ފިރިހެނެއްގެ ރޭރުކުރުމަށް ދީލައިލާކަށް ނެތިން: މެމްބަރު އީވާ

ފިރިހެނެއްގެ ރޭރުކުރުމަށް ދީލައިނުލާނެކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެކަމަނާއަށް ކުރިމަތިވަމުން ދިޔަ ގަނާ ކުރުމާ ދެކޮޅަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އަންހެން ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އަންހެން މެމްބަރުންނަށް މަސައްކަތްކުރުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ގޮވާލައި އެކަމަނާ ހުށަހއެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން، މިއަދުގެ ޖަލްސާގައި އީވާ ވިދާޅުވީ، އަންހެނުންގެ ހައްގުގައި ވަކާލާތުކޮށް، އަންހެނުން ބާރުވެރިކުރުމަށްޓަކައި ގާރާރެއް ހުށަހެޅުމުން، އެކަމާ ކިތަންމެ މަލާމާތެއް ކުރި ކަމުގައިވީނަމަވެސް އެއަށް ބޯނުލަނބާނެ ކަމަށެވެ.
އެފަދަ ބަސްތައް ކުރިމަތިވުމުން އުދަނގޫ ވީނަމަވެސް، އުނދަގޫވާ ކޮންމެ ފަހަރަކު ފަހަތަށް ނުޖެހޭނެ ކަމަށް އީވާ ވިދާޅުވިއެވެ.
މީގެއިތުރުން އީވާ ވިދާޅުވީ، މި ގަރާރު މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ބައެއް ކައުންސިލްތަކުގެ އަންހެން ކައުންސިލަރުންނަށާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކަނބަލުންނަށް އިތުރު ފުރައްސާރައާއި ކުރިމަތިވިކަމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ.
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން މަސްއޫލިއްޔަތު އަދާކުރުމުގައި އެގާނޫނުގައި ސިފަކޮށްފައިވާ ގޮތަށް ގާނޫނުގެ ރޫހުގައި މަސައްކަތް ކުރޭތޯ ކަށަވަރުކުރަން ޖެހޭ ކަމަށް މެމްބަރު އީވާ ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ