ވޮޝިންޓަން، ޔުނައިޓެޑް ސްޓޭޓްސް (މެއި 23) - ކޮންގޯގައި ހަލުވި ކަމާ އެކު އެބޯލާ ފެތުރޭތީ ކޮންގޯގެ ގައުމީ ފުޓްބޯޅަ ޓީމު، ފީފާ ވޯލްޑް ކަޕް ކުޅެން އެމެރިކާ އަށް ދިއުމުގެ ކުރިން، 21 ދުވަހު ކަރަންޓީނުގައި މަޑުކުރަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް އެކުލަވާލާފައިވާ ފީފާ ވޯލްޑް ކަޕްގެ ޓާސްކްފޯސްގެ ޗީފް، އެންޑްރޫ ގިއުލިއާނީ ވިދާޅުވެއްޖެ އެވެ.
އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި، ގިއުލިއާނީ ވިދާޅުވީ، ފީފާ ވޯލްޑް ކަޕްގައި ކުޅެން، އެމެރިކާ އަށް ކޮންގޯ ޓީމުން އައުމުގެ ކުރިން ބެލްޖިއަމްގައި އެ ޓީމުން 21 ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެ ކަމަށެވެ.
"އަހަރެމެން ވަރަށް ސާފުސީދާ އިބާރާތުން ކޮންގޯ ސަރުކާރަށް އަންގައިފިން، ކޮންގޯ ޓީމުން ވޯލްޑް ކަޕްގައި ކުޅެން އަންނަން ޖެހޭނީ ކަރަންޓީނުގައި 21 ދުވަސް ހޭދަކޮށްފައިކަން، އެ ބަބްލް ތެރޭގައި ތިބެފައި އެ ޓީމަށް ވޯލްޑް ކަޕަށް އާދެވޭނީ،" ގިއުލިއާނީ ވިދާޅުވި އެވެ.
ރިޕޯޓްތައް ބުނާގޮތުން، ކޮންގޯ އިން އެމެރިކާގެ މި އެންގުމާ އެއްގޮތަށް އަމަލުކުރުމާ މެދު ވަކިގޮތެއް ނިންމާފައިނުވެ އެވެ. އެ ގޮތުން، ކޮންގޯ ޓީމުން އެ ގޮތަށް ބުނެފައިވަނީ، ފީފާ ވޯލްޑް ކަޕްގައި ކުޅެން ކޮންގޯގެ ސްކޮޑުގައި ހިމަނާފައިވާ ގިނަ ކުޅުންތެރިންނަކީ ޔޫރަޕްގެ ގައުމުތަކުގައި ކުޅޭ ކުޅުންތެރިންނެވެ. މެޖޯރިޓީ ކުޅުންތެރިން ކުޅެނީ ފްރާންސް ލީގުތަކުގަ އެވެ. އެހެންކަމުން، ކޮންގޯގައި ފެތުރޭ އެބޯލާ ވައިރަހާ ކޮންގޯ ޓީމާ ގުޅުމެއް ނެތްކަމަށް އެ ޓީމުގެ އޮފިޝަލުން އަންނަނީ ބުނަމުންނެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ލޭބަލްކޮށްފައިވާ ގޮތުގައި، ކޮންގޯގައި އެބޯލާ ވައިރަސް އޮތް ހާލަތު ގޯހެެވެ. މިހާތަނަށް ކޮންގޯ އިން 82 މީހަކަށް އެބޯލާ ޖެހިފައިވާއިރު، ކޮންޓެކްޓް ޓްރޭސިން އާއި މޮނީޓަރިންގައި ވެސް ގިނަ ބަޔަކު އެބަތިބި އެވެ.
ކޮންގޯ އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު 17 ވަނަ ކުޅޭނީ ޕޯޗުގަލްއާ ދެކޮޅަށް އެމެރިކާގެ ހޫސްޓަންގަ އެވެ. ޖޫން 23 ވަނަ ދުވަހު، ކޮންގޯ އިން ކޮލަމްބިއާއާ ދެކޮޅަށް ކުޅޭ މެޗު އޮތީ މެކްސިކޯގަ އެވެ. އަދި، ގްރޫޕް ސްޓޭޖުގައި ކޮންގޯ ކުޅޭ ފަހު މެޗުގައި އަންނަ މަހު 27 ވަނަ ދުވަހު، އުޒްބެކިސްތާނާ ބައްދަލުކުރާ މެޗު އޮތީ އެޓަލަންޓާގަ އެވެ.
އެބޯލާ ފެތުރޭތީ ވޯލްޑް ކަޕަށް އައުމުގެ ކުރިން ކޮންގޯ ޓީމު ކަރަންޓީނުވާން އެމެރިކާ އިން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ