ނޭޕާލަށް ވަގުތީ ބޮޑުވަޒީރެއް، ކުރީގެ އުއްތަމަ ފަނޑިޔާރު

ނޭޕާލުގައި ސަރުކާރެއްނެތި ހަތަރު ވަރަކަށް ދުވަސް ވެގެންދިޔުމަށްފަހު އިންތިގާލީ ސަރުކާރެއް އެކުލަވާލައި އެ ވަގުތީ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް އަންހެން ބޭފުޅަކު އައްޔަންކޮށްފި އެވެ.ނޭޕާލްގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ސުޝިލާ، 73، އިއްޔެ މަގާމުގެ ހުވާކުރައްވާފައި ވާއިރު ސިފައިން ވަނީ ކާފިއުތަކަށް ލުއި ދީ، މަގުތަކުން ސިފައިންނާއި ފުލުހުން މަދުކޮށްފަ އެވެ. އާންމުން ވެސް ކުރީގެ ދިރިއުޅުމަށް އެނބުރި ދާން ފަށައި ފިހާރަތަކާއި އޮފީސްތައް ވަނީ ހުޅުވަން ފަށައިފަ އެވެ.ބޮޑުވަޒީރުކަމަށް އައްޔަންކުރި ކަރްކީ އަކީ އުއްތަމަ ފަނޑިޔާރުކަމުގައި ހުންނެވި އިރު ވެސް އޭނާގެ މިނިވަންކަމާ މެދު އާންމުންގެ އިތުބާރު ބޮޑު ފަނޑިޔާރެކެވެ.  ނޭޕާލްގެ ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި ގާނޫނު ހަދާ މަޖިލީިހުގެ އިންތިހާބު ބާއްވައި އާ ބޮޑުވަޒީރެއް މާޗު ފަހެއްގައި އިންތިހާބު ކުރާނެ އެވެ.ވަގުތީ ބޮޑުވަޒީރުގެ މަގާމަށް ސުޝިލާ ހަމަޖެއްސީ ރައީސް ޕުޑެލް އާއި އަސްކަރިއްޔާގެ އިސްވެރިޔާ އަޝޮކް ރާޖު އަދި މުޒާހަރާތައް ލީޑުކުރި ޒުވާނުންނާ ދެމެދު ދެ ދުވަހު ކުރި މަޝްވާރާއަށް ފަހު އެވެ.ނޭޕާލްގެ ސަރުކާރަކާ ދެކޮޅަށް ކުރި އެންމެ ބޮޑު މުޒާހަރާތަކުގައި 51 މީހުން މަރުވެ 1300 އަށްވުރެ ގިނަ މީހުންނަށް އަނިޔާ ލިބުނެވެ.މުޒާހަރާތައް ފެށުނީ ސޯޝަލް މީޑިއާ ބޭން ކުރުމަށް ސަރުކާރުން ނިންމުމުންނެވެ. އެ ނިންމުން މިހާރު ވަނީ އަނބުރާ ގެންގޮސްފަ އެވެ. ނަމަވެސް، މުޒާހަރާތައް މަޑުޖެހުނީ ކުރީގެ ބޮޑުވަޒީރު ކޭޕީ އޮލި ޝަރުމާ އިސްތިއުފާ ދިނުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ