ޕާޓީން ނުކުރަން އަންގާފައިވާ ކަމެއް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ކުރެއްވި ކަމަށް ބުނާ މައްސަލައާ ގުޅޭ ގޮތުން ކަންތައް ހިނގާފައިވާ ގޮތް ސާފުކުރުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ފޮނުވި ސިޓީ އަށް ޖަވާބު ދެއްވާނީ ސީޑާ ޑެޕިއުޓީ ލީޑަރަށް އެޑްރެސްކޮށް ސިޓީ ފޮނުވުމުން ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ.
"އެ ސިޓީ ފޮނުވާފައި އޮތީ ދޮންޖޭމުގޭ އުމަރު ނަސީރަށް ވެދުން ސަލާމަށް ފަހު ކަމަށް. އެ ސިޓީ ހަގީގަތުގައި ފޮނުވަން ޖެހޭނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް. ސަބަބަކީ ކައުންސިލުގައި ވާހަކަ ދެއްކީ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ މައްސަލައަކާ ބެހޭ ގޮތުން. ޑިސިޕްނިލަރީ ކޮމެޓީ އަށް ފޮނުވީ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރުގެ މައްސަލަ. އެހެންވީމަ ކޮމެޓީން ބޭނުންވާ މައުލޫމާތެއް ސާފުކުރުމަށް ވެސް ސިޓީ ފޮނުވަން ޖެހޭނީ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް،" އުމަރު ވިދާޅުވި އެވެ. "އެ ގޮތަށް ސިޓީގައި ނެތުމުން އަޅުގަނޑު އެއަކަށް ޖަވާބެއް ނުދެން."
އޭނާ ވިދާޅުވީ ޑެޕިއުޓީ ލީޑަރަށް އެޑްރެސްކޮށް ޑިސިޕްލިނަރީ ކޮމެޓީން ފޮނުވައިފި ނަމަ ކޮމެޓީ އަށް ޖަވާބުދާރީވެ ވަޑައިގަންނަވާނެ ކަމަށެވެ.
ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ ޕާޓީން ނުކުރަން އަންގާފައިވާ ކަމެއް ނުކުރުމަށް އުމަރަށް އަންގާފައިވަނިކޮށް އެކަމާ ޗެލެންޖްކޮށް އެކަން ކުރައްވަން އުމަރު އުޅުއްވުމާ ގުޅިގެން އެކަން ހިނގި ގޮތް ސާފުކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން އުމަރަށް ސިޓީ ފޮނުވާފައި ވަނީ މި މަހުގެ 11 ގައި ކަމަށެވެ. އަދި އެ ސިޓީއަށް 15 ދުވަހުގެ ތެރޭގައި ޖަވާބު ދެއްވުމަށް އުމަރަށް ދަންނަވާފައިވާނެ ކަމަށް ނާފިޒް ވިދާޅުވި އެވެ.
"އެ ސިޓީ އަށް އުމަރު ޖަވާބުދާރީއެއް ނުވޭ. އެހެންވީމަ ސިޓީ އަށް ޖަވާބުދާރީނުވި މައްސަލަ އަލުން ޑިސިޕްލިނަރީ ކޮމެޓީ އަށް ގެންގޮސްގެން މައްސަލަ ނިންމަން ޖެހިފައި އޮތީ. އަނެއްކާ ވެސް މި މައްސަލަ އަށް ގޮތެއް ނިންމާނީ ޑިސިޕްލިނަރީ ކޮމެޓީން،" އޭނާ ވިދާޅުވި އެވެ.
އުމަރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވަން ކައުންސިލުން ނިންމީ އޭނާގެ އިތުރުން އަނެއް ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު އިސްވެ ތިއްބަވައިގެން މިދިޔަ ސެޕްޓެމްބަރު މަހު ބާއްވަން އުޅުނު މުޒާހަރާއަކާ ގުޅިގެންނެވެ. އެހެން ނަމަވެސް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަންގަވާފައި އޮތީ އެ މުޒާހަރާ އެ ތާރީހުގައި ނުބޭއްވުމަށެވެ. އެހެން ނަމަވެސް މައްސަލަ އަކަށްވީ ޑީއާރުޕީގެ ސެކްރެޓޭރިއޭޓުން ބުނެފައިވާ ގޮތުގައި އެކަމާ އުމަރު ޗެލެންޖް ކުރައްވައި އެ ހަރަކާތް ބާއްވަނީ ޑީއާރުޕީގެ ނަމުގައި ކަމަށް ނިއުސް ކޮންފަރެންސްތަކުގައި އުމަރު ވިދާޅުވުމުންނެވެ.
އެހެން ނަމަވެސް އުމަރު ވިދާޅުވަމުން ގެންދަވަނީ ޕާޓީގެ އަސާސީ ގަވާއިދު ބުނާ ގޮތުން ޑެޕިއުޓީ ލީޑަރެއްގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީން ނުބެލޭނެ ކަމަށެވެ. އޭނާ ވިދާޅުވަނީ ޑީއާރުޕީގެ އަސާސީ ގަވާއިދު އޮތް ގޮތުން ޕާޓީގެ ލީޑަރާއި ޑެޕިއުޓީ ލީޑަރުން މަގާމުން ވަކިކުރެވޭނީ ކޮންގްރެސްގެ ތިން ބައިކުޅަ ދެ ބައިގެ އަޣުލަބިއްޔަތުން ކަމަށެވެ.
ކޮމެޓީގެ ސިޓީ އަށް ޖަވާބުދޭނީ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރަށް ސިޓީ ފޮނުވުމުން: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ