ޕީޕަލްސް ނޭޝަނަލް ފްރަންޓު (ޕީއެންއެފް) ގެ ރައީސް ކަމަށް އެ ޕާޓީ އުފެއްދެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރިމަތިލައްވައިފި އެވެ.
ޕީއެންއެފްގައި އިސްކޮށް އުޅުއްވާ ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު އަދަދު އަށް ވިދާޅުވީ ޕާޓީގެ ރައީސް ކަމަށް ޔާމީން ފިޔަވާ އެހެން ބޭފުޅަކު ކުރިމަތިނުލައްވާ ކަމަށެވެ. އެހެންކަމުން ވޯޓަކަށް ނުގޮސް ޔާމީނަށް މަގާމު ލިބުމާމެދު ގޮތެއް ނިންމާނީ މި މަހު 30 ގައި ބާއްވަން ނިންމާފައިވާ އެ ޕާޓީގެ އާންމު ޖަލްސާގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޕާޓީގެ ރައީސްގެ އިތުރުން ދެ ނައިބު ރައީސުން، ސެކްރެޓަރީ ޖެނެރަލް، ރަޖިސްޓްރާ، ހަޒާންދާރު، އަދި 14 ސެނެޓު މެންބަރުންގެ މަގާމުތަކަށް ޖުމްލަ 55 މެންބަރުން ކުރިމަތިލާފައިވާ ކަމަށް ވެސް މަލީހު ވިދާޅުވި އެވެ. އެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުން ވެސް ބާއްވާނީ އޮކްޓޯބަރު 30، ގެ ޖަލްސާގަ އެވެ.
އޭޕްރީލް 10، 2024، ގައި ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ވަގުތީ ރައީސަކަށް އައްޔަންކުރީ ޔާމީނުގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީން އެވެ. އެއިރު ޔާމީނު ހުންނެވީ ޖަލު ހުކުމެއް އިއްވައިފަ އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާ ގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޕާޓީގައި ތިބީ 3،046 މެންބަރުންނެވެ. ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެންޖެހެނީ 3،000 މެންބަރުންނެވެ.
ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާ ތެރޭ ޔާމީނު، އޭރުގެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއި ވަކިވެވަޑައިގެންނެވީ ދެ ރައީސުންގެ ދެމެދު އުފެދުނު ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިންނެވެ. އެ ފަހުން ކޯލިޝަނުގެ ކޮންޓްރޯލް ނަގާ މުއިއްޒު ވަނީ ޕީޕީއެމް އުވާލައިފަ އެވެ.
ޔާމީނުގެ އާ ޕާޓީ، ޕީއެންއެފް މިއަދާ ހަމައަށް މަސައްކަތް ކުރަމުން ދިޔައީ އިދިކޮޅު ޕާޓީއެއްގެ ގޮތުގަ އެވެ. މުއިއްޒު އަދި އެމަނިކުފާނުގެ ސަރުކާރަށް ތަކުރާރުކޮށް ފާޑުކިޔާ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ޕީއެންއެފްގެ ޖަލްސާތައް ވެފައިވަނީ ސަރުކާރުން އެންމެ ގިނައިން ރައްދު ދެމުންދާ އެއް ސިޔާސީ ހަރަކާތަށެވެ.
ޕީއެންއެފްގެ ރައީސް ކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި ޕީއެންއެފްގެ ރައީސް ކަމަށް ކުރިމަތިލެއްވީ ޔާމީން އެކަނި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ