ޕެންޝަން ފައިސާ އިން ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ހަދާނަން: މުޢިއްޒު

ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ތަފާތު ބޭނުންތައް ކުރެވޭ ގޮތަށް ޕެންޝަން ގާނޫނު އިސްލާހުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓުން ކުރި ހޯއްދަވާފައިވާ ކެންޑިޑޭޓް ޑރ. މުޢިއްޒު މިހެން ވިދާޅުވީ، އދ. މަހިބަދޫގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މުޢިއްޒު ރޭ ވިދާޅުވީ، ޕެންޝަން ފަންޑުގައި 20 ބިލިއަން ރުފިޔާ އެބަ ހުރި ކަމަށެވެ. އަދި ފައިދާގެ ގޮތުގައި އެކަނި ވެސް އަހަރަކު 100 މިލިއަން ރުފިޔާ އެ ފަންޑަށް ޖަމާވަމުންދާ ކަމާއ، ނަމަވެސް މިހާރު ގާނޫނު އޮތް ގޮތުން އެ ފަންޑުން އެންމެ އެދެވޭ މަންފާ ނުލިބޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
މުޢިއްޒު ވިދާޅުވީ، ޕެންޝަން ފަންޑަކީ ވަރަށް ބޮޑު ފަންޑެއް ކަމަށާއި، އެހެންނަމަވެސް އެ ފަންޑުގެ ގާނޫނު ހެދިފައި އޮންނަ ގޮތުން ފަންޑުގެ އަހުލުވެރިންނަށް މާ ބޮޑު ފައިދާއެއް ނުވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާ އެކު ޕެންޝަން ގާނޫނު އިސްލާހުކޮށް ޕެންޝަން ފައިސާ ތަފާތު ބޭނުންތަކަށް ބޭނުންކުރެވޭ ގޮތް ހައްދަވާނެ ކަމަށް މުޢިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.
ޕެންޝަން ފަންޑުގައި ހުންނަ ފައިސާއިން އެ ފަންޑުގެ އަހުލުވެރިންނަށް އެދެވޭ މަންފާއެއް ނުކުރާކަމަށް އެ ފަންޑުގެ ގިނަ ބައިވެރިން އަންނަނީ ބުނަމުންނެވެ. ރައީސް ޞާލިޙް ވެރިކަމަށް ވަޑައިގަތުމަށްފަހު ހައްޖުގެ އަޅުކަން އަދާކުރުމަށާއި، މާލޭ ސަރަހައްދުން އެޕާޓްމަންޓް ގަތުމަށް ޑައުން ޕޭމަންޓް ދެއްކުމަށް އެ ފަންޑުގެ ބޭނުން ކުރެވޭގޮތް ވަނީ ހަދާފައެވެ.
އިދިކޮޅު ކެންޑިޑޭޓް ޑރ. މުއިއްޒުގެ ވިސްނުން ހުރީ ތައުލީމު ހާސިލްކުރުމަށާއި، އަމިއްލަ ގެދޮރު އިމާރާތް ކުރުމަށާއި، އަލަށް ވިޔަފާރިއެއް ފެށުން ފަދަ ކަންކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ އިން ކޮންމެވެސް ވަރެއް ނެގޭ ގޮތް ހެދުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ