ޑީއާރުޕީން އުމަރު ނަސީރު ވަކިކުރަން ނިންމައިފި

ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު އެ ޕާޓީން ވަކިކުރުމަށް ޕާޓީގެ ޑިސިޕްލިނަރީ ކޮމެޓީން ބުރާސްފަތިދުވަހު ފާސްކޮށްފި އެވެ.
ނަމަވެސް ޒައީމް މައުމޫން އަބްދުލްގައްޔޫމް ގެ ދަރިކަނބަލުން ޔުމްނާ މައުމޫން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޒައީމް މައުމޫނުގެ ބަޔާނެއް އިއްވަވަމުން ވިދާޅުވީ ޒައީމް މައުމޫން އެ ނިންމެވުން ގަބޫލު ނުކުރައްވާ ކަމަށެވެ.
އުމަރު އެ ޕާޓީން ވަކިކުރަން ބުރާސްފަތި ދުވަހު މެންދުރު 00: 3 ގައި ބޭއްވި ޑިސިޕްލިނަރީ ކޮމެޓީގެ ބައްދަލުވުމުގައި ފާސްކުރީ އެ ކޮމެޓީގެ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އުމަރު ޕާޓީން ވަކިކުރަން ވޯޓު ނުދެއްވަނީ ޕާޓީގެ ޒައީމް ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން އަހުމަދު ނަދީމް އެކަންޏެވެ. އަނެއް ހަތަރު ބޭފުޅުން ކަމަށްވާ ކޮމެޓީގެ ރައީސް އަބްދުއް ލަތީފާއި ނާއިބު ޝާހު އިސްމާއީލާއި އަހުމަދު ނިޔާޒް އަދި އަހުމަދު ޝަރީފު (އީގަލް ޝަރީފު) ވޯޓު ދެއްވީ އުމަރު ޑީއާރުޕީން ވަކިކުރެއްވުމަށެވެ.
ޝާހަކީ އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލެވެ. އަދި ނިޔާ އަކީ ނިއު ރޭޑިއަންޓް ހިންގުމުގައި އިސްކޮށް އުޅުއްވަމުން ގެންދަވާ ބޭފުޅެކެވެ.
އުމަރު ޑީއާރުޕީން ވަކިކުރަން ނިންމި ސަބަބެއް ކަމަށް ޑިސިޕްލިނަރީ ކޮމެޓީގެ ބަޔާނުގައި ބުނެފައި ވަނީ އަމަލާއި ބަހުން ޕާޓީ ބައިބައި ކުރުމަށް މަސައްކަތް ކުރެއްވުމާއި ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ ބަދަލުގައި ޕާޓީގެ ލީޑަޝިޕަށް ގޮންޖައްސަވާތީ ކަމަށެވެ.
ޑީއާރުޕީން އުމަރު ވަކިކުރަން ނިންމީ މިދިޔަ ސެޕްޓެމްބަރު މަހު ބާއްވަން އުޅުނު މުޒާހަރާ ނުބޭއްވުމަށް ލީޑަރު އަހުމަދު ތަސްމީން އަލީ އެންގެވުމުން ވެސް އެކަމަށް މަސައްކަތް ކުރެއްވުމުންނެވެ. އަދި އުމަރުގެ މައްސަލަ ޑިސިޕްލިނަރީ ކޮމެޓީ އަށް ފޮނުވަން ނިންމާފައި ވަނީ ޕާޓީގެ ކައުންސިލުންނެވެ.
އުމަރާ ދެކޮޅަށް ވޯޓު ނުދެއްވި ހަމައެކަނި ފަރާތް ކަމަށްވާ ނަދީމް "ހަވީރަ" ށް ވިދާޅުވި ގޮތުގައި އޭނާ ވޯޓު ނުދެއްވީ ގަވާއިދާ ހިލާފު އަދި ސުވާލު އުފެދޭ ގޮތަށް ކަންތައްތައް ދިއުމުން ކަމަށެވެ. އެގޮތުން ކުއްލި ގޮތަކަށް ބައްދަލުވުން ބުރާސްފަތި ދުވަހު ބާއްވައި ކުއްލި ނިންމުންތައް ކޮމެޓީން ނިންމަމުން ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
އުމަރު ވިދާޅުވީ އޭނާ ޕާޓީން ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ނިންމޭނެ އެއްވެސް އުސޫލެއް ނޯންނާނެ ކަމަށާއި ޑެޕިއުޓީ ލީޑަރަކު ވަކިކުރެވޭނީ ކޮންގްރެސް އިން ކަމަށެވެ.
"ޑެޕިއުޓީ ލީޑަރަކު ވަކިކުރަން ޑިސިޕްލިނަރީ ކޮމެޓީން ނިންމައިފިއްޔާ އެއީ ބާތިލު ނިންމުމެއް. އެކަން ކުރެވޭނީ ކޮންގްރެސް އިން. އެކަން ވަރަށް ރަނގަޅަށް އެނގޭނެ ޕާޓީގެ އަސާސީ ގަވާއިދުގެ 83 އާއި 84 ވަނަ މާއްދާއިން،" ޑީއާރުޕީގެ ޖަލްސާއެއް ހއ. ވަށަފަރުގައި ބޭއްވުމަށްޓަކައި އެ ރަށަށް ވަޑައިގަތުމަށް ލޯންޗުގައި ހުންނަވައިގެން ފޯނުން އުމަރު ވިދާޅުވި އެވެ. "އަޅުގަނޑަކީ އަދިވެސް ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު. އެ ހައިސިއްޔަތުން ވަށަފަރުގައި އަޅުގަނޑު މިދަނީ ޖަލްސާ ބާއްވަން."
ޑީއާރުޕީން އުމަރު ވަކިކުރަން އުޅޭ ކަމަށް ބުނެ ބުރާސްފަތި ދުވަހު ހެނދުނު އޭނާގެ ސަޕޯޓަރުންތަކެއް ވަނީ ޕާޓީ އޮފީސް ތެރޭގައި އަޑުގަދަ ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ