މުއިއްޒު ކުރެއްވި ދަތުރުގެ މޯހިރުން ފެންނަ މަންޒަރާއި ރެކޯޑުތައް މުއިއްޒު ކުރެއްވި ދަތުރުގެ މޯހިރުން ފެންނަ މަންޒަރާއި ރެކޯޑުތައް

ރައީސް މުހައްމަދު މުއިއްޒު އާ ރެކޯޑެއް ހެއްދެވިކަން ފަހުރުވެރިކަމާއެކު ރައީސް އޮފީހުން އިއްޔެ އިއުލާނުކުރި އެވެ. އެއީ، ދިވެހި ދައުލަތުގެ ވެރިޔަކު، ވެރިކަމުގެ ފުރަތަމަ 23 މަސް ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމެވެ.
ނޮވެމްބަރު 17، 2023، ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން މުއިއްޒު ފުރަތަމަ ވަޑައިގަތީ ރިޔާސީ އިންތިހާބުގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ވޯޓު ދިން، ތ. އަތޮޅު ގުރައިދޫ އަށެވެ. އެއަށް ފަހު، ފަހަރު އަތޮޅަކަށް، ރަށަކަށް ވަޑައިގަންނަވަމުން ގޮސް، މީހުން ދިރިއުޅޭ 187 ރަށަށް ވަޑައިގެން ރިކޯޑު ހެއްދެވިކަން އިއުލާނު ކުރެއްވީ އިއްޔެ ކ. ތުލުސްދޫ އަށް ވަޑައިގަތުމަށް ފަހު އެވެ.
މި ދަތުރުތަކުގެ މޯހިރުން ފެންނަ މަންޒަރު ތަފާތެވެ. އޮފު އަރުވާފައި ނެރުނު ބަޔާންތަކާއި ފެތުރި ހަބަރުތަކުގައި މުއިއްޒު ހެއްދެވީ ފަހުރުވެރި ރެކޯޑެއް ކަމާއި، އެއީ ގައުމީ ހިދުމަތާއި ލީޑަޝިޕްގެ ހަރުދަނާ ކަމާއި ކުޅަދާނަ ކަމުގެ ރަމްޒެއް ގޮތަށް ފާހަގަކުރިޔަސް، އިސްރާފާއި، ސިޔާސީ ޕްރޮޕަަގެންޑާ އަދި ކުރައްވަމުން ގެންދަވަނީ ގައުމީ ތަރައްގީގައި މީޒާން ހަރުނުލާ ދަތުރެއްކަން ހާމަވި އެވެ.
ކޮންމެ ދަތުރެއްގައި ވަޒީރުންނާއި ކުންފުނިތަކުގެ ވެރީން ހިމެނޭހެން ބޮޑު އަރުމާޒެއް ދައްކާލާއިރު، ނުދައްކާ މަންޒަރަކީ އެކަމަށް ސަރުކާރާއި ކުންފުނިތަކުންނާއި ކައުންސިލްތަކުން ކުރާ ހޭދައެވެ.
މި ދަތުރުތަކުގެ ބޭނުމަކީ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކޮށް، ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ހާލު ބައްލަވައި، ރައްޔިތުންގެ އަޑުއެއްސެވުން ކަމަށް ވެސް ބުނެފައިވެ އެވެ.
މިފަދަ ތަރާނާތައް އިއްވަމުން، ވިއްކަމުން ނޫސްތަކުގައި އެ ސުރުހީތައް އަޅަމުން ދިޔައީ ރެކޯޑު ހެދުމުގެ ނިޔަތް ފޮރުވާފައި ބާއްވައިގެން، އެކަން ހާސިލުކުރައްވަން ރައްޔިތުންގެ ފައިސާއިން ހޭދަކޮށްލީ އިސްރާފެއް ނޫންކަން ރައްޔިތުންގެ ސިކުނޑިތަކަށް ވިސްނައިދިނުމުގެ ބޭނުމުގައި ކަމަށް ގަބޫލުކުރެވެ އެވެ.
ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމަށް ވިދާޅުވި ރައީސަކު ހެއްދެވި ރެކޯޑުގެ ވާހަކަ ދައްކާއިރު، އެކަން ހާސިލުކުރަން ކުރި ހަރަދު ހާމަކޮށްލުމުން ކާމިޔާބުގެ ފުރިހަމަކަމާއި ދެކޮޅުޖެހޭ މިންވަރު އެނގޭނެ އެވެ. އޭރުން، ދައުލަތަށް އެންމެ ރަނގަޅު ގޮތަކީ، ކައުންސިލަރުން މާލެއަށް ޒިޔާރަތްކޮށް މަޝްވަރާ ކުރެއްވުންތޯ، ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ވަޑައިގެން ތަކުރާރުކޮށް ވައުދުވުންތޯ ރައްޔިތުން ހިސާބުކުރާނެ އެވެ.
މުއިއްޒުގެ ދަތުރުތަކުގައި މަޝްރޫއުތަކުގެ ބިންގާ އެޅުމާއި މަޝްރޫއުތައް ފެށުމަށް ކޮޅުވެއްޓީގައި އުފުލާ ފަހުރުވެރި އަދި ޝަރަފުވެރި ހައިމާކާއި، "އުވަދޯންޏަކީ" ހަމައެކަނި ދޭ ޝޯއެއް ނޫންކަން ވެސް ރަނގަޅުންނަށް ގަބޫލު ކުރެވިދާނެ އެވެ. ނަމަވެސް މިހާރު ދަތުރުތައް ކުރައްވާ ގޮތުންނާއި ތަރައްގީގެ ނަމުގައި ޖައްސަވާ ޗަރުކޭހުން ސޯޝަލް މީޑިއާ އާއި ރަށުގެ ހޮޅުއަށީގައި އެދަނީ ޖޯކު ޖަހަމުންނެވެ. މަލާމާތް ކުރަމުންނެވެ.
މުއިއްޒުގެ މިފަހަރުގެ ރެކޯޑާ ގުޅޭ ގޮތުން ރައީސް އޮފީހުން ސެޓުކުރީ އެ ދަތުރުތަކަކީ "މި ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ހަލުވި ދުވެލީގައި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސާފު ހެއްކެއް" ގޮތަށެވެ. މީގެ ކުރިން ރަށްރަށުން މާލެއަށް ދަތުރުކޮށް، އެކި ވުޒާރާތަކާ ވަކިވަކީން ބައްދަލުކުރައްވައިގެން ދިގުލާ މަޝްވަރާތަކާއި، އެކި މަރުޙަލާތަކުގައި ޖަވާބު ނުލިބިވާ ސިޓީތަކަށް ޖަވާބު ހޯއްދެވުމުގެ ބަދަލުގައި، ސީދާ ރައީސްއާއެކު އެއް މޭޒެއްގައި މަޝްވަރާކޮށް ކުރިއަށް ގެންދެވުމުގެ ފުރުސަތު ފަހިވެ، ތަރައްގީގެ ދުވެލި ހަލުވިވެ، ރައްޔިތުންގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހިގެންދާކަން ރައީސް އޮފީހުން ބުނެފައިވެ އެވެ.
ނަމަވެސް އެ މަޝްވަރާތަކުގައި ތަކުރާރު ކުރަނީ އެއް ވައުދުތަކެވެ. ރެކޯޑު ހެއްދެވިއިރު ތަކުރާރުކޮށް ޒިޔާރަތް ކުރެއްވި ރަށްރަށުން ފެނިގެން ދިޔައީ އިންތިހާބަށް ކަޑަޖެހުމުގައި މިހާރު ވެސް ލަދެއް ނެތްކަމެވެ. ނޫސްތަކުގެ ސުރުހީގައި އެކަނި ބިންގާ އަޅައި، ބިނާކުރި އެފަދަ މަޝްރޫއުތަކުގައި، ވިސްނުމެއް ރޭވުމެއް ނެތެވެ. އެފަދަ މިސާލުތައް ތުރާކުނުން ފެށިގެން އައްޑުއާ ދެމެދުގެ ކޮންމެ ރަށަކުން ފެންނާން އެބަ ހުއްޓެވެ.
އެންމެ މިސާލެކެވެ؛ ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ހއ. އިހަވަންދޫ ކުނިގޮނޑު ސާފުކުރުން ވެމްކޯއާ ހަވާލުކުރި އެވެ. އެ ރަށުގައި ވެމްކޯގެ ހިދުމަތް ވެސް ނަމެއްގައި ތައާރަފުކޮށް މުވައްޒަފުން ވެސް ނެގި އެވެ. ނަމަވެސް އެއްވެސް ކަމެއް ފުރިހަމަ ނުކުރެވުނެވެ. އައްޑޫ ބްރިޖު ވެސް ދެ ޕާޓީއާ ހަވާލުކޮށްފި އެވެ. ކޮންމެ ދަތުރަކާ ދިމާކޮށް ރަށުގައި ހުއްޓިފައި ހުރި މަޝްރޫއުތައް ބިންގާއިރު، ބައެއް މަޝްރޫއުތަކަށް ހަރަދު ވަނީ ކިހާ ވަރެއްކަން ވެސް މުއްދަތެއް ވެސް ހާމައެއް ނުކުރެ އެވެ.
ކިތަންމެ ބައިވަރު ދަތުރެއް ކުރެއްވިޔަސް، ކަނޑުއަޑީގެ ޓަނަލާއި، ތިނަދޫ، ވިލިނގިލީ އެއާޕޯޓުގެ ހިޔާލީފޮލަ އާއި ތ. އަތޮޅުގެ ތިން އެއާޕޯޓާއި ށ. ގެ ހަތަރު އެއާޕޯޓަކީ ފެންހިފޭ ތަރައްގީގެ ޕްލޭނެއް ނެތްކަމުގެ ރަމްޒުތަކެކެވެ. މިފަދަ މިސާލުތައް ވެސް އަދި މުއިއްޒު ރިޔާސަތުގައި ހެއްދެވި ރެކޯޑުތައް ސުމާރެއް ނެތް މިންވަރަށް ލިސްޓު ކުރެވިދާނެ އެވެ. އެފަދަ ރެކޯޑުތަކުގެ ތެރޭގައި؛
މި ބާބުގައި ހިމެނިދާނެ ރެކޯޑުތައް ބައިވަރު އެބަ ހުއްޓެވެ. (ތިޔަ ފަރާތުގެ ގަބޫލު ކުރެވޭ ރެކޯޑެއް ނަމަ، މި ލިޔުމުގެ ކޮމެންޓެއްގެ ގޮތުގައި ހިއްސާކޮށްދޭށެވެ.)
--
ވެރިޔެއްގެ ލީޑަޝިޕާއި ކާމިޔާބީ މިންކުރާނީ ދަތުރުތަކުގެ އަދަދަކުން ނޫނެވެ. ރައްޔިތުންގެ ދިރިއުޅުން ބާއްޖަވެރިކުރުމަށާއި، ހިންގުމާއި މުއައްސަސާތައް ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތްތަކާއި ގާނޫނުއަސާސީ ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތުގެ އާރުލާ މިންވަރުގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ