އިންޓަ ކަޓުވާލައި ބޮލޯނިއާ އިން ފައިނަލްގެ ފަހު ޖާގަ ހޯދައިފި އިންޓަ ކަޓުވާލައި ބޮލޯނިއާ އިން ފައިނަލްގެ ފަހު ޖާގަ ހޯދައިފި

ރިޔާދު، ސައުދީ އަރަބިއްޔާ (ޑިސެމްބަރު 20) - އިޓާލިއަން ސުޕަ ކަޕްގެ ސެމީ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން 3-2 އިން އިންޓަ މިލާން ކަޓުވާލައި ބޮލޯނިއާ އިން މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ހޯދައިފި އެވެ.
ކިންގް ސައުދު ޔުނިވާސިޓީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ޕެނަލްޓީ އަށް ދާން ޖެހުނީ 1-1 އިން އެއްވަރުވުމުންނެވެ. ހޯމަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ބޮލޯނިއާ އިން ބައްދަލުކުރާނީ އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީއާ އެވެ. މިއީ، ބޮލޯނިއާ އިން ސުޕަ ކަޕް ފައިނަލްގައި ކުޅޭ ފުރަތަމަ ފަހަރެވެ.
މެޗު ފަށައިގެން ދެ ވަނަ މިިނިޓްގައި، މާކަސް ތުރާމް ވޮލީއަކުން ކާމިޔާބުކުރި ގޯލުން އިންޓަ އިން ލީޑުނެގި އެވެ. ބޮލޯނިއާ އިން އެއްވަރުކުރީ މެޗުގެ 35 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރިކާޑޯ އޮރްސޮލީނީ ޖެހި ލަނޑުންނެވެ. މިއީ، އިންޓަގެ ޔެން ބިސެކް އަތުގައި ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ބަލާފައި ދިން ޕެނަލްޓީއެކެވެ.
ނަތީޖާ ނެރެން ޕެނަލްޓީ ޖަަހަން ޖެހުނުއިރު، އިންޓަ އަށް ކާމިޔާބުކުރެވުނީ ފުރަތަމަ އަށް ލައުޓާރޯ މާޓިނޭޒް ޖެހި ޕެނަލްޓީ އާއި ފަސް ވަނަ އަށް ސްޓެފަން ޑި ވްރައި ފޮނުވާލި ޕެނަލްޓީ އެވެ. އެ ޓީމުގެ އަލެސަންދްރޯ ބަސްޓޯނީ، ނިކޯލޯ ބަރޭލާ އަދި އަންގް-ޔަންގް ބޮނީ ފޮނުވާލި ޕެނަލްޓީތައް ވީ ނާކާމިޔާބެވެ. ބޮލޯނިއާ އިން ފުރަތަމަ ފޮނުވާލި ޕެެނަލްޓީ ލެވިސް ފާގަސަން ވަނީ ކާމިޔާބުކޮށްފަ އެވެ. އެކަމަކު، ދެން ޕެނަލްޓީ ޖެހި، ނިކޯލާ މޯރޯ އާއި ހުއާން މިރަންޑާ އަށް ޕެނަލްޓީ ކާމިޔާބު ނުވި ނަމަވެސް، ދެން، އައި ހެންރީ ރޯވް އާއި ޗީރޯ އިމޯބިލޭ ޕެނަލްޓީތައް ވައްދާލައި މެޗުން މޮޅުވި އެވެ.
އިޓާލިއަން ސުޕަ ކަޕްގައި މިހާރު އޮންނަ ފޯމެޓްގައި ކުޅެނީ ފާއިތުވި ސީޒަނުގެ އިޓާލިއަން ލީގުގެ އެއް ވަނަ އާއި ދެ ވަނަ އަދި، އިޓާލިއަން ކަޕްގެ ޗެމްޕިއަނާއި ރަނަރަޕް އެވެ. އެ ގޮތުން، މި މުބާރާތް ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްގެންދާއިރު، ދާދި ފަހުން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، ސުޕަ ކަޕް، 2029 ވަނަ އަހަރާ ހަމައަށް ސައުދީ އަރަބިއްޔާގައި ކުޅެން ނިންމައިފަ އެވެ.
މިިދިޔަ އަހަރު އޭސީ މިލާނުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އިންޓަ މިލާން އަތުން 3-2 އިން މޮޅުވެގެންނެވެ. މި ފަހަރުގެ ފައިނަލުގައި 11 އަހަރަށް ފަހު އާ ޗެމްޕިއަނެއް ފެންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ