މަޖިލީހުން އިސްމާއިލް އަބްދުލް ހަމީދުގެ މުސާރަ ހިފަހައްޓައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއީލް އަބްދުލް ހަމީދުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ހިފަހައްޓައިފި އެވެ.
އިސްމާއިލް އަބްދުލް ހަމީދުގެ މިދިޔަ މަހުގެ މުސާރައަށްވާ 62500ރ. ހިފަހައްޓާފައިވާކަން މަޖިލީހުގެ އިދާރާއިން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ. މިއީ ފަހުގެ ތާރީހެއްގައި ރައްޔިތުންގެ މަޖިލީހުން މެންބަރެއްގެ މުސާރަ ހިފެހެއްޓި ފުރަތަމަ ފަހަރެވެ.
އޭނާގެ މުސާރަ ހިފަހައްޓާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި އޭނާ ދޮޅު އަހަރު ދުވަހަށް އަރުވާލަން މިދިއަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމް ކުރި ހިސާބުން ފެށިގެންވެ.
މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދު މިއަދު ވިދާޅުވީ އިސްލާއިމް އަބްދުލް ހަމީދުގެ މިދިޔަ މަހުގެ މުސާރަ ހިފަހައްޓާފައިވާ ކަމަށާއި "ކާށިދޫ ދާއިރާގެ މެންބަރަށް މުސާރަ ދިނުމާމެދު ވަކިގޮތެއް އަދި ނުނިންމަވާ" ކަމަށެވެ.
~
އިސްމާއިލް އަބްދުލްހަމީދު މިއަދު ވިދާޅުވީ އޭނާގެ މިދިޔަ މަހުގެ މުސާރަ ހިފަހައްޓާފައި ވީނަމަވެސް މުސާރަ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މީގެ ދެ ހަފުތާ ކުރިން ވިދާޅުވެފައިވާ ކަމަށެވެ. މުސާރަ ދެއްވާނެ ވަކި ދުވަހެއް ކަނޑައެޅިގެން ވިދާޅުވި ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިދިޔަ މަހުގެ މުސާރަ އަދި ނުދެއްވާ. އަޅުގަނޑު ކައިރީގައި މަޖިލީހުގެ ރައީސް ވިދާޅުވި މުސާރަ ދެއްވާނަމޭ. ވަކި މުއްދަތެއް ވިދާޅެއް ނުވޭ. އަބަދުވެސް މިހާރުވެސް ލިބޭ ގޮތަށޭ އޮތީ ވިދާޅުވި،" އިސްމާއިލް އަބްދުލް ހަމީދު ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ޝާހިދުގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ. ފޯނެއް ނުނަންގަވަ އެވެ.
އަރުވާލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރި ފަހުން އިސްމާއިލް އަބްދުލް ހަމީދު މަޖިލީހުގެ ޖަލްސާއަކަށް ވަޑައިގަތީ އިއްޔެ އެވެ. އޭނާ ޖަލްސާއަށް ވަޑައިގަތުމާ ގުޅިގެން މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދި މަޖިލީހުގެ ތަޅުން ހޫނުވެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރައްވާފައިވާ މެންބަރު ވިދާޅުވީ މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާއަށް ވެސް ވަޑައިގަންނަވާނެ ކަމަށާއި ޖަލްސާއަށް ވަޑައިގަތުމަށް އޭނާއަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގެ ދެ ވަނަ ނަންބަރުގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެ، އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒު ކުރަމުންދާ މީހެއް ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަމުން އެ މީހަކު ވަކިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ