ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން މި އަހަރުގެ ރިޔާސީ
އިންތިހާބުގައި ވަކިން ވާދަކުރަން އިއްޔެ ނިންމި ނިންމުމާ ގުޅިގެން މިހާރު އޮތް ކޯލިޝަން
ރޫޅާލަން ޖެހޭ ނަމަ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެސް މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް
އެ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު
ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - 9 ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ
އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރުމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި
އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގަ އެވެ.
މިހާރު ވެރިކަންކުރާ ކޯލިޝަންގައި ޖޭޕީ ހިމެނޭއިރު، މި ހާލަތުގައި ކޯލިޝަން އެއްބަސްވުމުގެ ދަށުން ޖޭޕީގެ ފަރާތުން ސަރުކާރުގެ ސްލޮޓުތަކުގައި ތިއްބެވި ބޭފުޅުންގެ
ކުރިމަގާ އަދި ރައީސް އިބްރާހިމް ސޯލިހް ޖޭޕީއާ މެދު އަމަލުކުރައްވާނެ ގޮތަކާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. މި ދަނޑިވަޅުގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ވިދާޅުވީ
ޖޭޕީން ކެންޑިޑޭޓަކު ނެރޭ ނަމަ، ކަންތައް ކުރައްވާނެ ގޮތަކާ މެދު ރައީސް ސޯލިހު
ޖުމްހޫރީ ޕާޓީގެ ލީޑާޝިޕާއި އެ ޕާޓީގެ ލީޑަރު ގާސިމް އެކު މަޝްވަރާ
ކުރައްވާނެ ކަމަށާއި ސަރުކާރުގައި ދެ ރިޔާސީ ކެންޑިޑޭޓުން ތިބެގެން ކުރިއަށް
ވަޑައިގަތުމަށް ދަތިވާނެ ކަމަށެވެ.
ބުނީ ކީކޭ؟ - މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާސިމް އެ ގޮތަށް
ވިދާޅުވީ، ޖޭޕީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމުމުމުން ސަރުކާރުގައި
އެ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ފަރާތްތައް މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް، ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ:
މިހާރު ވެރިކަން ކުރާ
ކޯލިޝަން 18 ނޮވެމްބަރާ ހަމައަށް ދެމި އޮންނާނެ؛ އެއީ އެއްބަސްވެފައިވާ ގޮތް
އަންނަ ރިޔާސީ އިންތިހާބުގައި ޖޭޕީން ރައީސް ސޯލިހާ އެކު ކޯލިޝަން ނުހެދުމަކީ މިހާރު ވެރިކަން ކުރާ ސަރުކާރު ކޯލިޝަން ރޫޅާލަން ޖެހޭ ސަބަބެއް ނޫން
ގާސިމް ވިދާޅުވީ ޖޭޕީގެ ސްލޮޓުތަކުގައި ސަރުކާރު މަގާމުތަކުގައި ތިއްބެވި
ބޭފުޅުން އިސްތިއުފާދެއްވަން ޖެހޭ ފަދަ މޭރުމަކުން ބައެއްމެމްބަރުން ވާހަކަދައްކަވާއިރު،
ކޯލިޝަން އެއްބަސްވުމުގެ ދަށުން ޖޭޕީއަށް "ބައިކުޅަ ބައެއް ވެސް ދެއްވުނުތޯ"
ވިސްނަވަން ޖެހޭ ކަމަށެވެ.
"މިހާރު ދެއްވާފައި ހުރި މަގާމުތަކުން އިސްތިއުފާ ދިނުމުގެ ވާހަކަ
އެއީ ލަދުވެތިކަމެއް ކަމަށް ފާހަގަކުރެވޭ ނަޒަރިއްޔާތަކުން ވާހަކަދެއްކެވުމުން
ދަންނަވާލާނަން، އެއީ އެއްގޮތަކަށް ވެސް ލަދުވެތި ކަމެއް ނޫން. މި އަހަރުގެ ނޮވެމްބަރު
މަހުގެ 18 ވަނަ ދުވަހާ ހަމައަށް ދެމިގެންދާ އެއްބަސްވުމެއްގައި އަޅުގަނޑުމެން ސޮއިކޮށްގެން
މި ސަރުކާރުގައި މި ތިބީ. އެހެން ވެއްޖެ ކަމަށް ވަންޏާ އިއްޒަތްތެރި
ރައީސުލްޖުމްހޫރިއްޔާ ވެސް ޖެހޭނީ އިސްތިއުފާ ދެއްވަން،" އޭނާ ވިދާޅުވި އެވެ.
"މި އަހަރުގެ ނޮވެމްބަރު މަހުގެ 18ގެ ކުރިން އެއްވެސް ބޭފުޅަކު އިސްތިއުފާ ދެއްވުމަށް އަޅުގަނޑެއް ނުދަންނަވާނަން. އަޅުގަނޑަށް ފެންނަނީ އެއްގޮތަކަށް ވެސް އިސްތިއުފާ ނުދެއްވުމަށް."
ގާސިމް ވިދާޅުވީ ކޯލިޝަން އެއްބަސްވުމުގެ ދަށުން ރިޔާސީ އިންތިހާބުގައި ވަކިން
ވާދަކުރުމުގެ ފުރުސަތު ކޮންމެ ޕާޓީއަކަށް ވެސް ލިބޭ ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ގިނަ ޕާޓީތައް ހަދައިގެން ތިބުމުގެ ބޭނުމަކީ ވެސް
އެއީހެން،" އޭނާ ވިދާޅުވި އެވެ.
ޖޭޕީގެ ނިންމުމާ ހެދި ކޯލިޝަން ރޫޅޭ ނަމަ، ރައީސް ވެސް އިސްތިއުފާ ދޭން ޖެހޭ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ