ސަރުކާރަށް ދެ އަަހަރު؛ ހޯރަފުށިން ލިބޭ ސިއްހީ ފަރުވާ އާމެދު ރައްޔިތުން ހެޕީއެއް ނޫން!
ހއ. ހޯރަފުށީ ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް މިއަދު ދެ އަހަރުވީއިރު ވެސް ހޯރަފުށީގެ ސިއްހީ ނިޒާމް އޮތީ ރައްޔިތުން "އިތުބާރު" ނުކުރާ ހިސާބެއްގައި އެވެ. ހއ. ހޯރަފުށީ ހޮސްޕިޓަލް އާ އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރީ ނިމުނު އެމްޑީޕީގެ ވެރިކަމުގައި އެވެ.އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 540 (ފަސްސަތޭކަ ސާޅީސް) ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ނަމަވެސް އެ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރިތާ ދެ އަހަރު ވެގެން ދިޔައިރު އަދި ވެސް ކުރިއަށްދަނީ ކޮންކްރީޓް ތަބުތަކުގެ މަސައްކަތެވެ. ހޯރަފުށި އަދި އެ ދާއިރާގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ މި މަސައްކަތް ލަސްވެ ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. މިފަހުން ހޯރަފުށީ ހެލްތު ސެންޓަރުން ތުއްތު ކުއްޖަކަށް "އޮޅިގެން" ނުބައި ވެކްސިނެއް ދިން މައްސަލައެއް ވެސް ވަނީ ފެންމަތި ވެފަ އެވެ. އަދި ހއ. ހޯރަފުށީ ހެލްތު ސެންޓަރަށް ގެންދިޔަ ފަސް އަހަރުގެ ކުޑަ ކުއްޖަކަށް ފަރުވާ ދިނުމުގައި އިހުމާލުވި މައްސަލަ އެއް ވެސް ވަނީ ފެންމަތިވެފަ އެވެ.މީގެ އިތުރުން ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުންނަ ގިނަ ބޭސްތައް އާސަންދައިން ލިބެން ނުހުރުމާއި އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ވެސް ހޯރަފުށީގެ ފާމަސީތަކުން އާސަންދަ ދަށުން ދޫނުކުރާ ކަމުގެ ޝަކުވާ މި ފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.ސުވާލަކީ ރައީސް މުއިއްޒު ވެރިކަމުގައި ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ ހިދުމަތް ދެވޭވަރު ވާނެ ބާ އެވެ؟!؟!؟!؟ މި ސަރުކާރަށް 24 މަސްވެ ފަސް އަހަރުގެ ދައުރު ނިމެން ދާއިރު ހޯރަފުށީ ދާއިރާގެ އުމްރާނީ ތަރައްގީގެ ކުރިމަގާއިމެދު ޖަވާބު ބޭނުން ގިނަ ސުވާލުތަކެއް މިހާރު ވަނީ އުފެދިފަ އެވެ. ވައުދު ވުމަކީ ސަމާސާއަކަށް މި ސަރުކާރުގެ ބައެއް ވެރިން މިއަދު ހަދައިފި އެވެ. އަދި އިންތިހާބުވި މީހުން ގޮނޑިތަކުގައި ހަމަޖެހިލުމަށްފަހު ވައުދު ލިސްޓް ނަނގާލީ ޑަސްބިނަށެވެ. އަދި ބައެއް ވައުދަކީ މީހަކު ބުނެގެން މީހަކަށް ވީ ވައުދުކަމަށް ބުނެ ވެސް އެކަމުން އަންނަނީ ބޯދަމައިގަންނަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ