ކުއްޖަކު މަރާލި ކަމުގެ ކުށް ސާބިތުނުވާ ކަމަށް ސިމާމުގެ މައްޗަށް ދަށު ކޯޓުން ހުކުމްކުރީ ރަނގަޅަށް: ހައި ކޯޓު

ދެހާސް ނުވަ ވަނަ އަހަރު ތ. އޮމަދޫގައި ނަހަލާލަށް ވިހުމަށް ފަހު ތުއްތު ކުއްޖަކު މަރާލި މައްސަލާގައި އެ ކުއްޖާގެ މަންމަގެ ފިރިމީހާ، ށ. ކަނޑިތީމް އެއްގަމުގޭ ހަސަން ސިމާމްގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ދައުވާ ސާބިތުނުވާ ކަމަށް ކުރީގެ ޖިނާއީ ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފި އެވެ.
ޖިނާއީ ކޯޓުން ކުރިން ކުރި ހުކުމުގައި އެ ކުއްޖާގެ މަންމަ، ތ. އޮމަދޫ، ކަސްތޫރިމާގޭ، އާމިނަތު ހުސެއިނާއި އޭނާގެ މަންމަ ސަކީނާ އަލީގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށް ސާބިތުވާ ކަމަށް ކުރިން ވަނީ ހުކުމްކޮށްފަ އެވެ.
ދައުލަތުން ސިމާމްގެ މައްޗަށް އިސްތިއުނާފުކުރީ، އޭނާގެ މައްޗަށް ދަށު ކޯޓުން ކުށް ސާބިތުނުވާކަމަށް ކުރިން ކަނޑައެޅީ، ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެއެވެ.
ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ ޖިނާއީ ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ޝަރީއަތުގައި ސިމާމް ދައުވާއަށް އިންކާރު ކުރި ނަމަވެސް ތަހުގީގުގައި އޭނާ ކުށަށް އިއުތިރާފެފައިވާތީ އެ އިއުތިރާފްގެ މައްޗަށާއި އޭނާގެ އިއުތިރާފާ ގުޅިގެން ހުރި އެހެން ގަރީނާތަކުގެ މައްޗަށް ނުބަލައި އޭރު ދަށު ކޯޓުން ހުކުމް ކުރިކަމަށް ބުނެ އެވެ.
ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ މަރާލި ކުއްޖާގެ މަންމަ އާމިނަތު ހުސެއިންގެ ހެކިބަސް ސިމާމްއާ ދެކޮޅަށް ލިބިފައިވާކަމަށެވެ. އަދި އާމިނަތުގެ ހުސެއިންގެ މަންމަ ސަކީނާ ވެސް ސިމާމް އެ ކުށުގައި ބައިވެރިވިކަމަށް ބުނެފައިވާއިރު ޖިނާއީ ކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ސަކީނާ އަލީގެ ހެކިބަހަށް ރިއާޔަތް ނުކޮށް ކަމަށެވެ.
ހައިކޯޓުގެ ހުކުމްގައި ބުނަނީ ކުށެއްގެ ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައިވާ އިއުތިރާފް ފިޔަވައި އެހެން އިއުތިރާފްތައް ހެކީގެ ގޮތުގައި ބަލައި ނުގަނެވޭނެކަމަށް ގާނޫނު އަސާސީގެ 52 ވަނަ މާއްދާގައި ސާފު ސަރީހަ އިބާރާތުން ބަޔާންކޮށްފައިވާތީ، ސިމާމް ތަހުގީގަށް ދީފައިވާ ބަޔާން ޝަރީއަތަށް ބަލައި ނުގަނެވޭނެ ކަމަށެވެ.
އެ ހުކުމްގައި ބުނަނީ ޖިނާއީ ކޯޓަށް ސަކީނާ ދީފައިވާ ބަޔާނުގައި ސިމާމްގެ މައްޗަށް ދައްކާފައި ހުރި ވާހަކަތައް ދެ ފަހަރު ދެގޮތަކަށް ދައްކާފައިވާކަމަށެވެ.
އެހެންކަމުން އާމިނަތު ހުސެއިނާއި އޭނާގެ މަންމަ ސަކީނާގެ ބަހުން ސިމާމްގެ މައްޗަށް ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށް ޖިނާއީ މިންގަނޑުން ޝަރީއަތަށް ސާބިތުވެފައި ނުވާތީ އެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ހުކުމެއްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ވެސް އެ ހުކުމްގައިވެއެވެ.
އެ ކުއްޖާ މަރާލާފައި ވަނީ ވަށަމިނުގައި ދެ ފޫޓު ހުންނަ ވަރުގެ ދަގަނޑު ތައްޓަކަށް ފެން އަޅައި، އެ ތައްޓަށް އެ ކުއްޖާ ގަންބާލުމަށް ފަހު އެވެ. މަރާލުމަށް ފަހު އެ ކުއްޖާ ވަނީ އެ ރަށު ގޮނޑު ދޮށުގައި ވަޅުލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ