ހެލްތު ސެޓްފިކެޓާ ނުލައި ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިން މައްސަލައިގައި ޕޯޓް ކްލިއަރެންސްގައި މަސައްކަތްކުރާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ 2 އޮފިސަރަކަށް ދައުވާކުރަން ޕީޖީ އޮފީހުން ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ މާޗުގެ ތެރޭގައި ހިނގާދިޔަ އެ މައްސަލައިގައި އެމްއެފްޑީއޭގެ އޮފިސަރުންތަކަކަށް ތުހުމަތު ކުރަނީ ރާއްޖެއަށް ކާބޯތަކެތި އެތެރެކުރަން ބޭނުންވާ ހެލްތު ސެޓްފިކެޓާ ނުލައި ކަނޑުމަގުންނާއި ވައިގެ މަގުން ރާއްޖެއަށް ޝިޕްމަންޓުތަކެއް އެތެރެކުރަން ކްލިއަރެންސް ދިން ކަމަށެވެ.
ތަފްސީލު - ޕީޖީ އޮފީހުން އެ މައްސަލައިގައި ދައުވާކުރަން އެދި ކްރިމިނަލް ކޯޓަށް ހުށަހެޅީ މިއަދު އެވެ.
އެ މައްސަލައިގައި ތުހުމަތު ކުރާ އެމްއެފްޑީއޭގެ އޮފިސަރުންނާއި އެ މީހުންނަށް ކުރާ ދައުވާތަކަކީ:
އަހްމަދު ހާޝިމް، ދަފްތަރު ރސ 9244
އަހްމަދު ޒާހިރު، އަރަފާތު/ގދ. ތިނަދޫ
މި ދެ މީހުންނަށް ވެސް ކުރަނީ ގާނޫނުލްއުގޫބާތުގެ 512 ވަނަ މާއްދާގެ (ހ)ގެ ދަށުން، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ 3 ދައުވާ
ކޮންމެ ދައުވާއަކަށް ކަނޑައަޅާފައިވާ އަދަބަކީ 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
އެނގުން މުހިންމު - ދައުވާ ލިބޭ މީހުންގެ ފަރާތުން ނަސޭހަތުގެ އެއްބަސްވުމެއް ވާން އެދި އެ އޮފީހަށް ހުށަހެޅި ނަމަވެސް ޕީޖީ އޮފީހުން ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
"މި ކުށަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅުންހުރި ކުށަކަށްވެފައި، ކާބޯތަކެތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ހެދިފައިވާ ގާނޫނުތަކާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ، އާންމު މަސްލަހަތު ވަޒަން ކުރުމަށްފަހު ނަސޭހަތުގެ އެއްބަސްވުމެއް ނުހެދުމަށް މި އޮފީހުން ނިންމާފައިވާނެ އެވެ،" އެ އެއްބަސްވުމަށް އިންކާރު ކުރި ސަބަބު ބަޔާންކޮށް ޕީޖީ އޮފީހުން ބުނެ އެވެ.
ގަވާއިދާ ހިލާފަށް ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިން މައްސަލައިގައި ދައުވާ ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ