ރައީސް ޔާމީން ބާއްވަމުންދާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ޣައްސާން މައުމޫން ބައިވެރިވޭ!

ސިވިލް ކޯޓުން މިއަދު ކޮށްފައިވާ ޙުކުމާއި އެއްގޮތައް ޕީޕީއެމްގެ މުސްތަޝާރު ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ބާއްވަމުން ގެންދަވާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި ޕީޕީއެމްގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމްގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ބައިވެރިވެ ވަޑައިގަންނަވަމުން އެބަގެންދަވައެވެ.
ޕީޕީއެމްގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތައް އުފެެދިފައި ވާއިރު ރައީސް ޔާމީންގެ ބެލުމުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް ރައީސް މައުމޫންގެ ފެކްޝަންގެ ބޭފުޅުން ދަނީ ވިދާޅުވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސޯޝަލް އެފެއާޒްގެ މަގާމު ޣައްސާން މައުމޫން މިހާރު ވެސް ގެންދަވަނީ ފުރުއްވަމުންނެވެ.
ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާ ކައުންސިލް ބައްދަލުވުމުގައި ޣައްސާން އިއްނެވިއިރު މިއަދު ޕީޕީއެމްގެ އޮފީހަށް ރައީސް މައުމޫން ވަޑައިގެންނެވިއިރު އެއޮފީހަށް ވެސް ޣައްސާން ވަޑައިގެންނެވިއެވެ. ނަމަވެސް ރައީސް މައުމޫން ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ޣައްސާން ބައިވެރިވެ ވަޑައިގެންނެވި ކަމެއް ކަށަވަރެއް ނުވެއެވެ.
ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން މިހާރު ސަރުކާރުގެ ވަޒީފާއެއްގައި ހުންނެވި ހަމައެކަނި ބޭފުޅަކީ ވެސް ޣައްސާން އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ