ޝެއިޚް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އުސްމާން އަބްދުﷲ އަވަހާރަވެއްޖެ އެވެ.
ޝެއިހް އުސްމާން އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އިސްލާމްދީން އުނގަންނައިދެއްވުމާއި ދީނީ ރޮނގުން ހޭލުންތެރިކަން އިތުރުކުރެއްވުމުގެ ރޮނގުން ޝެއިހް އުސްމާން، ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަދި މިހާރުވެސް ކޮށްދެއްވަމުން ގެންދަވާ ހިދްމަތްތަކަކީ ދިވެހި ކޮންމެ ފަރުދަކު ހިތްހެޔޮކަމާއެކު ބަލައިގަންނަ ހިދުމަތްތަކެކެވެ.
ގައުމީ އިނާމާއި ޝަރަފުވެރި ކަމުގެ ގައުމީ އިނާމު ވެސް  ލިބިވަޑައިގެންފައިވާ ޝެއިހް އުސްމާން، ކުއްލިއްޔާ އުސޫލުއްދީން ވައްދައުވާ އިން މަތީ ތައުލީމު ހާސިލު ކުރެއްވުމަށްފަހު ރާއްޖެ ވަޑައިގެން ދީނީ ރޮނގުން ތަފާތު އެތައް ހިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ. ކިޔަވާ ވިދާޅުވެގެން މާލެ ވަޑައިގެން ފުރަތަމަ ކުރެއްވީ ދީނީ ރޮނގުން ނަސޭހަތް ދެއްވުމަށް އެކިރަށްރަށަށް ވަޑައިގަތުމުގެ މަސައްކަތްޕުޅެވެ. އޭގެފަހުން [މަދްރަސަތުއްތައިބާ] ގެ ނަމުގައި މާލޭގައި ސްކޫލެއް އުފައްދަވައި އެތަން އުވާލަންދެންވެސް އެތަނުގައި ކިޔަވައިދެއްވަމުން ގެންދެވިއެވެ. އަދި އޭނާގެ އުފަން ރަށް ށ. މަރޮށީގައި އޭނާގެ އާއިލީ ސްކޫލެއް ކަމުގައިވާ މަދްރަސަތުލް މުނައްވަރާގެ ކަންކަން އަމަލީ ގޮތުން ބެލެހެއްޓެވުމުގެ މަސްއޫލިއްޔަތުވެސް އުފުއްލެވިއެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ވަރަށްގިނަ ރަށްރަށަށް ޢުސްމާން ވަނީ ޒިޔާރަތް ކުރައްވައި ދީނީގޮތުން މީހުން ހޭލުންތެރި ކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގަވާފައެވެ.
ޝެއިހް އުސްމާންގެ އަޑު، ރާއްޖޭގެ ހަބަރުފަތުރާ ވަސީލަތަކުން ނީވޭ ދުވަހެއް މަދުވާނެ އެވެ. އެހާވެސް ބޮޑަށް އެ ދާއިރާއާ ގުޅުން ބޮޑެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ އިލްމު މުޖުތަމައުގެ ފައިދާއަށްޓަކައި ބޭނުންކުރައްވަމުން ގެންދެވި އެވެ. ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޒަން މޯލްޑިވްސްއިން ފޮނުއްވާ ދީނީ އެކި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން ތަފާތު އެތައް މައުލޫއަކަށް ދީނީ ނަސޭހަތްވަނީ ދެއްވާފައެވެ. އަދި ވަގުތުން ގެނެސްދޭ އެކި ޕްރޮގްރާމްތަކުގައިވެސް ބައިވެރިވެވަޑައިގެން އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވައި އުސްމާނަށް އެނގިވަޑައިގެން ހުންނެވި މިންވަރަކުން ދީނީ ކަންކަން ގެންދަވަނީ ރައްޔިތުންނަށް އޮޅުންފިލުއްވައި ދެއްވަމުންނެވެ. ވަގުތުވެވަޑައިގެންނެވި މިންވަރަކުން ޕްރޮގްރާމްތަކުގައި އޭނާ ބައިވެރިވެވަޑައިގަންނަވަމުން ގެންދެވީ އެއީ ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމަށް ދެކެވަޑައިގެންނެވެ.
ރާއްޖޭގައި ޒަކާތުގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށް އެންމެބޮޑަށް މަސައްކަތްޕުޅު ކުރެއްވި ބޭފުޅަކީ އުސްމާން އަބްދުﷲ އެވެ.. 1983 ވަނަ އަހަރު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ޒަކާތާބެހޭ އޮފީހުގެ ނަމުގައި އޮފީހެއް އުފައްދަވައި އެތަން ހިންގެވުމުގެ މަސްއޫލިއްޔަތު، އުސްމާން އަބްދުﷲއާ ހަވާލުކުރެއްވިއެވެ. އުސްމާން ހުށަހެޅުއްވި ޒަކާތާބެހޭ ތަފާތު ގިނަ ޕްރޮގްރާމްތަކެއް ވަނީ ދިވެހިރާއްޖޭގެ އަޑުންނާއި ޓެލެވިޒަން މޯލްޑިވްސް އިން ފޮނުއްވާފައެވެ.
އުސްމާން އަބްދުﷲ އަކީ ދީނީ ރޮނގުންވެސް ތަފާތު އެތައް ފޮތްތަކެއް ލިޔުއްވާފައިވާ ބޭފުޅެކެވެ. އޭގެތެރޭގައި ދަމުނަމާދާއި ސުންނަތް ނަމާދުތައް، މިފޮތާއި، އިސްލާމްދީނުގައި އަންހެނުންގެ އައުރަ ނަމުގައި ލިޔުއްވި ފޮތް ހިމެނެއެވެ. އަދި ތަރުޖަމާ ކުރައްވާފައިވާ ފޮތްތަކުގެ ތެރެއިން ފިގުހުއް ސުންނާ ފޮތާއި ނަމާދާއި ހައްޖާއި ރޯދައާ ބެހޭގޮތުން ކުރެވިފައިވާ ސުވާލުތަކަކަށް ސައުދީ އަރަބިއްޔާގެ މުފްތީއެއް ކަމުގައިވާ ޝައިހް އުސައިމީން ދެއްވާފައިވާ ޖަވާބުތަކެއްގެ ތަރުޖަމާ ހިމެނެއެވެ. މި ހުރިހާ ފޮތްތަކަކީ ޗާޕުކުރައްވައި ޝާއިއު ކުރައްވާފައިވާ ފޮތްފޮތެވެ.
އުސްމާން ތަރުޖަމާ ކުރައްވައި، ޝާއިޢު ނުކުރެއްވި ހުރި ވަރަށްގިނަ ފޮތްތައްވެސް އެބަހުއްޓެވެ. އުސްމާންގެ އެކިއެކި ލިޔުއްވުންތައް ރާއްޖޭގެ އެކިއެކި ނޫސް މަޖައްލާތަކުގައިވެސް ޝާއިއު ކޮށްފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހަފްތާއަކު އެއްފަހަރު އޭރު ނެރުއްވަމުން ގެންދެވި ދީނުގެ މަގު ނޫހަށްވެސް އޭނާ ގަވާއިދުން ލިޔުއްވި އެވެ.
ކުރީގެ މައުހަދުއް ދިރާސާތިލް އިސްލާމިއްޔާ އުފެދުނީއްސުރެ މުދައްރިސެއްގެ ގޮތުން އުސްމާނު ވަނީ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައެވެ. އަދި އިމާމުން ތަމްރީނުކުރާ ކޯހުގައި ކިޔަވައިދެއްވައި އިމާމުން ތަމްރީނު ކުރެއްވުމުގައިވެސް ވަރަށް މުހިންމު ހިއްސާ އެއް އަދާކުރައްވާފައިވެއެވެ.
އުސްމާން އަބްދުﷲ އަކީ ޒަކާތާބެހޭ އޮފީހުގެ އިތުރުން، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާޒްގަޔާއި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގަޔާއި އިސްލާމީ ކަންތައްތަކާބެހޭ އެންމެމަތީ މަޖިލީހުގައި ދިގު މުއްދަތަކަށް ހިދްމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ވަރަށް ފަހަކާ ޖެހެން އޭނާ އެހީތެރިކަން ދެއްވަމުން ގެންދެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ