ބުދަ ދުވަހުގެ ރޭ 11:15ހާއިރު މުޅި ރަށުން ކަރަންޓް ކެނޑި، 11 ގަޑި އިރަށް ފަހު ރ. ދުވާފަރަށް ކަރަންޓް ދީފިއެވެ.
މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވާތާ ހަފުތާއެއްހާ ދުވަސް ވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ރ. ދުވާފަރުން "ވީނިއުސް"އާ ވާހަކަދެއްކި ޒުވާނަކު ބުނީ، ފާއިތުވި 48 ގަޑިއިރު އެތައް ފަހަރަކު އެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
މިވީ ހަފުތާއެއްހާ ދުވަސްތެރޭގައި އެވަރެޖުކޮށް ދުވާލަކު 10 ފަހަރު ކަރަންޓް ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި، މީގެ ކުރިން ކަރަންޓް ކެނޑުނު ނަމަވެސް ކަރަންޓް ލިބެން މާ ގިނައިރެއް ނުނަގައެވެ. ކަރަންޓް ކެނޑިފައި ގާތްގަނޑަކަށް 5 ވަރަކަށް މިނެޓުން ކަރަންޓް ލިބެއެވެ.
ނަމަވެސް، ބުދަ ދުވަހުގެރޭ 11:15ގައި އެރަށުން ކަރަންޓް ކެނޑުނު ގޮތަށް ކަރަންޓް ލިބުން ލަސްވާތީ ރައްޔިތުން ވަނީ އިހުތިޖާޖުކޮށްފައެވެ.
މިކަމާ ގުޅިގެން ދުވާފަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީގެ އޮފިޝަލަކު ރޭ "ވީނިއުސް"އަށް ވިދާޅުވީ، ކަރަންޓު ދެވޭނެ ގަޑިއެއް ބުނަން ނޭނގޭ ކަމަށެވެ.
އެރަށުން ކަރަންޓު ކެނޑިފައިވަނީ މައި ކޭބަލަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި، މައްސަލަ ހައްލުކުރުމަށް އެ ކުންފުނީގެ ޓީމެއް މިއަދު ވަނީ ދުވާފަރަށް ގޮސްފައެވެ.
މިހާރު އެ މައްސަލަ ހައްލުކޮށް ރަށަށް ވަނީ ކަރަންޓް ދީފައެވެ.
2004 ވަނަ އަހަރުގެ ސުނާާމީގައި ސުންނާފާތިވި ރ. ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރުގައި އާބާދުވާން ފެށީ 2009 ވަނަ އަހަރުއެވެ.
އޭރުން ފެށިގެން އެރަށުން ކަރަންޓް ކެނޑުމުގެ ޝަކުވާ ރައްޔިތުން އަންނަނީ ކުރަމުންނެވެ.
އެންމެ ފުރަތަަމަ އެ ރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދިނީ ފެނަކަ ކޯޕަރޭޝަނުންނެވެ. ނަމަވެސް ޚިދުމަތް ދޯދިޔާ ކަމަށް ބުނެ ރައްޔިތުން ނުކުމެ ފެނަކަ ބޭރުކުރީއެވެ.
ދުވާފަރުގެ 5000 އަަށް ވުރެ ބޮޑު އާބާދީގެ ތެރެއިން 4000 ވަރަކަށް މީހުން ރަށުގައި ދިރިއުޅެއެވެ.
އެގާރަ ގަޑި އިރަށް ފަހު ދުވާފަރަށް ކަރަންޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ