުއްވި ހަ ނަމުގެ ތެރޭގައި ޝަމީމް އާއި އަހުމަދުގެ އިތުރުން ހިމެނުނީ ބަންޑާރަ ނާއިބު އަހުމަދު އަލީ ސަވާދުގެ އެއްބަނޑު އެއްބަފާ ކޮއްކޮ އަދި ކްލިނިކަލް ސައިކޮލޮޖިސްޓެއް ކަމަށްވާ އަދި ކޮމިޝަން އެންމެ ފުރަތަމަ އުފެއްދި އިރު ވެސް މެމްބަރެއްގެ ގޮތުގައި ހުންނެވި ހ. ސީސައިޑް ޑރ. އައިޝަތު އަލީ ނާޒާއި ހެލްތު އެންޑް ފެމިލީ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމު ކުރިން ފުރުއްވި ޖެންޑާ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ މ. ލައިޓްވިއު މަޒީނާ ޖަމީލާއި ކުރިން އެޗްއާރުސީއެމްގައި މަސައްކަތް ކުރެއްވި ޏ. ފުވައްމުލަކު މައުނާ އިބްރާހިމް ހުޒާމެވެ.
މިހާރު އެޗްއާރުސީއެމް އަށް އައްޔަން ކުރައްވާފައިވާ ތިން ބޭފުޅުންނަކީ މަރިޔަމް އަޒުރާ އަހުމަދާއި ޖީހާން މަހުމޫދާއި އަހުމަދު ތޮލާލް އެވެ.
(ތަފްސީލް އަންނަނީ)
އެޗްއާރުސީއެމަށް އަހުމަދު އަބްދުލް ކަރީމާއި އަލީ ޝަމީމް އައްޔަން ކުރެއްވުމަށް މަޖިލީހުން ފާސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ