ހދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

ހދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކުރުމަށް އެ ކޯޓުގެ އަހަރީ ބައްދަލުވުން ބާއްވައިފިއެވެ.
ހދ. ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ދެވަނަ އަހަރީ ބައްދަލުވުމުގެ ބައިވެރިން، ފޮޓޯ: ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު
މި ބައްދަލުވުމަކީ، ހދ ޖުޑީޝަލް ދާއިރާއަށް ނިސްބަތްވާ މީހުން ދިރިއުޅޭ 13 ރަށުގައި ޤާއިމުކޮށްފައިވާ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުން ބައިވެރިވި، އަތޮޅު ފެންވަރުގައި ހދ ޖުޑީޝަލް ދާއިރާގައި ބޭއްވުނު ދެވަނަ ބައްދަލުވުމެވެ.
މިގޮތުން މި ބައްދަލުވުން ޝަރަފުވެރިކޮށްދެއްވާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އެވެ.
މި ބައްދަލުވުމުގައި ވަނީ ފާއިތުވި 2024 ވަނަ އަހަރު ހާޒިރީ އަށް ނަމޫނާ މުވައްޒަފުންނާއި، މަސައްކަތަށް ނަމޫނާ މުވައްޒަފުންގެ އިތުރުން ހީވާގި މުވައްޒަފުން އަދި، ހދ ޖުޑީޝަލް ދާއިރާގެ ކޯޓުތަކުން ހުރިހާ ގޮތަކުން އެންމެ ރަނގަޅު މުވައްޒަފުގެ އަގު ވަޒަންކޮށްފައެވެ.
މީގެ އިތުރުން، ހދ. ޖުޑީޝަލް ދާއިރާއަށް ޚިދުމަތް ކޮށްދެއްވައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައި ތިއްބެވި މެޖިސްޓްރޭޓުންނަށް ޚިދުމަތު ފިލާ އެރުވުމާއި، ހދ ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި 25 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ މުވައްޒަފުންނަށް ދިގު މުއްދަތުގެ ޚިދުމަތުގެ ފިލާ އަރުވާފައިވެއެވެ.
މި ބައްދަލުވުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޒަކަރިއްޔާ ޙުސައިން އާއި ޑިރެކްޓަރ ޖެނެރަލް އޮފް ޖުޑީޝަލް އެކަޑަމީ އަލްފާޟިލް އަޙްމަދު ޢަލީ ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ