ރައީސް މައުމޫނު ފެކްޝަނަށް ޖަލްސާ ބާއްވަން ދަރުބާރުގެ ދިނުމަށްފަހު އަތުލައިފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަވާ ޖަލްސާއަށް ދަރުބާރުގެ ދޫކުރުމަށްފަހު، އެތަން ދެވެން ނެތްކަމަށް އަންގައިފިއެވެ.
ޕީޕީއެމްއަށް ފަސް އަހަރު ފުރުމާއި ގުޅިގެން، މި މަހުުގެ 31 ވަނަ ވަނަ ދުވަހުގައި ދަރުބާރުގޭގައި ޖަލްސާއެއް ބޭއްވުމަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ދިޔައީ ތައްޔާރުވަމުންނެވެ. ރައީސް މައުމޫން މިދިޔަ ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި އެ ޖަލްސާ ބާއްވާނެކަމަށް އިއުލާނުކޮށްފައިވާއިރު، އެ ޖަލްސާގައި ޕީޕީއެމްގެ އާއްމު މެމްބަރުން ބައިވެރިވުމަށް މައުމޫން ވަނީ ދައުވަތު އަރުވާފައެވެ.
އެހެންނަމަވެސް އެ ޖަލްސާ އަށް ދަރުބާރުގެ ޕީޕީއެމްގެ މައުމޫން ފެކްޝަނަށް ނުދޭން ނިންމިއިރު، ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރާ ފެކްޝަނަށް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ދަރުބާރުގެ ވަނީ އިންތިހާބު ނިމެންދެން ދޫކޮށްފައެވެ.
ރައީސް މައުމޫނު ފެކްޝަނުގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ ޖަލްސާ ބޭއްވުމަށް ހުރިހާ ކަމެއް ނިންމައި ތަނަށް ފައިސާވެސް ދައްކާފައި ވަނިކޮށް އެތާރީހަށް ދަރުބާރުގެ ދެވެން ނެތްކަން މިއަދު ހައުސިންގެ މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަލީމް ވިދާޅުވި ގޮތުގައި، ދަރުބާރުގެ ދޫކުރެވެން ނެތީ އިމްތިހާނެއް ކުރިއަށް ދާތީ ކަމަށް މިނިސްޓްރީން އެންގީ އިއްޔެއެވެ.
އަލީމް ވިދާޅުވީ ދަރުބާރުގެ ދޫނުކުރީ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ކަމަށާއި ހަމަ އެ ދުވަހު އެހެން ތަނެއްގައި ޖަލްސާ ބޭއްވެމަށް މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ދެން ޖަލްސާ ބާއްވާނެ ތާރީހަކާއި ތަނެއް ފަހުން އަންގާނެ ކަމަށް އަލީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ