މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުގެ މަޝްރޫއުއަށް ބަދަލުތަކެއް

ހުޅުމާލޭގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ތަރައްގީކުރަން ސޮއިކުރި 8.8 ބިލިއަން ޑޮލަރު (ގާތްގަނޑަކަށް 135 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް ގެނައުމަށް އެ މަޝްރޫއު ހިންގަން ހަވާލުވި ކުންފުނިން ހުށަހަޅާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ. 
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ނޫސްވެރިޔަކު ސުވާލުކުރީ އެ މަޝްރޫއުގެ މަސައްކަތްތައް ކުރިއަށްނުދާ ސަބަބު އޮޅުންފިލުވުމަށެވެ. އެ ސުވާލުގެ ޖަވާބުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މަސައްކަތް ނުހުއްޓޭ ކަމަށް ވިދާޅުވެފަ އެވެ.
"އެ ބޭފުޅުންގެ މަސައްކަތުގެ ސްކޯޕަށް ބަދަލެއް ގެންނެވި ކަމަށް ވަނީ. އޭގެ މާނައަކީ ފުރަތަމަ މަޝްރޫއު ހުށަހެޅުއްވިއިރު ގެންގުޅުއްވި ސްކޯޕަށް އެ ބޭފުޅުން އަމިއްލައަށް ބޭނުންފުޅުވެގެން ހުށަހަޅުއްވައިގެން ކަމާބެހޭ ފަރާތްތަކުން ރިވައިޒްޑް ސްކޯޕްގެ ފީސިބިލިޓީ އާއި އެޕްރޫވަލްސްއާ ކަންކަން ކުރިއަށްދަނީ،" މުންދު ވިދާޅުވި އެވެ. 
މަޝްރޫއުގެ ސްކޯޕަށް އެ ކުންފުނިން ގެންނަނީ ބޮޑު ބަދަލެއް ކަމަށާއި އެ މައުލޫމާތާއި މަޝްރޫއު ކުރިއަށްދާނެ ގޮތުގެ ތާވަލެއް ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް މުންދު ވިދާޅުވި އެވެ. 
"އަޅުގަނޑަށް ހީވަނީ ބޮޑުހެން ވަނީ އިތުރަށް، އެކަމަކު ބަދަލެއް ހަމަ ގައިމުވެސް އެއަށް އާދާ،" ތަރުޖަމާނު ވިދާޅުވި އެވެ. 
މި މަޝްރޫއު އެންމެ ފުރަތަމަ ހިންގަން އުޅުނީ ހުޅުމާލޭގަ އެވެ. ގަތަރުގެ ޝާހީ އާއިލާއަށް ނިސްބަތްވާ ކަމަށް ބުނާ ޝެއިހު ނަޔެފް ބިން އީދް އަލް ތާނީގެ 'އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް' އާ މަޝްރޫއު ހަވާލުކުރިތާ އަހަރަކަށްވުރެ ގިނަ ދުވަސްވަނި ވެފަ އެވެ. މިހާތަނަށް މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުހިނގަ އެވެ. 
ފައިނޭންޝަލް ސެންޓަރު 2030 ވަނަ އަހަރަށް ނިންމާލެވޭނެ ކަމަށާއި، އޭރުން ރާއްޖޭގެ ޖީޑީޕީ ދެގުނަވެ، ފަތުރުވެރިކަމަށް ބަރޯސާވުން ނިމުމަކަށް އަންނާނެ ކަމަށް ސަރުކާރުން މީގެކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ