ޢިބްރަތްތެރި ވާހަކަ: މައިންބަފައިންގެ މުދަލަށް ދަހިވެތިވެ ޙައްޤުވެރިންނަށް ނުދޭން މަކަރުހަދާ މީހުންނަށް އަގުހުރި ފިލާވަޅެއްދިން ޒުވާނެއްގެ ވާހަކަ-

އެއީ ތަނަވަސް މީހެކެވެ. ދެމަފިރިން ހޮސްޕިޓަލަށް ދިއައީ ބަލިވެ އޮތް އެކުވެރިއެއްގެ ޙާލުބަލައިލުމަށެވެ. އެކަން ނިމިގެން ނުކުންނަން އަންނަނިކޮށް ފެނުނު ޒުވާން އަންހެންކުއްޖެއްގެ ސަބަބުން އޭނާއަށް ހުއްޓިލެވުނެވެ. ސަބަބެއް އޭނާއަކަށްވެސް ނުވިސްނެއެވެ. 
އޭނާ ކުރިއަށް ގޮސް އަންހެންކުއްޖާއާއި ސުވާލުކުރިއެވެ. "ތިއައީ ކޮން ކުއްޖެއް ހެއްޔެވެ؟" ސުވާލުކުރުމުން އޭނާގެ ވަނަވަރު ކިޔައިދިނެވެ. ބައްޕައަކީ ކާކުކަމާއި ނަމަވެސް ބައްޕަ ދުވަހަކުވެސް ލޮލުން ނުދެކޭ ކަމަށްވެސް ބުންޏެވެ. 
"ބައްޕައާއިބެހޭ ގޮތުން މަންމައަކަށްވެސް މާގިނަ މައުޅުމާތެއް ނުއެނގޭ! އެގޭވަރަކީ މަންމަގެ ކުރިން ކައިވެންޏެއް ކުރިކަމާއި އެކައިވެނީގައި ފިރިހެން ދަރިއަކު ލިބިފައިވާކަން. ބައްޕަ އަޅުގަނޑުމެންގެ ރަށަށް ކުރި ދަތުރެއްގައި މަންމައާއި ކައިވެނިކުރީ. ބަލިވެ އިނދެ ބަނޑަށް 6 މަހުގަ މާލެ އައި ގޮތަކަށް ޚަބަރެއް ނުވޭ. ހަމައެކަނި ލިބުނު ޚަބަރަކީ ވަރިކުރިކަން." 
ދެން އޭނާ ސުވާލުކުރީ ހޮސްޕިޓަލުގައި ހުރީ ކީއްވެގެންތޯއެވެ؟ އޭނާ ބުނީ އޭނާގެ ދަރިފުޅު ވަރަށް ބޮޑަށް ބަލިވެގެން މާލެއައުމުން އެޑްމިޓްކޮށްފައިވާ ކަމަށެވެ. ފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބުނެފައި އޮތްކަމަށާއި އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތުމުން މަގެއް ނުފެނިފައި ހުރީ ކަމަށެވެ. 
އަންހެން ކުއްޖާގެ އައިޑީކާޑު ދައްކާލައިފާނަންތޯ ސުވާލުކުރުމުން ކާޑު އަތަށް ދިނުމުން ބަލާލާފައި ބުންޏެވެ. "ކޮއްކޯއެވެ! ބައޕަ އާއި ދޮންބޭބެ ނުފެނި މިހައި ދުވަސްވީތީ ކަންބޮޑުނުވާށެވެ! ބައްޕައެއް ދެނެއް ނުފެންނާނެއެވެ. ބައްޕަ ނިޔާވެއްޖެއެވެ. އެކަމަކު ދޮންބޭބެ މިހުރީއެވެ. ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން ދޮންބެ ޖާމިނުވެއްޖައިމެވެ. ފޯނު ނަންބަރުދޭށެވެ. ކަންކަން ހަމަޖައްސަން މިރޭ މީހަކު ފޮނުވާނަމެވެ." 
އެހިސާބުން އަނބިމީހާއަކަށް ކެތެއް ނުކުރެވުނެވެ. ފިރިމީހާގެ އަތުގައި ހިފައި އެއްފަރަތާކަށް ގެންގޮސްފައި ބުންޏެވެ. "ދުވަހަކު ލޮލަށްވެސް ނުފެންނަ އަންހެނަކު ކޮއްކޮ ކަމަށް ބުނާއިރަށް ތިއަވަރުގެ ބޮޑެތި ޚަރަދުތައް ކުރާނަމަ ފުރަތަމަ އަހުރެން ވަރިކުރާށެވެ." ޖަވާބުގައި ފިރިމީހާ ބުނީ އޭނާގެ އައިޑި ކާޑުގައި އެއޮތީ ބަޕްގެ ނަމާއިއެޑްރެސް ކަމަށެވެ. ވީމާ އެއީ ތަނަކުން ފެނުނު އަންހެނެއް ނޫނެވެ. މިހައި ދުވަސްފަހުން ދެބެއިން ބައްދަލުމިވީވެސް އަދި އަހުރެންނަށް ޢޭނާއަށް ސަމާލުކަން ދެވުނީވެސް ތަޤްދީރުގައި އެކަން އެގޮތަށްވާން އޮތީމައެވެ. ލޭގެ ގުޅުމަކީ ދަމާ ބާރެކެވެ. އަހުރެންގެ އަތުގައި މިހިރަ ތަނަވަސްކަމުން އޭނާއަށް އެއްބައި ދޭންވެސް ޖެހެއެވެ. މިއީ އަހުރެންގެ އަމިއްލަ މަސައްކަތުން ހޯދި ތަނަވަސްކަމަށް ނުވެފައި ބައްޕަގެ ކިބައިން ވާރުތަވެފައިވާ ތަނަވަސްކަމަކަށްވާތީއެވެ. ވީމާ އަހުރެންގެ ކޮއްކޮ ބަލައިގަތުމާއި ދެކޮޅުހަދާނަމަ މިހާރުވެސް ވަކިވެގެންދާންވީއެވެ. ކޮއްކޮ ދެން އުޅޭނީވެސް އަހުރެންނާއިއެކުގައެވެ. 
ފިރިމީހާ އެހެން ބުނުމުން "ރަށްފުށު ގަމާރު" ގޮވައިގެން ކަލޭ އުޅޭށޭ" ބުނެފައި އަނބިމީހާ ދިއައީއެވެ. ފިރިމީހާ އޭނާ ހުއްޓުވާކަށް މަސައްކަތެއް ނުކުރެއެވެ. އޭނާ ޤަޞްދުކުރީ ޢާއިލީ ޒިންމާއަށް އިސްކަންދޭށެވެ! 
އެއިގެ ފަހުން އޭނާ ދެކައިވެނިކުރިއެވެ. ނަމަވެސް ދަރިއަކު ނުލިބެއެވެ. މިއަދު އޭނާގެ ވިޔަފާރި ހިންގުމުގައި އިސްކޮށްހުރީ އެއިރު ބަލިވެ ހޮސްޕިޓަލުގައި އޮތް އޭނާގެ ކޮއްކޮގެ ދަރިފުޅެވެ. 
މިހުރީވެސް ކަންކަން ހިނގާ ގޮތެވެ. މިޙާދިސާއިން އަޅުގަނޑު އެންމެ ބޮޑަށް ފާހަގަކުރަން ބޭނުންވަނީ އެޒުވާނާގެ ހުރި ޢަދުލުވެރިކަމެވެ. ޢަދުލުވެރިވުމުން ކުރި ބޮޑު ފައިދާއެވެ. ހަމައެއާއިއެކު ބުނެލަން ބޭނުންވަނީ ޢޭނާގެ ފުރަތަމަ އަނބިމީހާހައި ބޮޑަށް ދަހިވެތިނުވާށެވެ! އަދި ހިތުގައި އެވަރަށް ޙަސަދަލާން ހެޔޮނުވާނެއެވެ. 
އަޅުގަނޑަށް އެނގިފައި އޮތްގޮތުން މިއަދުވެސް އެއަންހެންމީހާ ގެންދަނީ އެދުވަހު އޭނާއަށް ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކޮށް ކަރުނައަޅަމުންނެވެ.
 
- ފާޠިމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ