ހުކުރު ޚުޠުބާ: ފަރުޟް 5 ނަމާދު ހަމައަށް ނުކުރުމަކީ އެންމެ ބިރުހުރި ކަންތައް-

މުސްލިމް އަޚުންނޭވެ! މުސްލިމަކަށްވުމަށް ފަހު އޭނާގެ އިސްލާމްކަން ދައްކުވައިދޭ މައިގަނޑު ކަމަކީ ނަމާދެވެ. ނަމާދަށް ފަރުވާތެރިވުމާއި ނަމާދު އޭގެ ވަގުތުގައި އަދާކުރުމަކީ ތިމާގެ އިސްލާމްވަންތަކަން ދައްކުވައިދޭ ރަމްޒެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.----  މާނައީ: "ހަމަކަށަވަރުން، ނަމާދަކީ މުއުމިންތަކުންގެ މައްޗަށް ވަގުތު ކަނޑައެޅިގެން އޮތް ފަރުޟެއްކަމުގައި ވެއެވެ." ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (رَأْسُ الْأَمْرِ الْإِسْلَامُ، وَعَمُوْدُهُ الصَّلَاةُ، وَذِرْوَةُ سَنَامِهِ الْجِهَادُ)[1]  މާނައީ: "ދީނުގެ ބޮލަކީ، ނުވަތަ އަސްލަކީ އިސްލާމްކަމެވެ. އަދި ދީނުގެ ތަނބަކީ ނަމާދެވެ. އަދި ދީނުގެ އެންމެ އުސް ކުރިބޯއްޓަކީ، (اللهގެ މަގުގައި) ޖިހާދުކުރުމެވެ." ނަމާދަކީ ލޮލުގެ ފިނިކަމެއްކަމުގައި ލައްވައި ހިތްދަތިކަމާއި ހިތާމައިން އަރައިގަތުމަށް ބާރެއްކަމުގައި ލައްވައިފައި ވެއެވެ. 
މުސްލިމް އަޚުންނޭވެ! ނަމާދަކީ އަމާންކަމާއި ރައްކާތެރިކަން އަޅާއަށް ކަށަވަރުކޮށްދޭ އަޅުކަމެކެވެ. ކާމިޔާބާއި ނަޞްރު ލިބުމަށް މަގު ފަހިކޮށްދޭ އަޅުކަމެކެވެ. ޢިއްފަތްތެރިކަމުގައި ދެމިހުރުމަށް ބާރެކެވެ. އިޖުތިމާޢީ ގޮތުން ތަރުބިޔަތު ލިއްބައިދޭ ކަމެއްވެސް މެއެވެ. ނަމާދަކީ މުންކަރާތްތަކާ ދުރުކޮށްދޭ ވަސީލަތެކެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. [2] --- މާނައީ: "ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަން ބޮޑު ފާފަތަކާއި، منكراتތައް ނަހީކުރާ ކަމެކެވެ." ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެކަމެއްގެ ސަބަބުން ތިޔަބައިމީހުންގެ ކުދި ފާފަތައް ފިއްލަވައި ދަރަޖަތައް އުފުލިގެންދާނޭ ކަމެއްގެ ވާހަކަ ވިދާޅުވެ ދެއްވަންތޯއެވެ؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އޭ ﷲގެ ރަސޫލާއެވެ. އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. (ފިނިގަދަވުމުގެ ސަބަބުން ނުވަތަ ބައްޔެއްގެ ސަބަބުންވިޔަސް) އެކަމަށް އުނދަގޫވެގެންވާ ޙާލުގައި ވެސް ފުރިހަމައަށް ވުޟޫކުރުމާއި، މިސްކިތަށް ހިނގާ ފިޔަވަޅުތައް ގިނަކުރުމާއި، އެއް ނަމާދުން އަނެއް ނަމާދަށް އިންތިޒާރުކުރުމެވެ. ފަހެ ރިބާޠަކީ އެއީއެވެ. (އެ އަޅުކަމުގައި ނަފުސު ހިފެހެއްޓޭނޭ ގޮތަކީ އެއީ އެވެ. ނަފްސުގެ ޖިހާދަކީ އެއީއެވެ.)[3] 
މުސްލިމް އަޚުންނޭވެ! ނަމާދަކީ ގަދަވެ ހެޔޮ ޙާލުގައްޔާއި ބަލި ޙާލުގައި އޮންނަ އިރުގައްޔާއި ރަށުގައި ޤާއިމުވެ ހުންނަ އިރާއި ދަތުރުމަތީގައި އުޅޭ އިރު ވެސް ކުރުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ހަނގުރާމައިގެ ޙާލަތުގައި ވެސް ދޫކޮށްނުލުމަށް އަންގަވައިފައިވާ އަޅުކަމެކެވެ. ވީއިރު މި އަޅުކަމަށް ފަރުވާތެރިވުމަކީ މުހިންމު ކަމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ތިޔަބައިމީހުން ނަމާދުތަކާއި، އަދި، މެދުނަމާދުގެ މައްޗަށް ރައްކާތެރިވާށެވެ! އަދި ތިޔަބައިމީހުން اللهއަށް ކިޔަމަންތެރިވެ، މަޑުމައިތިރިކަމާ އެކު (ނަމާދުގައި) قائمވެ ތިބޭށެވެ!" 
މުސްލިމެއްގެ ގޮތުގައި ހުރެ ދުނިޔެ ދޫކޮށްފައިދާ ކޮންމެ މީހެއްގެ ވެސް އެންމެ ފުރަތަމަ ހިސާބު ބެއްލެވޭނޭ ކަމަކަށް އަންގަވައިފައިވަނީ ނަމާދާ ބެހޭ ގޮތުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަމަކަށަވަރުން، ޤިޔާމަތްދުވަހު އަޅާގެ ޢަމަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭހުށީ، އޭނާގެ ނަމާދާ މެދުގައެވެ. ފަހެ، އެ ނަމާދު ރަނގަޅުވެއްޖެ ނަމަ، ހަމަކަށަވަރުން، އޭނާ ކާމިޔާބުވެ، ނަޖާވާހުއްޓެވެ. އަދި އެ ނަމާދު ފާސިދުވެއްޖެ ނަމަ، ފަހެ، ހަމަކަށަވަރުން، އޭނާ ނާކާމިޔާބުވެ، އަބާއްޖަވެރިވާހުއްޓެވެ. ފަހެ، ފަރުޟުނަމާދުން ބައެއް އުނިވެފައިވާ ނަމަ، (މަލާއިކަތުންނަށް) ވަޙީކުރައްވާހުއްޓެވެ. ތިމަންރަސްކަލާނގެ އަޅާ ސުންނަތްނަމާދުކޮށްފައިވޭތޯ ތިޔަބޭކަލުން ބައްލަވާށެވެ! އެއަށް ފަހު ފަރުޟުނަމާދުގެ ތެރެއިން އުނިވެފައިވާ ބައި، އެއިން ފުރިހަމަ ކުރެވޭނެއެވެ! ދެން މި ފަދައިން އެހެން ކޮންމެ ޢަމަލަކާ މެދުގައި ވެސް ބެއްލެވޭހުއްޓެވެ." 
މުސްލިމް އަޚުންނޭވެ! އިސްލާމްދީނުގައި ނަމާދަށް މިހާ މަތިވެރި މަޤާމެއް ދީފައިވާ އިރު ނަމާދުތަކަށް ފަރުވާކުޑަކުރުމާއި ނަމާދު އެޅުމުން ދުރުހެލިވުމަކީ އަހަރެމެން ކޮންމެ މުސްލިމަކު އޭނާގެ ދުވަހީ ތާވަލު އެކުލަވައިލާ އިރު ސަމާލުވާން ޖެހޭނޭ ކަމެކެވެ. ނަމާދު އެޅުމަކީ ތިމާގެ އިސްލާމްކަމާއި ކާފިރުކަމާ ދެމެދު ވަކިކޮށްދޭ އިންކަމުގައި ސުންނަތުގައިވަނީ އަންގަވައިފައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْعَهْدُ الَّذِيْ بَيْنَنَا وَبَيْنَهُمُ الصَّلَاةُ، فَمَنْ تَرَكَهَا فَقَدْ كَفَرَ)[4] މާނައީ: "އެއުރެންނާއި އަހުރެމެންނާ (އެބަހީ: ކާފިރުންނާއި މުސްލިމުންނާ) ދެމެދުގައި (ތަފާތުކުރާ) ޢަހުދަކީ ނަމާދެވެ. ފަހެ، ނަމާދު އަޅައިފި މީހާ، (ދަންނާށެވެ.) ހަމަކަށަވަރުން، އޭނާ ކާފިރުވެއްޖެއެވެ." އެހެން ބަސްފުޅެއްގައި ވެއެވެ. ތާބިޢީ ބޭކަލަކުކަމުގައިވާ، ޢަބްދު الله ބުނު ޝަޤީޤުލްޢުޤައިލީގެ ކިބައިން ރިވާވެގެންވެއެވެ. [މުޙައްމަދު zގެ އަޞްޙާބުން ދެކެވަޑައިގަންނަވާ ގޮތުގައި، ޢަމަލުތަކުގެ ތެރެއިން (އެ ކަމެއް ދޫކޮށްލައިގެން) މީހާ ކާފިރުވާކަމެއް ނަމާދުއެޅުން ފިޔަވައި ނުވެއެވެ."[5]
މުސްލިމް އަޚުންނޭވެ! އިސްވެދިޔަ ޙަދީޘްތަކުން އެނގޭ ގޮތުގައި ނަމާދު އެޅުމަކީ އެއްވެސް ޙާލެއްގައި ކޮށްގެންވާނޭ ކަމެއްނޫންކަން ހާމަވެއެވެ. އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ހަމައެކަނި ރަމަޟާން މަހު ބަރާބަރަށް ނަމާދުކުރާ މީހުންނެވެ. އަދި އަނެއްބައި މީހުންނަކީ ހަފުތާގެ ހުކުރުދުވަހު ކުރެވޭ ހުކުރު ނަމާދަށް އެކަނި ޙާޒިރުވާ މީހުންނެވެ. އަނެއް ބަޔަކީ ކޮންމެ ދުވަހަކު ކުރުމަށް ފަރުޟު ކުރައްވައިފައިވާ ނަމާދުތަކުގެ ތެރެއިން ބައެއް ނަމާދުތައްކޮށް އަނެއް ބައި ނަމާދުތައް ނުކުރާ މީހުންނެވެ. މިއިން އެއްވެސް ބަޔަކު ނަމާދުތަކަށް ފަރުވާކުޑަކޮށްލައިފައި ވަނީ ނަމާދަށް އިންކާރުކުރާ ޙާލުގައި ނޫންކަމުގައިވީ ނަމަވެސް އިސްވެދިޔަ ޙަދީޘްފުޅުތަކުން އެނގޭ ގޮތުގައި އެއީ ނުހަނު ފާފަވެރިވާނޭ ކަމެކެވެ. ވީއިރު، ކޮންމެ މުސްލިމަކު ވެސް އޭނާގެ ނަފުސު ހިސާބުކޮށް ނަފުސަށް ގެންނާން ޖެހޭ ބަދަލުތަކާ މެދު ވިސްނުން އަވަސްކުރާން ޖެހެއެވެ. މަރު އައިސް ތިމާއާ ބައްދަލުކުރާނީ ކޮން އިރަކުކަމެއް އެއްވެސް މަޚުލޫޤަކަށް ނޭނގޭނެއެވެ. 
މާތް ﷲގެ އަޅުތަކުންނޭވެ! ނަމާދު އެޅުމަކީ އެ ކަމުގެ ޢުޤޫބާތުގެ ބޮޑުކަމާއި އެ ކަމުގެ ފާފައިގެ ބޮޑުކަން އަންގަވައިފައިވާ ކަމެކެވެ. އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް ﷲ تَعَالَىގެ ކޯފާ އަންނާނެކަމެއްކަން ދަންނާން ޖެހެއެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ތިޔަބައިމީހުން ނަރަކަޔަށް ވެއްދީ ކޮންކަމެއްހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ނަމާދުކުރާ މީހުންގެ ތެރެޔަކު ތިމަންމެން ނުވަމުއެވެ.   
މާތް ﷲގެ އަޅުތަކުންނޭވެ! އަހަރެމެންނަކީ ފާފަކުރެވޭނޭ މީހުންނެވެ. ނަމާދަކީ އެ އަޅުކަމުގެ ސަބަބުން އަހަރެމެންނަށް ކުރެވޭ ކުދި ފާފަތައް ފުއްސަވާނޭ އަޅުކަމެކެވެ. މާތް الله، އެ ކަލޭގެފާނަށް ރުއްސުންލެއްވި އަނަސުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. "ތިމަންކަލޭގެފާނު ރަސޫލާ zގެ އަރިހުގައި ހުންނަވަނިކޮށް، އެކަލޭގެފާނުގެ އަރިހަށް ބޭކަލަކު ވަޑައިގެން ދެންނެވިއެވެ. "އޭ اللهގެ ރަސޫލާއެވެ! އަޅުގަނޑަށް އަދަބު ޙައްޤުވާ ފަދަ ފާފައެއް ކުރެވިއްޖެއެވެ. (އެބަހީ: އެ ކަމަކަށް ޝަރީޢަތުގައި ތަޢުޒީރުކުރުން ކަނޑައަޅުއްވައިފައިވާ ކުޑަ ފާފައެއް ކުރެވިއްޖެއެވެ.) އަޅުގަނޑުގެ މައްޗަށް އެ ޙުކުމު ތަންފީޛުކޮށްދެއްވާށެވެ! އެކަލޭގެފާނު އެ ކަމާ ބެހޭ ގޮތުން އެ ބޭކަލަކާ ސުވާލެއް ނުކުރެއްވިއެވެ. ފަހެ، އެ ހިނދު ނަމާދު ވަގުތު ވެއްޖެއެވެ. ފަހެ، އެ ބޭކަލަކު ވެސް، ރަސޫލު الله zގެ އަރިހުގައި ޖަމާޢަތުގައި ނަމާދުކުރެއްވިއެވެ. ފަހެ، އިތުރުއެކަލޭގެފާނު ނަމާދުން ނިމިވަޑައިގަތުމުން، އެ ބޭކަލަކު ދެންނެވިއެވެ. އޭ اللهގެ ރަސޫލާއެވެ! އަޅުގަނޑަށް ފާފައެއް ކުރެވިއްޖެއެވެ. اللهގެ ފޮތުގައިވާ ގޮތަށް އަޅުގަނޑާ މެދު ޙުކުމްކޮށްދެއްވާށެވެ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަންމެންނާ އެކު ތިބާ ނަމާދުގައި ބައިވެރިވީމު ނޫންހެއްޔެވެ؟" އެ ބޭކަލަކު ދެންނެވިއެވެ. އާދޭހެވެ! އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އެހެންވީ އިރު ހަމަކަށަވަރުން، ތިބާގެ ފާފަ ފުހެވިއްޖެއެވެ."[6]
މާތް ﷲގެ އަޅުތަކުންނޭވެ! ތައުބާގެ މަގަށް އަވަހަށް ރުޖޫޢަވާށެވެ! ނަމާދުތަކަށް ފަރުވާތެރިވުމަށް އަވަސްވެގަންނާށެވެ! އަޅަމެންގެ އަބަދުގެ ދުޢާއަކީ މިއީކަމުގައި ހަދައި، ބަހާއި ޢަމަލުން މި ކަން ސާބިތުކުރާބަޔަކަށްވާށެވެ! މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ.  ---- މާނައީ: "އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائمކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبولކުރައްވާނދޭވެ!" ޣާފިލުކަމުގެ ނިދީގައި ޣަރަޤުވެފައި ވަނިކޮށް ވަގުތު ފާއިތުވެ މަރު އައިސް ބައްދަލުކޮށްފާނެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ----  މާނައީ: "އޭ ސަހަރޯއެވެ! ތިމަންގެ آخرةގެ حياةއަށް ޓަކައި (ހެޔޮ) عملއެއް އިސްކުޅަ ނަމަ، ކިހައި ރަނގަޅުވީސް ހެއްޔެވެ؟" "ނަމަ"އަކީ ވަގުތު ފާއިތުވުމަށް ފަހު އަނބުރައި ލިބޭނޭ އެއްޗެއްނޫނެވެ. ވަގުތު ފާއިތުވުމުގެ ކުރީން ދަތުރުގެ ކޮއްތު ރަނގަޅަށް ތައްޔާރުކުރާށެވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ