ބުނި ވަގުތަށް މާލީ ހިސާބު އާންމު ނުކުރެވި، އެމްޓީސީސީން އިތުރު ވަގުތަށް އެދިއްޖެ

އެންމެ ބޮޑު ސަރުކާރު އެއް ކުންފުނިކަމަށްވާ އެމްޓީސީސީން އެ ކުންފުނީގެ ތިންވަނަ ކުއާޓަރުގެ ހިސާބުތައް އިއްޔެއަށް އާންމުކުރާނެ ކަމަށް ބުނި ނަމަވެސް، ނުކުރެވި އިތުރު މުއްދަތަށް އެދިއްޖެއެވެ. އެމްޓީސީސީން މިއަދުކުރި އިއުލާނެއްގައި ބުނީ އެ ކުންފުނިން މަސައްކަތް ކުރީ ތިންވަނަ ކުއާޓަރުގެ ރިޕޯޓާއި މާލީ ހިސާބު އެންމެ ލަސްވެގެން އިއްޔެއަށް އާންމުކުރަން ކަމަށެވެ. ނަމަވެސް، އިތުރަށް ވަގުތު ވާތީ މާލީ ހިސާބު ޢާންމުކުރާ މުއްދަތު މި މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަމަށް އެމްޓީސީސީން ބުންޏެވެ އެމްޓީސީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. އެހެންކަމުން ކުންފުންޏާ ގުޅޭ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަންޖެހެއެވެ. އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރުން ތާރީޚު ފަހަނައަޅައިދިޔައިރު ވެސް ނުވެދިޔައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިޞާދީ ބޭފުޅުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ އެތައް މަޝްރޫއެއް އެއްފަހަރާ އެ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އެ ކަންކަން ހިންގުމުގައާއި އެ ކަންކަމަށް ފައިސާ ހޯދުމުގައި ވެސް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ސިޔާސީ ވާދަވެރިން އަންނަނީ ފާޅުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ