"ހަރަކާތުގައި" އެމްޑީޕީ ވަރުބަލިވުމެއް ނެތް!

ރާއްޖެ އަށް 2003 ކުން ފެށިގެން އައި ސިޔާސީ ބޮޑަތި ބަދަލުތަކުގެ އަސްލަކަށް އޭރުވެސް އަދި މިހާރު ވެސް ބެލެވެނީ އެމްޑީޕީ އެވެ. އިންސާނީ ހައްގުތައް ހިމާޔަތްކޮށް އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތްކުރި އެވެ. ޑިމޮކްރަސީގެ ޗެމްޕިއަނުންގެ ގޮތުގައި އެމްޑީޕީ މަޝްހޫރުވީ އެ ހިސާބުންނެވެ. އެ މަޝްހޫރުކަމުން ތާއީދު ހޯދައިގެން އެމްޑީޕީ އިން 2008ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރި އެވެ.
އެއަށް ފަހު އެމްޑީޕީގެ އައު ސޮފްހާއެއް ހުޅުވަން ފެށި އެވެ. ޑިމޮކްރަސީ އާ ދިމާ އިދިކޮޅު ބައެއް އަމަލުތައް އެމްޑީޕީގެ ފަރާތުން ފެންނަން ފެށިކަމަށް ރައްޔިތުންގެ ތެރެއިން ބަޔަކު ގަބޫލުކުރި އެވެ. ސުޕްރީމް ކޯޓުގައި ތަޅު އެޅުވުމުން ފެށުނު ސިލްސިލާ އަބްދުﷲ ގާޒީގެ ހައްޔަރާ ހިސާބުން ނިމުނު އިރު އެމްޑީޕީ އަށް އޮތީ ވެރިކަން ވެސް ގެއްލިފަ އެވެ. އެއާ އެކު އުފެދުނީ އެމްޑީޕީގެ ކުރިމަގާ މެދު ކުރިމަތިވި ސުވާލުތަކެކެވެ. އެކަމަކު އެ ސުވާލުތަކަށް ކޮންމެވެސް ވަރަކަށް ޖަވާބު އެބަލިބެ އެވެ.
"އަޅުގަނޑުމެން މިއީ އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަނެ ބިރު ފަހަނައަޅާ ދާންވީ ވަގުތު،" އެމްޑީޕީގެ އިސްލީޑަރެއްގެ މަގާމުގައި ހުންނެވި ރައީސް މުހަންމަދު ނަޝީދު ވެރިކަމުން އިސްތިއުފާދެއްވުމަށް ފަހު ފުރަތަމަ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވިދާޅުވި އެވެ. "އަޅުގަނޑުމެން އަދި އެނބުރި އަންނާނެ. ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އަދި ސަރުކާރަށް އެނބުރި އަންނާނެ،"
އެއަށް ފަހު ދެން ފެނިގެން އައީ އެމްޑީޕީގެ "ބިޔަ" މުޒާހަރާތަކާއި އެއްވުންތަކެވެ. ކަނޑުމަތީގެ މުޒާހަރާ އާއި ރެއާދުވާލުގެ މުޒާހަރާތަކުގައި އެމްޑީޕީން ހައްލަކަށް ގޮވަނީ އަވަސް އިންތިހާބެވެ. ރާޅުގަނޑު ސަރަހައްދުގައި ޓެންޓު ޖަހައިގެން މަހެއްހާ ދުވަހު މަޑުކުރި އިރު ވެސް ހަމަ އިވުނީ އެ އަޑެވެ.
އެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ، އަވަސް އިންތިހާބެއް ނުލިބެނީސް މިހާރު ފަށާފައިވާ އިހުތިޖާޖް ހުއްޓާނުލާނެ ކަމަށެވެ. އެކަމުގައި އެ ޕާޓީގެ މެންބަރުން ވެސް އަދި ގުރާސްރޫޓު ވެސް އޮތީ ވަރުބަލިވެފައެއްނޫނެވެ. އިންތި ވިދާޅުވީ ސިޔާސީ ހަރަކާތްތައް އަހަރުތަކަށް ދެމިގެން ދިޔައަސް އެމްޑީޕީ ވަރުބަލިނުވާނެ އެވެ.
"އަޅުގަނޑުމެން ވަރުބައްޔެއް ނުވާނެ. މި ޕާޓީއަކީ ރާއްޖޭގައި އެންމެ ވަރުގަދަ ސިޔާސީ ހަރަކާތް ހިންގާފައިވާ ޕާޓީ. މިޕާޓީން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރާނެ. އަދި މެންބަރުން ވެސް. އެންމެ ގްރާސްރޫޓުން ފެށިގެން އާދައިގެ މެންބަރުންނާ ހަމައަށް މިތިބީ ހުއްޓާގޮތަކަށް ނޫން. އަވަސް އިންތިހާބަކަށް ރައްޔިތުން ވެސް އެ ގޮވާލަނީ. ބައިނަލްއަގުވާމީ މުޖުތަމައު ވެސް އެ ގޮވާލަނީ،" އިންތި ވިދާޅުވި އެވެ.
އެމްޑީޕީގެ ހަރަކާތްތައް އެއްވާނެއްގައި ކުރިޔަށް ދިޔަނަމަވެސް އެ ހަރަކާތްތަކަށް އެކިފަހަރު އެކި މިންވަރަށް ސަރުކާރުން ވެސް އަދި އިއްތިހާދުން ވެސް ފިއްތުންތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން އެމްޑީޕީގެ މުޒާހަރާ މައިދާން "ބިމާ ހަމަ"ކޮށްލުމާއި މާރާމާރީ އާއި މަސްތުވުމުގެ ތުހުމަތުތަށް އެމްޑީޕީގެ މުޒާހަރާގެ މައްޗަށް އަންނަނީ ހިޔަނި އެޅެމުންނެވެ.
"އަޅުގަނޑުމެން ހަމަނުޖެހުން ހިންގުމާއި މާރާމާރީ ހިންގުން ފަދަ ކަންކަން، މިކަންތައްތައް އަޅުގަނޑުމެން ހިތްވަރެއް ނުދެން. އަދި މިޕާޓީއަކުން ވެސް ހިތްވަރެއް ނުދެން. އަދި މިޕާޓީން އިސްވެ އޮވެ އެފަދަކަމެއް ނުކުރާނެ. އެކަމަކު މިކަހަލަ ވާހަކަ ފަތުރަނީ އަޅުގަނޑުމެންގެ މޮޓިވޭޝަން، ހިތްވަރު ދުއްވާލަން. މިހަރަކާތް ހުއްޓާލުމަށް ކަމަށް އަޅުގަނޑަށް ސިފަވަނީ،" އިންތިވިދާޅުވި އެވެ.
އެމްޑީޕީގެ "ހިތްވަރު" ގަދަ އިހުތިޖާޖްތައް އެހެން ގޮތަކަށް ސިފަކުރާ ބަޔަކު ވެސް އެބަ އުޅެ އެވެ. އެއީ އޭގެ އަނެއްފަރާތެވެ. ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ އެމްޑީޕީގެ ފެށުމަކީ ވެސް އަދި މިހާރު ވެސް އެ ޕާޓީން މަސައްކަތް ކުރަނީ ދައުލަތުގެ މުއައްސަސާތަކުގެ އަބުރު ކަތިލާ ބިރުވެރިކަން އުފެއްދާ ހަމަނުޖެހުމަށް ޖާގަދިނުމަށް ކަމަށެވެ.
"މަދަނީ ބަސްނޭހުމުގެ ނަމުގައި އެކިއެކި ހަރަކާތްތައް ހިންގުމަށް ހިތްވަރުދެއްވަނީ. ރައީސް ނަޝީދު މަސައްކަތް ކުރެއްވީ ހުއްޓުމެއް ނެތި ގާނޫނުގެ ބާރު ކަނޑުވާލެއްވުމަށް. ފެސުނީއްސުރެ އެމްޑީޕީގެ މައިގަނޑު މަސައްކަތަކަށްވީ އިންސާނުން ބިރު ގެންނަވައިގެން ކަންތައްތަކެއް ކުރުން. އެބަހުރި ބައެއް ކަންތައްތަކުގައި ކުރިއެރުންތައް ވެސް ހޯއްދަވާފައި،" ނިހާން ވިދާޅުވި އެވެ.
ނިހާނުގެ އެ ވާހަކަ އަށް ހިއްވަރު ލިބޭ ފަދަ ވާހަކައެއް ވިދާޅުވި އަނެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ ކަންކަން ހައްދުން ނެއްޓީ ގާނޫނުގެ ބާރުކަނޑުވާލައި ކަންކަން ކުރަން ފެށި ހިސާބުން ކަމަށެވެ. ޝާހިދު އެ ވާހަކަފުޅު ބޮޑަަށް އަމާޒު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ގާނޫނު އަތްމައްޗަށް ނަންގަވައިގެން ހިންގެވި ކަންކަމުގެ މައްޗަށް ކަމަށް ބެލެވެ އެވެ. އޭގެ ތެރޭގައި ގާނޫނު އަސާސީއާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން އަބްދުﷲ ގާޒީ ހައްޔަރު ކުރުމާއި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ހައްޔަރު ކުރުމާއި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް އެގޮތަށް ހައްޔަރު ކުރުމާއި ކޯޓުތަކުގެ ނިންމުމަށް ގޮންޖަހައި މިހާރުގެ ހޯމް މިނިސްޓަރު އިރުއިރުކޮޅާ ހައްޔަރު ކުރި ކުރުމާއި ސުޕްރީމް ކޯޓުގެ ތަޅުއެޅުވުމަކީ ބަޔަކު ނަޝީދުގެ ސަރުކާރާ ދެކޮޅަށް ތެދުވަން ފުރުސަތު ލިބުނު ކަންކަމެވެ.
ހަރަކާތުގައި އެމްޑީޕީގެ ހިތްވަރަށް ބަދަލެއް ނާދެ އެވެ. އެއީ ހަގީގަތެކެވެ. އަދި އަޑަށް ބާރުލާފައި ހައްގުތަކުގެ ވާހަކަ ދައްކަނީ ވެސް އެމްޑީޕީ އިން ނެވެ. ނަމަވެސް ސަރުކާރެއް ހިންގަން ލިބުމުން ހައްގުތައް އަދާކުރި ގޮތް، ހުކުމް ކުރާނީ ދެން އޮންނަ އިންތިހާބަކުންނެވެ. އެ އިންތިހާބު އަވަސް ވިއަސް ފަސްވިއަސް، އެކަމުގައި މާބޮޑު ބަދަލެއް ނައިސްފާނެ ކަމަށް ބައެއް ފަރާތްތަކުން ދެކެެ އެވެ. އެކަމަކު އިންތިހާބު އަވަސް ކުރުމަށް ގޮވާލާ އިރު، ބައެއް ޕްރޮޑަކްޓްތައް ބޯއިކަޓް ކުރުމަށް ގޮވުމާއި ޓޫރިޒަމަށް ހީނަރުކަން ލިބޭ ގޮތަށް ހިންގާ އަމަލުތަކުގެ ނަތީޖާ ތަފާތު ގޮތަކަށް ނުކުމެދާނެ ކަމަށް، ނުވިސްނައި އެ ހަރަކާތް ކުރިއަށް ގެންގޮސްގެން އޭގެ އާހިރު ނަތީޖާ ރަނގަޅުވެދާނެތޯ އެއީ އެމްޑީޕީ އިން ވިސްނަން ޖެހޭ ކަމެކެވެ. ސުލްހަވެރިކަން ކުރިއަށް ނުނެރި ހަމަނުޖެހުމާއި އަނިޔާވެރިކަމާއި ގާނޫނުގެ ބާރުކަޑުވަން ހިތްވަރުދީގެން އެ ނަތީޖާ ނުކުމުދާނެތޯ އެއީ ސުވާލެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ