ޖޭޕީ/ޕީޕީއެމް ކޯލިޝަން ރޫޅުން ހިސާބުން ސަރުކާރުގެ ސައްހަކަން ވަނީ ގެއްލިފައި - ގާސިމް

ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމް އާއިއެކު ހެދި ކޯލިޝަން އުވާލި ދުވަހުން ފެށިގެން ސަރުކާރުގެ ސައްހަކަން ގެއްލިފައިވާ ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ ދިފާއުގައި ކަމަށް ބުނެ އެމްޑީޕީ/ޖޭޕީން ޗާންދަނީމަގު، ދިރާގު ކަންމަތީގައި ރޭ ބޭއްވި އެއްވުމުގައި ގާސިމް ވިދާޅުވީ ސަރުކާރުގެ ސައްހަކަން ގެއްލިފައިވާ ކަމަށާއި ރައްޔިތުން ވެރިކަމާ ހަވާލުވާން ޖެހިފައިވާ ކަމަށެވެ.
 
އަދި ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހުންނެވީ ޖުމްހޫރީ ޕާޓީގެ ވެސް ތާއީދާ އެކު ކަމަށާއި ނެޝެނަލް ކޮމިޝަން އޮފް އިންކުއަރީ (ކޯނީ) ރިޕޯޓުގައި ބުނެފައިވާ ގޮތަށް، ކޯލިޝަނުން ޖުމްހޫރީ ޕާޓީ ވަކިވި ދުވަހުން ފެށިގެން ސަރުކާރުގެ ސައްހަކަން ގެއްލިފައިވާ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވި ގޮތުގައި ސަރުކާރުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުންނާ މެދު ސަރުކާރުން ދަނީ ވަރަށް ނިކަމެތިކޮށް ހިތަމުންނެވެ. އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތު ތަކަކީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ ބޮޑެތި ތުހުމަތުތައް ކަމަށާއި ކުރިއަށް އޮތް ތަނުގައި ރައީސް ޔާމީން ގެ އެންމެ އިސް މިނިސްޓަރު ކަމުގައިވާ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުވެސް އެކަހެރިކުރާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިރޭގެ ކަންމަތީ ބައްދަލުވުމުގައި ގާސިމް ވިދާޅުވީ ސަރުކާރުގެ އަމަލުތައް މިހާރު ހުރި ގޮތް ފެނުމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޕީޕީއެމްގައި މަޑުކުރާނެ މެމްބަރުން ނެތްކަމަށެވެ.
އަދި ޕީޕީއެމްގެ މަޖިލިސް މެމްބަރުން އެޕާޓީ ދޫކޮށް ވަރަށް އަވަހަށް ނިކުމެވަޑައިގެން ޤާނޫނު އަސާސީ ހިމާޔަތް ކުރެއްވުމުގެ މަސައްކަތުގައި ބައިވެރިވާނެކަމުގައިވެސް ގާސިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ