ބަޖެޓުން ހަރަދުކޮށްގެން ޕްރޮފެޝަނަލް ނޫސްވެރިން ނުއުފެއްދޭތީ ދެރަވޭ: ގާސިމް

ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ރާއްޖޭގެ ނޫސްވެރިން ތަމްރީނު ނުކުރެވުމުން، ޕްރޮފެޝަނަލް ނޫސްވެރިން ރާއްޖޭގައި ނުއުފެއްދޭތީ އެކަމާ "ދެރަވާ" ކަމަށް ބަޖެޓް ކޮމެޓީގެ މުގައްރިރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން މީޑިއާ ކައުންސިލްގެ ހިޔާލު ހޯދުމަށް ބަޖެޓް ކޮމެޓީއަށް އެ ކައުންސިލްގެ ބޭފުޅުން ހާޒިރު ކުރި ބައްދަލުވުމުގައި ގާސިމް މިއަދު ވިދާޅުވީ ނޫސްވެރިން ތަމްރީނު ކުރުމަށް މީޑިއާ ކައުންސިލްގެ ބަޖެޓްގައި ފައިސާ "ނުހިމެނޭތީ" އެކަމާ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އާބާދީ އިތުރުވަމުންދާ ނިސްބަތުން ރާއްޖޭގައި ނޫސްވެރިން ވެސް އިތުވާންޖެހޭ ކަމަށާއި އެ ނޫސްވެރިންނަށް ތަމްރީނު ދިނުމަށް ބަޖެޓުން ފައިސާ ހިމެނުމަށް ކޮމެޓީގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެރަވަން ތިބޭފުޅުންނަށް މީހުން ޓްރެއިން ނުކުރެވޭތީ. އެއީ ވަރަށް ބޮޑު މައްސަލައެއް. މިހާރު އިތުރުވަމުން މިދާ އާބާދީއާ އެއްވަރަށް ޖާނަލިޒަމްގައި ވެސް ރަނގަޅު ޕްރޮފެޝަނަލް މީހުން ނުއުފެއްދޭކަން އެއީ ވަރަށް ދެރަ ކަމެއް. އެކަމާ އަޅުގަނޑުމެން ކޮންސާން އެބަ އޮތް،" ރިޔާސީ އިންތިހާބުގައި ނޫސްވެރިންގެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވި ގާސިމް މިއަދު ވިދާޅުވި އެވެ.
ގިނަ މުއައްސަތަކެއްގެ ބަޖެޓުގައި މުވައްޒަފުންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ބަޖެޓްކޮށްފައި ހުއްޓަސް، ސަރުކާރުން ވަނީ އެ އަދަދުތައް ބަޖެޓުން އުނިކޮށްފަ އެވެ.
މީޑިއާ ކައުންސިލުން ފިނޭންސް މިނިސްޓްރީ ހުށަހެޅުއްވީ 6.3 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، ކައުންސިލުގެ ބަޖެޓަށް ޖަހާފައި ވަނީ 3.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް އާ ސަރުކާރުން ބަޖެޓަށް އިސްލާހު ގެންނައުމާއެކު އެ އަދަދު 3.8 މިލިއަން ރުފިޔާއަށް ކުޑަވި އެވެ.
ހިނގަމުން މިދާ އަހަރު، މީޑިއާ ކައުންސިލްގެ ބަޖެޓަކީ 3.3 މިލިއަން ރުފިޔާ އެވެ.
އަންނަ އަހަރަށް ކަނޑައަޅާފައިވާ މީޑިއާ ކައުންސިލްގެ ބަޖެޓާމެދު ކަންބޮޑުވެވަޑައިގެން އެ ކައުންސިލްގެ ރައީސް މުހައްމަދު ހުޝާމް ކޮމެޓީގައި ވިދާޅުވީ އެ ކައުންސިލަށް ކަނޑައަޅާފައިވާ ބަޖެޓުން އިދާރީ ހިންގުމަށާއި ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ވެސް ދަތިތަކަކާ ކުރިމަތިވާނެ ކަމަށެވެ. ސަބަބަކީ އެ ކައުންސިލުން ހުށަހެޅި ބަޖެޓުން .2.5 މިލިއަން ރުފިޔާ ސަރުކާރުން އުނިކޮށްފައިވުމުން ކައުންސިލްގެ އަސާސީ ހިދުމަތަށް ވެސް ހުރަސް އެޅިދާނެ ކަމަށް ހުޝާމް ވިދާޅުވި އެވެ. އިތުރު ގަޑީގެ އެލަވަންސަށާއި ޕްރޮގްރާމްތަކަށާއި އިތުރުވާ ވަޒީފާގެ މުސާރަތައް ދިނުމަށް 1،000،000ރ. އާއި 900،000ރ. އާ ދެމެދުގެ އަދަދެއް އިތުރުކޮށްދެއްވުމަށް ބަޖެޓް ކޮމެޓީގެ މީޑިއާ ކައުންސިލްގެ ރައީސް އެދިވަޑައިގެންނެވި އެވެ.
ނޫސްވެރިން ތަމްރީނު ކުރުމަށް 400،000ރ. ބަޖެޓަށް އިތުރުކޮށްދެއްވުމަށް މީޑިއާ ކައުންސިލުން އެދުނެވެ. އެއީ ރާއްޖޭގެ ތިން ނޫސްވެރިއަކަށް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތާއި ދެ ނޫސްވެރިއަކަށް ޑިޕްލޮމާއަށް ކިޔެވުމުގެ ފުރުސަތާއި ޕާލަމެންޓްރީ ރިޕޯޓިންއަށް ޕްރޮގްރާމެއް ހިންގުމަށާއި ޝަރުއީ ދާއިރާގެ ރިޕޯޓިންއަށް ޕްރޮގްރާމެއް ހިންގުމަށް ފައިސާ ހިމަނައި ދިނުމަށް ހުޝާމް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ