ކޯޓު އަމުރުގައި ނެތްކަމަށް ބުނެ އެންދެރިމާގެ ފާސްކުރަން މައުމޫން ހުއްދައެއް ނުދެއްވި

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫންއާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމަށް ނެރުނު ކޯޓު އަމުރުގައި އެންދެރިމާގޭ ބަލައި ފާސްކުރުމަށް ބުނެފައި ނެތުމުން އެކަމަށް މައުމޫން ހުއްދަ ނުދެއްވަން ނިންމަވައިފިއެވެ. ފާރިސް މިއަދު ހައްޔަރު ކުރިއިރު އެމަނިކުފާނުގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ހުންނެވީ ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯސްގައެވެ. އެގޭގައި ހުންނަވަނިކޮށް ފުލުހުން ވަނީ ފާރިސްއަށް ކުރާ ތުހުމަތުތަކަށް ހެއްކާއި ގަރީނާ ހޯދުމަށް ނެރުނު ކޯޓު އަމުރެއްގެ ދަށުން އެންދެރިމާގެއަށް ވެސް ވަދެފައެވެ.. ފާރިސް ދިރިއުޅުއްވާ މ. ސްނޯ ރޯސްގައި ހުންނަވައި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންދެރިމާގޭގައި ފާރިސްގެ ކޮޓަރިއެއް އަދި އޮފީހެއް ވެސް ނުހުންނާނެ ކަމަށެވެ. އަދި އެންދެރިމާގެ ބަލައި ފާސް ކުރަމުންދަނިކޮށް ރައީސް މައުމޫންގެ ދެކަނބަލުން ވަނީ އެގެއަށް ވަޑައިގެންފައެވެ. އަދި އެގޭގައި ފުލުހުން ހަރަކާތްތެރިވަމުން ދާތީ، ފާރިސް މައުމޫނާ ގުޅޭ ތަންތަން ބަލައި ފާސްކުރާނަމަ އެންމެ ފުރަތަމަ ބަލަންވީ މާފުށީ ޖަލު ކަމަށް މައުމޫން، ފުލުހުންގެ ބޭފުޅުންގެ އަރިހުގައި ވިދާޅުވި ކަމަށް ޔުމްނާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެއެވެ. ޔުމްނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގޭގެ ފުރަތަމަ ބުރި ބަލައި ފާސް ކުރުމަށް ކޯޓު އަމުރުގައި ނެތުމުން ބަލައި ފާސް ކުރަން ހުއްދަ ނުދެއްވާ ކަމަށް ރައީސް މައުމޫން ފުލުހުންގެ ބޭފުޅުން ކައިރީގައި ވިދާޅުވެފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މައުމޫން އެހެން ވިދާޅުވުމުން އެންދެރިމާގެ ބަލައި ފާސް ކުރަމުންދިޔަ ފުލުހުންގެ ބޭފުޅުން ވަނީ މަތީ ފަރާތަކާ މަޝްވަރާ ކުރުމަށް ކަމަށް ބުނެ އެގެއިން ބޭރަށް ނުކުމެފައެވެ. ފާރިސް ހައްޔަރު ކުރުން މީގެ ކުރިން ވެސް ފާރިސްގެ މައްޗަށް ކޮށްފައިވާ، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ބެހިކަމަށް ތުހުމަތު ކުރެވޭތީ އާއި އުފެދިފައިވާ ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ވައްޓާލުމަށް ރާވާފައިވާ ކަމުގެ ތުހުމަތާއެކު މިއަދު ފާރިސް ހައްޔަރުކުރީ ބަންދުން ދޫކޮށްލިތާ ދެ ދުވަސް ވެސް ނުވަނީހެވެ. ދިރިއުޅުއްވާ މ. ސްނޯ ރޯސްގައި ހުންނަވަނިކޮށް ފާރިސް ހައްޔަރު ކުރުމަށްފަހު އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅުންހުރި ލިޔެކިޔުންތައް ހޯދުމަށް ކްރިމިނަލް ކޯޓުގެ އަމުރަކަށް އެ ގެ ބަލައި ފާސް ކުރުމަށް ވެސް ފުލުހުން ވަނީ ވަދެފައެވެ. ނަމަވެސް އަދި އެއްވެސް ހެއްކެއް ފެނުނު ކަމަށް ނޭނގެއެވެ. ފާރިސް ހައްޔަރުކޮށް މިހާރު ދޫނިދޫއަށް ގެންގޮސްފައިވާއިރު، އޭނާ ހައްޔަރުކުރަން ނެރުނު އަމުރުގައިވާ ގޮތުން ފާރިސް ހައްޔަރުކުރީ ސިއްރު ހެކިވެރިއެއްގެ ބަޔާނެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ